ދުބާއީގެ 67 ބުރީގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

ދުބާއީގެ މެރީނާގައި ހުންނަ 67 ބުރީގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ. ދުބާއީ މީޑިއާ އޮފީސް (ޑިއެމްއޯ) އިން ބުނީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަލިފާން ރޯވެފައި ވަނީ މެރީނާ ޕިނަކަލް ކިޔާ އިމާރާތެއްގައެވެ. އިމާރާތުގައި ހުރި 764 އެޕާޓްމަންޓުގައި ތިބި 3،820 މީހުން ސަލާމަތުން އިމާރާތުން ނެރެފައިވާ ކަމަށްވެސް ޑީއެމްއޯ އިން ބުނެފައިވެއެވެ. އަލިފާން ނިއްވާލެވުނީ ދުބާއީ ސިވިލް ޑިފެންސް ޓީމުތަކުން ވަރުބަލިކަމެއް ނެތި ހަ ގަޑިއިރު ވަންދެން މަސައްކަތްކޮށްގެން ކަމަށް ޚަލީޖް ޓައިމްސް ނޫހުން ބުނެއެވެ. ހޮނިހިރު ދުވަހު އެކްސް ގައި ކުރި ޕޯސްޓެއްގައި ޑީއެމްއޯ އިން ބުނީ ސްޕެޝަލައިޒްޑް ޓީމުތަކުން 67 ބުރީގެ އެ އިމާރާތުގައި ތިބި ހުރިހާ އެންމެން ކާމިޔާބުކަމާއެކު ނެރެ، މުޅި އޮޕަރޭޝަންގައި ސިއްހަތާއި ރައްކާތެރިކަމަށް އިސްކަންދީފައިވާ ކަމަށެވެ. އަދި އިމާރާތުން ނެރެފައިވާ ރައްޔިތުންނަށް ސިއްޙީ އަދި ނަފްސާނީ ގޮތުން ދޭންޖެހޭ ސަޕޯޓް ދިނުމަށް އެމްބިއުލާންސް ޓީމުތަކާއި މެޑިކަލް ސްޓާފުން ސައިޓްގައި ތިބި ކަމަށްވެސް ޑީއެމްއޯއިން އިތުރަށް ބުނެފައިވެއެވެ. ޑީއެމްއޯއާ ހަވާލާދީ އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާން ރޯވުމުގެ ސަބަބުން އިމާރާތުގައި ތިބި މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިއީ މެރީނާ ޕިނަކަލް ނުވަތަ ޓައިގާ ޓަވަރުގެ ނަމުން ވެސް މަޝްހޫރު އެ އިމާރާތުގައި އަލިފާން ރޯވި ފުރަތަމަ ފަހަރެއް ނޫނެވެ. ބަދިގޭގައި ހިނގި ހާދިސާއެއްގައި އެ އިމާރާތުގެ 47 ވަނަ ފަންގިފިލާގައި 2015 ވަނަ އަހަރުގެ މެއި މަހުވެސް ވަނީ އަލިފާން ރޯވެފައެވެ. އެ ހާދިސާގައި އިމާރާތުގެ 48 ވަނަ ފަންގިފިލާގައިވެސް އަލިފާން ރޯވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ