އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސައިފި

އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތް އިސްލާމިކް މިނިސްޓްރީ އިން ހަމަޖައްސައިފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އުރީދޫ އާއި ދިރާގު އަދި ބޭންކް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި އޮތް ހާލަތު ބަދަލު ނުވާ ނަމަ، ޖަމާއަތުގައި ތަރާވީސް ނަމާދު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އަތޮޅުތެރޭގެ ރަށްރަށުގައި ހާލަތު ގޯސް ނުވާތީ ރަމަޟާން މަހު ރަށްރަށުގައި ތަރާވީހުގެ ޖަމާއަތް ބާއްވަން އުންމީދު ކުރައްވާ ކަމަށާއި އެކަމުގެ ލަފަޔާ އިރުޝާދު މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެެރެއިން، މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލައިފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 30 ގެ ނިޔަލަށް އިތުރުކުރުމާއެކު ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލި މުއްދަތު ވެސް ވަނީ މިމަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ. ކަލަންޑަރުގައިވާ ގޮތުން ރަމަޟާން މަސް ފެށޭނީ މި މަހުގެ 24 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ