ހދ. އަތޮޅުގެ ހުރިހާ ރަށެއްގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދަން ބަޔަކާ ހަވާލުކޮށްފި
ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ގާއިމްކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ، 9.9 މިލިއަން ޑޮލަރު (152.65 މިލިއަން ރުފިޔާ) އަށް ޗަންގްޒޫ ޓްރީނާ ސޯލާ އެނާޖީ ކޯޕަރޭޝަން ލިމިޓެޑާ އެވެ. އެކަމުގެ އެއްބަސްވުމުގައި އެންވަޔަރަންމަންޓު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، މިނިސްޓަރު ތާރިގު އިބްރާހީމެވެ. އަދި ޗަންގޒޫ ޓްރީނާ ސޯލާ އެނާޖީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ފްރޭންކް އެވެ. އެ ޕްރޮޖެކްޓުގެ ދަށުން އެ ހދ. އަތޮޅުގެ ރަށްތަކުގައި 2.27 މެގަވޮޓްގެ ސޯލާ ޕަވާ ޕްލާންޓް ގާއިމް ކުުރާ އިރު، 1.49 މެގަވޮޓްގެ ބެޓެރީ ސްޓޯރޭޖް ސިސްޓަމެއް ގާއިމް ކުރާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އަދި 14 ޖެނެރޭޓަރު ސަޕްލައިކޮށް އިންސްޓޯލް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އޭގެ އިތުރުން ގްރިޑް އަޕްގްރޭޑް ކުރުމުގެ ގޮތުން 47.35 ކިލޯ މީޓަރުގެ ކޭބަލް އަޅައި، 425 ޑިސްޓްރިބިއުޝަން ބޮކްސް ބަހައްޓާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ، އެ ޕްރޮޖެކްޓްގެ ދަށުން ރަށްރަށަށް ދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. "ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށް ކަރަންޓް ފޯރުކޮށްދިނުމަށް އިއާދަ ކުރަނިވި ހަކަތަ އާއި އަދި ހައިބްރިޑް ސިސްޓަމް ބޭނުން ކުރެވިއްޖެ ނަމަ މިހާރު ރަށްރަށަށް ކަރަންޓް ދެވޭ ހިދުމަތަށް ވުރެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، އެ ޕްރޮޖެކްޓްގެ ދަށުން ޖައްވަށް ބޭނުން ކުރެވޭ ކާބަންޑައިއޮކްސައިޑްގެ މިންވަރު މަދު ކުރެވިގެންދާނެ ކަމަށެވެ. "މި ޕްރޮޖެކްޓްގެ 13 ރަށުން ވެސް 2270 ވަރަކަށް ޓަނުގެ ކާބަން މަދުކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. ތާރިގު ވިދާޅުވީ، ވަރަށް އަވަހަށް ށ. އަތޮޅާއި ނ. އަތޮޅުގައި ވެސް އެ ނިޒާމް ގާއިމް ކުރައްވާނެ ކަމަށެވެ. މިހާރު އެ ދެ އަތޮޅުގެ ބީލަންތައް ލިބިފައިވާ ކަމަށާއި ބީލަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތާރިގު ވިދާޅުވި އެވެ. ހދ. އަތޮޅުގައި ހައިބްރިޑް ސިސްޓަމް ގާއިމް ކުރުމަށް މިއަދު ހަވާލު ކުރިއިރު، މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ވަނީ، ހއ. އަތޮޅުގެ ރަށްތަކުގައި ވެސް އެ ސިސްޓަމް ގާއިމް ކުރުމަށް ހަވާލުކޮށްފަ އެވެ. އެ ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ ވެސް ޗަންޒޫ ޓްރީނާ ސޯލާ އެނާޖީ އާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ