ނަޑެއްލާއިން ގެއްލުނު މީހާ ފަޅުރަށަކުން ފެނުން: އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން ތަހުގީގުކުރަނީ

ގދ. ނަޑެއްލާއަށް ބަނދަރުކުރި ދޯންޏަކުން އެ ރަށަށް ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ މީހާ ފަޅު ރަށަކުން ފެނުނު މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން ތަހުގީގެއް ހިންގަމުންދާ ކަމަށް މިއަދު ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ގެއްލިގެން ހޯދަން އިއުލާނުކުރީ، ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ. ފުލުހުން ބުނެފައިވަނީ އޭނާ ގެއްލުނީ ނަޑެއްލާއަށް އިއްޔެ މެންދުރުފަހު 14:00 ހާއިރު ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ، ދޯނިން އެ ރަށަށް ފޭބުމަށްފަހު ކަމަށެވެ. ނަމަވެސް އެނބުރި ދޯންޏަށް އަރައިފައިނުވާތީ އާއި އޭނާގެ އެއްވެސް ޚަބަރެއް ނުވާތީ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާދަމް އިބްރާހިމް މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ފުލުހުން ބުނީ އޭނާ ފެނިފައި ވަނީ ފުލުހުންނާއި ނަޑެއްލާގެ ރައްޔިތުންގެ ޓީމަކަށް ކަމަށާއި ކޯސްޓްގާޑުން ވެސް މީހާ ހޯދުމުގެ މަސައްކަތުގައި މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އާދަމްހޯދުމުގެ ގޮތުން ނަޑެއްލާ ފަޅު ތެރެއިން 10 ފަޅުރަށް ބެލި ކަމަށާއި ނަޑެއްލާގެ އެކި ސަރަހައްދުތައްވެސް ބަލައި ފާސް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. "އާދަމް އިބްރާހީމް ގެއްލިފައިވާ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން،" އެ އިދާރާއިން ބުންޏެވެ. ގެއްލިގެން މީހުން ހޯދަން އިއުލާން ކުރުން ވަރަށް އާންމުއިރު، އާންމު ގޮތެއްގައި އިއުލާން ކުރާތާ ގިނައިރުތަކެއް ނުވެ އެ ކުއްޖަކު ނުވަތަ މީހަކު ފެންނަ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ މީހުން ފެންނަ ފަހުން، އެ މައްސަލަ އިތުރަށް ބަލާ ކަމަށް އާންމުކޮށް ފުލުހުންނެއް ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ