ފިޝަރީޒް މިނިސްޓްރީއަށް 2022 ވަނަ އަހަރުގެ ނިޔަލަށް 287 މިލިއަނަށް ރުފިޔާ ނުލިބި ހުރި: އޮޑިޓު ފިޝަރީޒް މިނިސްޓްރީއަށް 2022 ވަނަ އަހަރުގެ ނިޔަލަށް 287 މިލިއަނަށް ރުފިޔާ ނުލިބި ހުރި: އޮޑިޓު

ފިޝަރީޒް މިނިސްޓްރީއަށް 2022 ވަނަ އަހަރުގެ ނިޔަލަށް 287،140،302ރ. ނުލިބު ހުރި ކަމަށް އެ މިނިސްޓްރީގެ 2012-2022 ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓު އޮފީހުން މިއަދު ނެރުނު ރިޕޯޓުގައިވާ ގޮތުން ލޯނު ސްކީމު ހިންގުމަށް 2006 އިން ފެށިގެން 2020 ވަނަ އަހަރާ ދެމެދު އެ މިނިސްޓްރީއަށް ވަނީ 228،704،325ރ. ދައުލަތުގެ ބަޖެޓުން ދޫކޮށްފަ އެވެ. އޭގެ ތެރެއިން މައިގަނޑު ގޮތެއްގައި ލޯނު ދޫކުރީ ބޭންކް އޮފް މޯލްޑިވްސް އަދި އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.
ފިޝަރީޒް މިނިސްޓްރީއަށް ނުލިބި ހުރި ފައިސާގެ ތެރެއިން ބޮޑު ބަޔަކީ ލޯނު ދޫކުރުމަށް ފަހު އަނބުރާ ނުލިބި ހުރި ފައިސާ އެވެ. އޭގެ ތެރެއިން 172،350،415ރ. އަކީ ނުލިބޭތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފައިސާ އެވެ. އެއީ މިނިސްޓްރީއަށް ލިބެން ޖެހޭ ފައިސާގެ 82 ޕަސެންޓެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކަށް އެއް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ނުލިބި ހުރި ފައިސާގެ އަދަދު 59،671،402ރ. އަށް އަރާ ކަމަށް އޮޑިޓުން އެނގެ އެވެ.
އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ. އެގޮތުން، 2019 އިން 2021 އަށް ފައިސާ ނުދައްކާ މީހުންނަށް ސިޓީ ފޮނުވި ކަމަށާއި ނަމަވެސް 2022 ވަނަ އަހަރު ސިޓީ ފޮނުވާފައި ނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފަ އެވެ.
ހަމައެހެންމެ، އެޕްރީލް 18، 2021 ގައި މިނިސްޓްރީގެ ތިޖޫރި ޗެކު ކުރިއިރު 14،808،453ރ. ގެ ޕާފޯމަންސް ގެރެންޓީ މުއްދަތު ހަމަވެ، އާނުކޮށް ބަހައްޓާފައި ހުރިކަން ވެސް އޮޑިޓުގައި ވަނީ ހިމަނާފަ އެވެ. އެއީ ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްތަކުގެ އިންސްޕެކްޝަން ހަދާފައި ނުވާތީކަން މިނިސްޓްރީން އޮޑިޓަށް މައުލޫމާތު ދިން ކަމަށް ބަޔާންކޮށްފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ