އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިސާ ދުނިޔޭގެ ކޮންމެތާކު ވަޅުލާފައި ހުއްޓަސް ހޯދާނަން: ހިސާން

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތެރެއިން ގެއްލިފައިވާ ފައިސާ ދުނިޔޭގެ ކޮންމެތާކު ވަޅުލާފައި ހުއްޓަސް ހޯއްދަވާނެ ކަމަށް، އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ އޭޖެންޓް އަލްއުސްތާޒާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ބައިވެރިވެވަޑައިގެން، ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިސާން ހުސައިން ވިދާޅުވީ، އެމްއެމްޕީއާރްސީން ގެއްލުނު ފައިސާ ހޯދަން ތަހްގީގެއް ކުރަން ނުޖެހޭނޭ ކަމަށް ރައީސް ޔާމީން ވިދާޅުވާ ކަމަށާއި، އެހެންނަމަވެސް އެ ފައިސާ ދިވެހި ރައްޔިތުންނަށް އަނބުރާ ރުޖޫއަކުރެވޭނީ ތަހްގީގެއް ހިންގައިގެން ކަމަށެވެ.
ހިސާން ހުސައިން ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުގައި އެމްއެމްޕީއާރްސީގެ މައްސަލަ ތަހްގީގުކޮށް، އެފައިސާ އަނބުރާ ދިވެހިރައްޔިތުންގެ ރުޖޫއަކޮށް ދެއްވާނެ ކަމަށާއި، އެއީ ދިވެހިރައްޔިތުންގެ އަތުން ވަގަށް ނަގާފައިވާ ފައިސާ ކަމަށެވެ. އަދި އެފައިސާ ދުނިޔޭގެ ކޮންމެތާކު ވަޅުފާއި ހުއްޓަސް ހޯއްދަވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާންގެ ވާހަކަފުޅުގައި ވިދާޅުވީ، ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހު ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ވަގަށް ނަގާފައިވާ، ގެއްލުވާލާފައިވާ ފައިސާ ހޯއްދެވުމުގެ މަސައްކަތް ފެށްޓެވުން ހިމެނޭކަމަށް ވިދާޅުވެ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ވެވަޑައިގެންނެވި ވައުދާ ގުޅިގެން ބޭފުޅެއްގެ ފަޔަށް ހިނިއަރައިގެން، އޭގެން ސަލާމަތް ނުވެވިގެން އުޅޭތަން ފެނިވަޑައި ގަންނަވާ ކަމަށެވެ.
ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށަން ވާންޖެހޭ ތައްޔާރީތައް ކުރަންފެށުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ މުހިންމު ނިންމުމެއް ނިންމާފައިވާކަންވެސް ހިސާން ހުސައިންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ އޭޖެންޓް އަލްއުސްތާޒާ ހިސާން ހުސައިން ވިދާޅުވީ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން ކުރިމަތިލާފައިވަނީ، އެއްވެސް ވަރަކަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް ކުރާ އިތުބާރެއްގެ މައްޗަށް ބަރޯސާވެގެން ނޫންކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން އިންތިޚާބަށް ކުރިމަތިލައިގެން ތިބީ ދިވެހި ރައްޔިތުންގެ މައްޗަށް ކުރާ އިތުބާރެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، އިންތިޚާބު ކާމިޔާބުކުރާނީ ދިވެހި ރައްޔިތުން ނުކުމެ ދިވެހި ރައްޔިތުންގެ މަސައްކަތުންކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
މިއީ، ދިވެހި ގައުމު ވައްކަމާއި ކޮރަޕްޝަނާއި، ފަސަދާއިން ސަލާމަތް ކުރުމަށްޓަކައި، ހިންދަމާލައިގެން ދިވެހިރާއްޖޭގައި ޖަޒީރާވަންތަ ދިރިއުޅުމެއް އުޅުމުގެ ނަސީބު ހޯދުމަށްޓަކައި ދިވެހި ރައްޔިތުން ކާމިޔާބުކުރުމަށް ކުރިމަތިލައިގެން ތިބި އިންތިޚާބެއް ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ