ނިއުގެ އެކަޑަމީގެ ތަމްރީނުތައް ސްކޫލް ބަންދަށްފަހު އަލުން ފަށަނީ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ހިންގާ ފުޓްބޯޅަ އެކަޑަމީގެ ތަމްރީނުތައް ސްކޫލް ބަންދަށްފަހު، އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމަށް ނިއުއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 2013 ވަނަ އަހަރު އެ ކްލަބުން ހުޅުވި ފުޓްބޯޅަ އެކަޑަމީގައި މިދިޔަ އަހަރު 60 ކުދިން ބައިވެރިވެފައިވާއިރު، ކްލަބުގެ ބޯޑު މެންބަރު އައިޝަތު ލީޝާ ވިދާޅުވީ، މިއަހަރުގެ "ޓާގެޓަކީ" 100 ކުދިންނަށް އެކަޑަމީން ފުރުސަތު ދިނުން ކަމަށެވެ.
"މިދިޔަ އަހަރު އެކަޑަމީގެ ހަރަކާތްތައް މެދު ކަނޑައިލި އިރު ރެޖިސްޓްރީވެފައި ތިބި 60 ކުދިން. މިހާރު މިވަނީ އަނެއްކާ ވެސް އަލުން ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވައިލާފައި. އަޅުގަނޑުމެން މި އުންމީދު ކުރަނީ، މިއަހަރު 100 ކުދިންނަށް ތަމްރީނު ދެވޭވަރަށް އެކަޑަމީގެ ޖާގަ އިތުރު ކުރަން،" ލީޝާ ވިދާޅުވި އެވެ.
ޖުމުލަ ތިން އުމުރުފުރައަކަށް ބަހާލައިގެން އެކަޑަމީގައި ތަމްރީނުތައް ކުރިއަށް ގެންދާއިރު އޭގެ ތެރޭގައި ހިމެނެނީ، ހަ އަހަރުން ދަށާއި، 10 އަހަރުން ދަށުގެ އުމުރުފުރައާއި އަދި 14 އަހަރުން ދަށުގެ އުމުރުފުރައިގެ ކުދިންނެވެ.
ނިއުގެ އެކަޑަމީގައި ކުދިން ތަމްރީނުކުރުމަށް މިދިޔަ އަހަރު ބަލްގޭރިއާގެ ޓްރެއިނަރެއް މަސައްކަތްކުރި ނަމަވެސް މިއަހަރު އެ އެކަޑަމީގައި ކުދިން ތަމްރީނުކުރާނީ ނިއުގެ ހެޑް ކޯޗު ރެއަލްމެޑްރިޑްގެ ކުރީގެ ޑިފެންޑަރު ޕެރޭޒް ގާސިއާގެ އިރުޝާދުގެ ދަށުން ކަމަށް އެ ކްލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވަނީ ވިދާޅުވެފަ އެވެ.
ނިއުގެ އެކަޑަމީގެ ތަމްރީނުތައް އަންނަމަހުފެށުމަށް ހަމަޖެހިފައިވާއިރު ބަލަކް ވިދާޅުވެފައި ވަނީ، މިއަހަރު ތެރޭގައި އެ ކަޑަމީގެ ހަރަކާތްތައް އަތޮޅު ތަކަށް ފުޅާކުރުމަކީ ވެސް އެ ކްލަބުގެ އަމާޒެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ