ކަޅު ބާޒާރުން ޑޮލަރެއް ވިއްކާ އަގު 19.50ރ. އަށް އުފުލިއްޖެ އެވެ.
އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް ރާއްޖޭގެ ބޭންކުތަކުން ޑޮލަރެއް ނުވިއްކަ އެވެ. އެހެންވެ، ކަޅު ބާޒާރުން ޑޮލަރު ގަތުމަށް މަޖުބޫރުވެ އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ޑޮލަރުގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކާއި ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ބުނީ މިއަދު ޑޮލަރު ރޭޓު ހުރީ 19.40 އާއި 19.50ރ. އާ ދެމެދުގައި ކަމަށެވެ.
"އެ އަގަށް ވެސް ބޮޑެތި އަދަދުތަކަކުން ވިއްކާނެ ޑޮލަރެއް ނެތް،" ޑޮލަރު ވިޔަފާރިކުރާ ފަރާތަކުން ބުންޏެވެ.
މިއީ ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ޓޫރިޒަމް ދާއިރާއިން ޑޮލަރު ވަނުން ހުއްޓިފައި އޮތް ދުވަސްވަރު ޑޮލަރުގެ އަގު ހުރި ވަރެވެ. އޭރު އެންމެ ބޮޑަށް އަގު އުފުލުނީ ޑޮލަރެއް 19.50ރ އަށެވެ.
ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ބުނީ ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބޭތީ މުދާ ގެނައުމަށް ބުރޫ އަރަމުންދާ ކަމަށެވެ.
"އެންމެ ހިތްދަތި ވަނީ އެކައުންޓުގައި ރުފިޔާ އުރެ، މުދާ ނުގެނެވޭތީ،" ރާއްޖެގައި ހޯލްސޭލް، އަދި ރީޓެއިލް ވިޔަފާރިކުރާ ވިޔަފާރިވެރިޔަކު ބުންޏެވެ.
އަގުބޮޑުކޮށް ވެސް ޑޮލަރު ގަންނަން ނުލިބޭއިރު މައްސަލަ ހައްލުކުރަން އެމްއެމްއޭއިން މަސައްކަތް ނުކުރާ ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ.
ޑޮލަރުގެ އަގު އުފުލި، ބޭންކުތަކުން ޑޮލަރު ސަޕޯޓަށް ދޭ އިންސައްތަ ދަށްކޮށްފައި މި ވަނީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން އެމްއެމްއޭއަށް މާރުކުރަން ޖެހެނީ ކޮންމެ ހަފުތާއަކު މާރުކުރާ ފައިސާގެ 60 ޕަސެންޓެވެ.
ޑޮލަރުގެ އަގު އުފުލެމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ދަށްވަމުން ގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ.
ޑޮލަރު މާރުކުރަން މަޖުބޫރިކުރި ފަހުން ޑޮލަރު އަގު ދުވަހެއް ދުވަހަށް ދަނީ މަތިވަމުންނެވެ. ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ.
ޑޮލަރު އަގު 19.50ރ. އަށް އަރައިފި ޑޮލަރު އަގު 19.50ރ. އަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ