ނަޝީދުގެ މައްޗަށް ޝަރީޢަތް ހިންގުމުގެ ޖާގައެއް ނެތް – ގާސިމް

ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޝަަރީޢަތް ހިންގުމުގެ ޖާގައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޤާނޫނު އަސާސީ ހިމާޔަތް ކުރަން ކަމަށް ބުނެ ޖޭޕީ އާއި އެމްޑީޕީ އިން ގުޅިގެން މަޝްވަރާތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގައި މިރޭ ގާސިމް ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ވެރިކަމުން އިސްތިއުފާ ދެއްވުމަކީ ނަޝީދަށް ލިބުނު އަދަބެއް ކަމަށެވެ.
"އެހެންވީމާ ކޮބައިތޯ އޭނާގެ މައްޗަށް ހިންގަންވީ ޝަރީއަތެއް. ނެތޭ އެއްވެސް ޝަރީއަތެއް ހިންގާކަށް އެއްވެސް ޖާގައެއް" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ނަޝީދުގެ މައްޗަށް ހިންގާ ޝަރީޢަތަކީ ޒާތީ މައްސަލައެއް ކަމަށާއި އެމައްސަލަ އަނބުރާ ގެންދިއުމަށް ގޮވާލައްވާ ކަމަށެވެ.
އިންސާފަކީ ނަޝީދުގެ ޝަރީއަތް މިހާރު ނުހިންގުން ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ "އޭނާގެ މައްޗަށް ހިންގާނެ ހުކުމެއް ނެތް މި މައްސަލާގައި." ކަމަށެވެ.
ގާސިމް ވިދާޅުވީ "އަޅުގަނޑު ޕްރޮސިކިއުޓަ ޖެނެރަލަށް އިލްތިމާސްކޮށް ދަންނަވާލަން އޮތީ އެއްވެސް ރައްޔިތެއްގެ މައްޗަށް އަނިޔާވެރި ދައުވާއެއް ނުކުރައްވާށޭ. އެހެންވެ އަވަހަށް [ނަޝީދުގެ މައްސަލަ] އަނބުރާ ގެންދަވައި ފައިލް ކުރައްވާށޭ. މުހައްމަދު ނަޝީދަށް އެ މައްސަލާގައި ވެރިކަމަށް ކުރިމަތި ނުލެވޭނެ ހަމަ އެއްވެސް ހުކުމެއް އިއްވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއްވެސް ހުކުމެއް ނުކުރެއްވޭނެ،" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ