ކޮލެސްޓްރޯލް ބޯޑަލައިންގަތަ؟ މި ކަންކަމަށް ސަމާލުވޭ

ހަށިގަނޑުގެ ކޮލެސްޓްރޯލް މިހާރު ހުރީ ބޯޑަ ލައިންގައި ކަމަށް ޑޮކްޓަރުން އެންގުމަކީ ގިނަ ބަޔަކު އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. ބޯޑަލައިންގައި ކޮލެސްޓްރޯލް ހުރުމަކީ ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރި ނަމަވެސް، ކޮލެސްޓްރޯލް މާ ބޮޑަށް މަތި ކަމަށް ކަނޑައަޅާ މިންވަރަށް ނުފޯރާ ހުންނަ ރޭންޖެވެ. އެއީ 200 މިލިގްރާމް ޕާ ޑެސިލީޓަރާއި 240 މިލިގްރާމް ޕާ ޑެސިލީޓަރާ ދެމެދުގެ އަދަދެކެވެ. އެ ރޭންޖުގައި ކޮލެސްޓްރޯލް ހުރުމަކީ، ބޯޑަލައިންގައި ކޮލެސްޓްރޯލް ހުރިކަމުގެ އަލާމާތެއް ކަމަށް އިންޓާނަލް މެޑިސިން ފިޒީޝަން ޑރ. އެޑަމް ބާންސްޓެއިން ވަނީ ބުނެފައެވެ. ކޮލެސްޓްރޯލް މަތިވުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ، ސްޓްރޯކް ޖެހުމަށް ވެސް މަގުފަހިކުރުވާ ކަމެއް ކަމަށް ޑރ.އެޑަމް ބާންސްޓެއިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ކޮލެސްޓްރޯލް ބޯޑަލައިންގައި ހުރެއްޖެނަމަ މިފަދަ ބަލިތައް ޖެހުމުން ދުރުކޮށްދިނުމުގައި އެހީތެރިވެދީ ކޮލެސްޓްރޯލް މަތިވުމުގެ ފުރުސަތު ކުޑަ ކަމަށް ޑރ.އެޑަމް ބާންސްޓެއިން ބުނެފައިވެއެވެ. ކޮލެސްޓްރޯލް އެއްވަރެއްގައި ބެހެއްޓުމަށް ސަމާލުކަންދިނުމުގެ ގޮތުން ކެއުން ވަކި ގޮތަކަށް ބައްޓަންކުރެވިދާނެ--ފޮޓޯ/ހެލްތުސެންޓްރަލް ކޮލެސްޓްރޯލް ބޯޑަ ލައިންގައި ހުރެ އެކަމަށް ސަމާލުކަން ނުދެވި ފަރުވާ ކުޑަކުރެވިއްޖެނަމަ ސިއްހީ ގޮތުން ތަފާތު އެކި މައްސަލަތަކަށް މީހާ ހުށަހެޅުމުގެ ނުރައްކާ އެބައޮތް ކަމަށް ޑރ.އެޑަމް ބާންސްޓެއިން ވަނީ ފާހަގަކޮށްފައެވެ. ސަބަބަކީ އާއްމުކޮށް ކޮލެސްޓްރޯލް މަތިވުމާ ގުޅިގެން ދިމާވާ ބަލިތަކަކީ އޭގެ މާބޮޑު އަލާމާތެއް ނުފެނި ދިމާވާ ބަލިތައް ކަމަށް ޑރ.އެޑަމް ބާންސްޓެއިން ވަނީ ބުނެފައެވެ. ލޭގައި އެކުލެވޭ ގޯސް ކޮލެސްޓްރޯލް ނުވަތަ ލޯ ޑެންސިޓީ ލިޕޯ ޕްރޮޓެއިން (އެލްޑީއެލް) ދަށްކޮށްލުމަށް ހަރަކާތްތެރިވެ އުޅުމަށް ސަމާލުކަން ދިނުން މުހިއްމެވެ. އޭގެ ސަބަބުން ހައި ޑެންސިޓީ ލިޕޯ ޕްރޮޓެއިން (އެޗްޑީއެލް) މަތިކޮށްދިނުމަށް އެހީތެރިވެދީ ކޮލެސްޓްރޯލް މަތިވުމުގެ ނުރައްކަލުން މީހާ ސަލާމަތްކޮށްދިނުމަށް އެހީތެރިވެދެއެވެ. ދިރިއުޅުމަށް ގެންނަ ރަނގަޅު އާދަކާދަތަކާ އެކު ވެސް ކޮލެސްޓްރޯލް ދަށް ނުކުރެވޭނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންވާނެ--ފޮޓޯ/އެމްއެސްއެން ހަމައެއާއެކު ތެލުގެ ބާވަތްތައް ގިނަ ކެއުންތަކާ ދުރުހެލިވެ ކޮލެސްޓްރޯލް ބެލެންސްކުރެވޭނެ ޑައިޓެއް އެކުލަވާލުމަކީ މުހިއްމު ކަމެއް ކަމަށް ޑރ.އެޑަމް ބާންސްޓެއިން ވަނީ ބުނެފައެވެ. މިކަމުގައި ނިއުޓްރިޝަނިސްޓެއް ނުވަތަ ޑައިޓީޝަނެއްގެ ލަފާ ހޯދުމަށްފަހު ކެއުންތައް ވަކިގޮތަކަށް ބަހައްޓަން އާދަކުރުމަށް ސަމާލުކަން ދިނުމަށް ޑރ.އެޑަމް ބާންސްޓެއިން ލަފާދީފައިވެއެވެ. ކޮލެސްޓްރޯލް އެއްވަރެއްގައި ހިފެހެއްޓުމަށް ނުވަތަ ކޮންޓްރޯލް ކުރުމަށް ގޭގައި ކުރެވިދާނެ ކަންކަމުގެތެރޭ، ފައިބާއިން މުއްސަނދި ކެއުންތައް ގޭގައި ތައްޔާރުކުރުމަށް އިސްކަން ދެވިދާނެއެވެ. އޮމެގާ-3 ފެޓީ އެސިޑްސް އަކީ ވެސް ހައި ޑެންސިޓީ ލިޕޯ ޕްރޮޓެއިން (އެޗްޑީއެލް) ހަށިގަނޑުގައި އިތުރުކޮށްދޭ ބާވަތެކެވެ. އެހެންކަމުން ކޮންމެ ހަފުތާއަކު ވެސް އޮމެގާ-3 ފެޓީ އެސިޑްސް ހިމެނޭ ބާވަތުގެ މަސް ކެއުމުގައި ހިމަނާލުމަށް އެމެރިކަން ހާޓް އެސޯސިއޭޝަން (އޭއެޗްއޭ)އިން ލަފާދީފައިވެއެވެ. މަހުގެ ބާވަތްތައް ކަމަށްވާ ކުކުޅު އަދި އެކި ވައްތަރުގެ މަސް ކެއުމުގައި ބޭނުންކުރާއިރު އޭގައި ހުންނަ ހަންގަނޑު ނެގުމަށްފަހު ކެއުމަށް ސަމާލުކަންދީ، ކިރުގެ ބާވަތްތަކުގެ ތެރެއިން ލޯ ފެޓް ނުވަތަ ފެޓް ފްރީ އުފެއްދުންތައް ޚިޔާރުކުރުމަށް ސަމާލުކަން ދެވިދާނެ ކަމަށް ޑރ.އެޑަމް ބާންސްޓެއިން ބުނެފައިވެއެވެ. މިގޮތަށް ކެއުމުގެ އާދަތައް ބެހެއްޓުމަށްފަހު ދިރިއުޅުމުގެ އާދަކާދަތަކަށް ގެނެވޭ ބަދަލުތަކާ އެކު ވެސް ކޮލެސްޓްރޯލް ހުންނަންޖެހޭ މިންވަރަށް ބަދަލެއް ނާންނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށް ޑރ.އެޑަމް ބާންސްޓެއިން ވަނީ އިރުޝާދުދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ