ކަރަންޓް ލިބޭނެ ކަމުގެ އުއްމީދެއް ނެތި ކޮލަމާފުށި "އަނދިރީގައި"

ގއ. ކޮލަމާފުށީގެ އިންޖީނު ގޭގައި ބޭނުން ކުރަމުން އަންނަ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓްގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
އިންޖީނުގެ މެނޭޖަރު އިބްރާހިމް އަލީމް މިއަދު ވިދާޅުވީ މިއަދު ހެނދުނު މުޅި ރަށުން ކަރަންޓް ކަނޑާލަން ޖެހުނީ އިންޖީނުގޭގައި ބޭނުން ކުރަމުން އައި ދެ އިންޖީނަށް ރެއިން ފެށިގެން އެއް ވަރަކަށް ކަރަންޓް ނަގައިދެމުން ނުގެންދާތީ އެކަށްޗަށް ވަރަށް ބޮޑަށް ލޯޑް ބޮޑުވާން ފެށުމުން ކަމަށެވެ.
"އެއް ފަހަރާ ދެ އިންޖީނު ބޭނުން ކުރަމުން ދަނިކޮށް ރޭގަ ދިމާވި މައްސަލައަކީ ޕެނަލް ބޯޑުގެ މައްސަލައެއް، އެހެންވެ އެ ދޭތި އެއް ވަރަށް ޝެއާ ނުކޮށްގެން އެކައްޗަށް ލޯޑް ބޮޑުވާން ފެށީ، ނަމަވެސް އެ ގަޑީގައި ކަރަންޓް ނުކަނޑަންވެގެން މިއަދު ހެނދުނު ކަރަންޓް މި ކަނޑާލީ އިންޖީނަށް ލޯޑްބޮޑުވެގެން ހަލާކުވެދާނެތީ،" އޭނާ ވިދާޅުވި އެވެ.
އަލީމް ވިދާޅުވީ 100 ކިލޯވޯޓުގެ ދެ އިންޖީނު އެއްފަހަރާ ބޭނުން ކުރަން ފެށިތާ ހަފްތާއެއް ވެފައިވާ ކަމަށާއި އެ ދެ އިންޖީނު ބޭނުން ކުރަން ފެށީ ކުރިން ހުރި 190 ކިލޯ ވޯޓުގެ އިންޖީނު ހަލާކުވެގެން ކަމަށެވެ.
"މުޅި ރަށަށް އެބަ ބޭނުންވޭ 140 ކިލޯވޯޓް އެހެންވެ ކުރިން ހުރި އިންޖީނުން އެކަނި ވެސް މުޅި ރަށަށް ކަރަންޓް ދެވޭ، ނަމަވެސް އަނެއް ދެ އިންޖީނު ޖައްސައިގެން އެއްޗަކުން މި ނެގެނީ 50 ކިލޯވޯޓް، އެހެން ދިމާވަނީ އެ އިންޖީނުތައް އޯވާހޯލް ނުކުރެވި ދުވަސްތަކެއް ވެފައިވާތީ، އެހެންވެ ބޮޑު އިންޖީނު ހެދޭތޯ މިބަލަނީ،" އޭނާ ވިދާޅުވި އެވެ.
އަލީމް ވިދާޅުވީ މިހާރުން މިހާރަށް ހައްލެއް ހޯދޭތޯ ހަލާކުވެފައި ހުރި އިންޖީނު ހެދޭތޯ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ކަރަންޓް ލިބޭނެ އިރެއް ބުނެދޭން އަދި އެނގިވަޑައި ނުގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރުވެސް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން މިގެންދަނީ، ޓެކްނިކަލް މީހުން ހޯދުމުގައި މިހާރު ވެސް ދަތިތަކާ ކުރިމަތިވެފައި މިވަނީ، އެ މައްސަލަ ހައްލުވިހާ އަވަހަކަށް ކަރަންޓް ދެވޭތޯ މިބަލަނީ،" އަލީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ