އޮލިމްޕިކްގެ ރައީސަކަށް ޗަމްޕީ، ނައިބަކަށް ތޮލާލްއާއި އަހުމަދު އިސްމާއިލް
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އައު ރައީސްގެ މަގާމަށް މިހާރރުގެ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން ކުރައްވަމުން އަންނަ މުޙައްމަދު އަބްދުލްސައްތާރު (ޗަމްޕީ) ފުރިހަމަ އަގުލަބިއްޔަތަކާއެކު އިންތިޚާބުކޮށްފިއެވެ. ހެންވޭރު ދަނޑުގައި މިއަދު ވަނީ އެމްއޯސީގެ އިންތިހާބީ ކޮންގްރެސް ބާއްވައިފަ އެވެ. މި ކޮންގުރެހުގައި ރައީސްކަމަށް ކުރިމަތިލެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން ފަހު ވަގުތު ވާދަކުރެއްވީ، ޗަމްޕީގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ. ރައީސް ކަމަށް ކުރިމަތިލެއްވި، އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު އިއްޔެ ވަނީ ނަން އަނބުރައި ގެންދަވައިފަ އެވެ. މި ފަހަރުގެ އިންތިޚާބު ޗަމްޕީ ކާމިޔާބުކުރެއްވީ 18 ވޯޓުގެ ތެރެއިން 11 ވޯޓު ހޯދައިގެންނެވެ. މި އިންތިޚާބުގައި ނައިބު ރައީސުންގެ މަގާމަށް ހޮވާފައިވަނީ ޗަމްޕީގެ ޓީމުގައި ހިމެނުނު އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ތޮލާލާއި، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު އިސްމާއީލެވެ. ދެން ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލެވެ. އެ މަގާމަށް ފައިސަލް ކުރިމަތިލެއްވީ ނޮން-އޮލިމްޕިކް ސްޕޯޓްސްގެ ސްލޮޓެއްގައެވެ. އެކްސްކޯގެ އޮލިމްޕިކް ސްޕޯޓްސް ކެޓެގެރީ އަށް ކުރިމަތިލި 10 އެސޯސިއޭޝަންގެ ތެރެއިން އިންތިހާބު ކުރި ހަ އެސޯސިއޭޝަނަކީ، ބެޑްމިންޓަން އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، ސާފިން އެސޯސިއޭޝަން، ޓީޓީ އެސޯސިއޭޝަން، ޓެނިސް އެސޯސިއޭޝަން، ވޯލީބޯލް އެސޯސިއޭޝަނެވެ. އެ ކެޓެގަރީގައި ނުހޮވުނު ހަތަރު އެސޯސިއޭޝަނަކީ، ފުޓްބޯޅަ، ހޭންޑްބޯލް، އެތުލެޓިކްސް އަދި ސްވިމިންނެވެ. ނޮން އޮލިމްޕިކް ސްޕޯޓްސް ކެޓެގަރީ އަށް ހަތަރު އެސޯސިއޭޝަނުން ކުރިމަތިލި އެވެ. އެއީ ކްރިކެޓް ބޯޑް، ޗެސް އެސޯސިއޭޝަން، ބޮޑީ ބިލްޑިން އަދި މޯލްޑިވްސް ޕޫލް ބިލިއަޑް އެވެ. އެ ކެޓަގަރީގައި ހޮވުމަށް ހަމަޖެހިފައިވަނީ ދެ އެސޯސިއޭޝަނެކެވެ. އެ މަގާމަށް ހޮވުނީ، ބޯޑީ ބިޔުލްޑިން އެސޯސިއޭޝަނާއި ޗެސް އެސޯސިއޭޝަނެވެ. ރައީސްއަކަށް މިއަދު ހޮވުނު ޗަމްޕީ ވަނީ މީގެ ކުރިން ވެސް އެމްއޯސީގެ އިސްމަގާމުތަކެއް ފުރުއްވައިފަ އެވެ. އެގޮތުން އެމްއޯސީގެ ނައިބުކަން ވެސް ޗަމްޕީ ކުރިން ކުރެއްވިއެވެ. އެމްއޯސީގެ ފުރަތަމަ ރައީސް އަކީ ދިވެހި ކުޅިވަރުގެ ހިދުމަތްތެރިޔާ, ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މ. މަޚުމާވިލާ އިބްރާހިމް އިސްމާއީލް އަލީ އެވެ. އޭގެ ފަހުން މިދިޔަ ދެ ދައުރުގައި ރައީސްކަން ކުރެއްވީ މުހައްމަދު ޝަވީދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ