ވިޔަފާރިއަށް ދަތިކުރަނީ ގާނޫނާ ހިލާފުވެގެނެއް ނޫން، އެއީ އެހެން ކަމެއް: ގާސިމް
ވިލާ ގުރޫޕުގެ ވިޔަފާރިއަށް ގެއްލުން ދިނުމުގެ އަމަލުތަކެއް ހިންގަނީ ގާނޫނާ ހިލާފުވެގެން ނޫން ކަމަށާއި އެއީ މުޅިން އެހެން ކަމެއް ކަމަށް ވިލާ ގުރޫޕުގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ވިލާ ގުރޫޕުގެ ހަތަރު ރިސޯޓަކަށް ގަވައިދާ ގާނޫނާ ހިލާފަށް ބަނގުރާ އެތެކޮށްފައިވާ ކަމަށް ބުނެ ކަސްޓަމްސް އާއި ފުލުހުން ވަނީ އެތަންތަން ބަލާ ފާސްކޮށްފައެވެ. އަދި ވިލާގެ ފަން އައިލެންޑް ރިސޯޓުގައި ހުރި ބައެއް ބަނގުރާވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ގާސިމް ވިލާ ގުރޫޕުގެ މުވައްޒަފުންނަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ވިޔަފާރިއަށް ފިއްތުންތައް ކުރިމަތި ކުރުވަނީ ގާނޫނާ ހިލާފުގެން ނޫން ކަމަށެވެ. އަދި " ދުވަހަކުވެސް ގާނޫނާ ހިލާފު ނުވާނަން" ކަމަށް ގާސިމް ވިދާޅުވި އެވެ. " ދިމާވެގެން މިއުޅެނީ އެހެން ކަންތައްތަކެއްގެ އަސަރު. އެހެންވީމަ މިކަންތައްތަކުގެ މައުލޫމާތު ތިޔަ ލޮބުވެތި މުވައްޒަފުންނާއި ހިއްސާކުރުމަކީ ކުރަން ޖެހޭ ކަމެއް. އެއީ ތިޔަ ލޮބުވެތި މުވައްޒަފުންނަށް އެނގި ޔަގީން ކުރެވިފައި އޮންނަން ޖެހޭނެވެސް ކަމެއް،" ގާސިމްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. ގައުމުގެ ހެވާ ލާބަޔަށް ކުރާ މަސައްކަތް ހުއްޓުވާލުމަށް ސަރުކާރުން ވިޔަފާރިއަށް ގެއްލުންދޭ ކަމަށް ގާސިމް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ވިދާޅުވީ "ސިޔާސީ މަސައްކަތަކީ މަގާމާ ދަރަޖަވެރިކަމާ ޝުހުރަތު ހޯދުމަށް ކުރާ ކަމެއް ނޫން،" ކަމަށެވެ. ސިޔާސީ ގޮތުން ކުރައްވަނީ ދިވެހިންނަށް ހެޔޮގޮތް ހޯދައި ދިނުމުގެ މަސައްކަތް ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ގައުމާ ރައްޔިތުންނަށްޓަކައި އޭނާގެ ނިޔަތުގެ އިހުލާސްތެރިކަން ގިނަ މީހުން ގަބޫލު ކުރާނެ ކަމަށެވެ. " ފާއިތުވި ދުވަސްތަކުގައި އަޅުގަނޑު އިހުތިޔާރުކުރި ކޮޅަކަށް އިންތިހާބު ތަކުގައި ބާރު ލިބުމަކީ އެކަމުގެ ހެއްކެއް،" ގާސިމް މުވައްޒަފުންނަށް ފޮނުވި ސިޓީގައި ބުނެފައުވެ އެވެ. ދައުލަތުގެ ޓެކްސް އިދާރާ މިރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާސިމްގެ ވިލާ ގުރޫޕުގެ ހަތަރު ރިސޯޓަކުން ޖީއެސްޓީ އަދި ގްރީން ޓެކްސް ނުދައްކާތާ 10 މަސްވެފައިވާ ކަމަށެވެ. ޓެކްސްއަށް ޖުމްލަ 5.1 މިލިއަން ޑޮލަރު ވިލާ ގުރޫޕުން ދައްކަން ޖެހޭ ކަމަށް މީރާއިން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ގާސިމް މުވައްޒަފުންނަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ " ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތަކާއި އެނޫންވެސް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް މިއަންނަނީ ދައްކަމުން،" ކަމަށެވެ. " ސަރުކާރާއި ވިލާ ކުންފުނިތަކާ ދެމެދު ވެވިފައިވާ އެއްބަސްވުންތަކެއް އެބައްހުއްޓެވެ. އެއްބަސްވުންތަކާ އަޅުގަނޑު ހިލާފެއް ނުވަމެވެ." ގާސިމްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. ވިލާ ގުރޫޕުގެ ރިސޯޓުތަކަށް ފުލުހުންނާއި ކަސްޓަމްސްއިން އެރި މައްސަލަ މިހާރު ވަނީ އެ ކުންފުނީގެ ފަރާތުން ކޯޓަށް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ