ސިފައިންގެ އާއިލީ ހަވީރު މާދަމާ ޖުމްހޫރީ މައިދާނުގައި

124 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އާއިލީ ހާވީރު މާދަމާ ޖުމްހޫރީ ޕާކުގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި އާންމުކޮށް ހުޅުވާލެވިގެން ބާއްވާ ސިފައިންގެ އާއިލީ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ 29 އޭޕްރީލް ވާ ހުކުރު ދުވަހު ހަވީރު 16:00 ގައެވެ. 29 އޭޕްރީލް ވާ ހުކުރު ދުވަހާއި އޭޕްރީލް 30 ވާ ހޮނިހިރު ދުވަހު ބާއްވާ މި އާއިލީ ހަވީރު އޮންނާނީ މި ދެދުވަހުގެ 16:00 ން 18:00 އަށް ޖުމުހޫރީ މައިދާނުގައި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި އާއިލީ ހަވީރުގައި ތަފާތު އެކިހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށާއި މިގޮތުން ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުމާއި އަދި މީގެއިތުރުން ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ކުޅިވަރުތަކާއި ސިފައިންގެ ޔުނިޓްތައް ރަމްޒުކޮށްދޭ ސްޓޯލްތަކާއި ތަފާތު މޫދު ކުޅިވަރުތައް މި އާއިލީ ހަވީރުގައި ހިމެނޭ ކަމަށެވެ.
މީގެއިތުރުން ކޯސްޓްގާޑް ޝިޕްތަކަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި އެކު ސްޓޭޖް ޝޯއެއް މި އާއިލީ ހަވީރުގައި އޮންނާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ