އެއީ މިޔަރުގެ ހަމަލާއެއް، ބުރަފަތީގައި ޖެހިފައެއް ނޫން

ކުޅުދުއްފުށީ ކައިރިއަށް މަސްހިފަން ފީނި މީހަކަށް މިޔަރެއް (ބުލެކް ޓިޕެއް) ހަމަލާދީ ޒަހަމުކޮށްލި ހަބަރާއެކު ގިނަ ބަޔަކު އެކި ގޮތްގޮތަށް ވާހަކަދެއްކި އެވެ. ވަކިން ހާއްސަކޮށް މީހާ މަތީގައި އޮއްވާ ކުއްލިއަކަށް އައިސް އާދައިގެ މިޔަރެއް ނުހިފާނެކަމަށް ބުނެ ވާހަކަ ފެތުރި އެވެ.
މިމަހު 19 ވަނަ ހިނގި މިހާދިސާގައި އަނިޔާވީ ކުޅުދުއްފުއްޓަށް އުފަން ހާމިދު އަބުދުލްވައްހާބު (30އ) އަށެވެ. އޭނާގެ ކަނާތު އަތާއި ކޮނޑުމައްޗަށްވާގޮތަށް ބުރަކަށި ފަރާތް ޒަހަމްވެ، ކޮނޑުހުޅުން ނެއްޓުނެވެ.
މިކަމުގައި އޭނާއާއެކު ހަތަރު މީހަކު ފީނީ އެވެ. ފަސްވަނަ މީހާ ހުރީ ޑިންގީގަ އެވެ. މި ހަތަރު މީހުންނަކީވެސް އާންމުކޮށް ފީނަށްގޮސް އުޅޭ އެކަމުގެ ތަޖުރިބާ ލިބިފައިވާ ތިބި މީހުންނެވެ. އެ ދުވަހުވެސް އެ މީހުން ދިޔައީ އާދައިގެ މަތިން ރަށުގެ އިރު ދެކުނު ކަންމައްޗަށެވެ. ފުރަތަމަ ފޭބީ ތަނުގައި ކުޑަވަގުތު ކޮޅަކު އުޅެލުމަށްފަހު އަނެއްކާވެސް ޑިންގީއަށް އަރައި ހަމަ ތިބި ދިމާލުން ތަންކޮޅެއް ބޭރަށް ފޭބި އެވެ. ފުރަތަމަ ފޭބި ތަނުގައި ފުންމިނުގައި ގާތްގަނޑަށް ހުންނާނީ 30 މީޓަރެވެ. ފަހުން ފޭބިތަނުގައި ހުންނާނީ 40 މީޓަރުކަމަށް އެ މީހުން ބުންޏެވެ.
ހަތަރު މީހުންގެ ތެރެއިން ހާމިދު އާއި އޭނާ އެންމެ ގާތުގައި އޮތް އެކުވެރިޔާގެ އަތުގައި މަސްހިފަން ގެންގުޅޭ އާލާތް ހުރިއިރު ފިލިކުރަން ގެންގުޅޭ މަހާއި ފްލެޝަރ ގެންގުޅުނީ ދެން ތިބި ދެ މީހުންނެވެ. ސާފު ދުވަހެއްކަމުން މޫދުގެ އަޑި ސާފުކޮށް ފެނެ އެވެ. އެ މީހުން ބުނީ، ފިލި ކުރަން އެދުވަހު ލިބުނު މަސްގަނޑުވުމުން ފިލިކުރެވޭ ގޮތްވެސް އޭރު ނުވާ ކަމަށެވެ. ފޭބިތާ ކުޑަވަގުތު ކޮޅެއް ނުވަނީސް ފެނުނީ މިޔަރު އައިސް ހާމިދަށް ހަމަލާދިން މަންޒަރުކަމަށެވެ.
'އަހަރެމެންނަށް މިޔަރު ފެނުނުއިރު އޭތި އޮންނަނީ ގާތްގަނޑަށް 20-25 މީޓަރު އަޑީގަ. ފުރަތަމަ އައީ މަޑުމަޑުން. އެކަމަކު ދިހަވަރަށް މީޓަރަށް އަރާ ސްޕީޑްބާރުކޮށްލައި އެ އެރިގޮތަށް އަރާ ހަމަލާދިނީ. ސްޕީޑްބާރުކޮށްލުމާއި ހަމަލާދިނުމާ ދޭތެރޭގައި ވާނީ މަދު ސިކުންތުކޮޅެއް." ހާމިދުއާއެކު ފީނަށް އުޅުނު މީހުން ކިޔައިދިނެވެ.
އެ މީހުން ކިޔައިދިން ގޮތުގައި، މިޔަރު އެރީ ހަތަރު މީހުންގެ މެދުން ސީދާ އަޑިންނެވެ. އޭރު ހަތަރު މީހުންވެސް ތިބޭނީ 7-2 ފޫޓާހާ ކައިރީގަ އެވެ. ހާމިދަށް މިޔަރު ހަމަލާދިނީ ސަރފޭސްއަށް އެރުމަށްފަހު ކަމަށާއި އެ މިޔަރުގެ ބޮޑުމިނުގައި ގާތްގަނޑަށް 7 ނުވަތަ 8 ފޫޓް ހުންނާނެ ކަމަށް އެ މީހުން ބުންޏެވެ.
ފުރަތަމަ މިޔަރު ފެނުމުން އޭތި އެ އަންނަނީ ހަމަލާން ދޭންކަމެއް އެކަކުވެސް ހިޔެއްނުކުރެ އެވެ. އެއީ އެ މީހުންނަކީ މީގެ ކުރިން މިޔަރުތަކާއެކު ފީނައި އެކަމުގެ ތަޖުރިބާ ލިބިފައި ތިބި މީހުންކަމުން މިޔަރަކީ އިންސާނުންނަށް ހަމަލާދޭނެ އެއްޗެއްކަމަށް އެވަގުތާހަމައަށް އެތަނުން އެކަކުވެސް ގަބޫލެއް ނުކުރެ އެވެ.
އެ މީހުން ބުނިގޮތުގައި އެ ހަމަލާއަށްފަހު މިޔަރާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށާއި ކޮންމެ ފަހަރަކު މިޔަރު އައިސް ނުހިފިޔަސް މިޔަރަކީ މީހުންނަށް ހަމަލާދޭ އެއްޗެއް ކަމާއި އެކަން ކޮންމެ މީހަކުވެސް ގަބޫލުކުރާނީ މިފަދަ ކަމެއްދިމާވުމުން ކަމަށްވެސް އެ މީހުން ބުންޏެވެ. އެ މީހުން ކިޔައިދިން ގޮތުގައި ، ހަމަލާދިނީ ބުލެކް ޓިޕެއް ނޫން ކަމަށާއި އެއީ ބުލްޝާރކެއް ކަމަށެވެ. ބުލްޝާރކަކީ ނުރައްކާތެރި ބާވަތެއްގެ މިޔަރެކެވެ. އަދި ފަހުން ގެޔަށް އައިސް މިޔަރު ހަމަލާދޭ ވީޑީއޯ އާއި އިތުރު އެހެން މައުލޫމާތު ހޯދުމުން އެއީ ބުލްޝާރކެއްކަން ކަށަވަރުވެފައިވާކަމަށެވެ.
އެ މީހުން އިތުރަށް ކިޔައިދިން ގޮތުގައި، އެދުވަހު ފީނި ސަރަހައްދަކީ އާންމުކޮށްވެސް ފީނަންދާ ސަރަހައްދެއް ކަމަށާއި ބައެއް ދުވަސްތަކުގައި އެތަނަށް މަސްއަރުވަން ދިހަ ކިލޯގެ މަސްވެސް ފިލިކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް މީގެ ކުރިން ދުވަހަކުވެސް އެފަދަ ހާދިސާއެއް ކުރިމަތިވެފަނުވާކަން އެ މީހުން ފާހަގަކުރި އެވެ.
މިޔަރު ހިފުމާއެކު ހަމަ އެވަގުތު ޑިންގީގައި ހުރި މީހާ ޑިންގީ އެ މީހުން ތިބި ހިސާބު ގާތްގަނޑަށް 10 ވަރަށް ފޫޓް ކައިރިކޮށް އިންޖީނު ނިވާލި ކަމަށާއި ޑިންގީއާ ހަމައަށް ދިޔައީ ފަތާފަ ކަމަށެވެ. ބުރަފަތީގައި ޖެހި އަނިޔާވާނެ އެއްވެސް ފުރުސަތެއް ނެތްކަން އެ މީހުން ޔަގީންކޮށްދިނެވެ.
އެންމެ ބޮޑު ނުތަނަވަސްކަމަށްވީ އެ އުނދަގޫ ވަގުތު އެމްބިއުލާންސް ލަސްވުމެވެ. ޑިންގީއަށް އެރުމާއެކު އެމްބިއުލާންސްއަށް ގުޅައި ހާދިސާ ކިޔައިދިން ކަމަށާއި އަދި ގާތްކުރާ ބަނދަރާއި ހުރިހާ މައުލޫމާތެއްވެސް ދިން ކަމަށް އެ މީހުން ކިޔައިދިނެވެ. އެކަމަކު ރަށަށް ލެފިއިރުވެސް އެމްބިއުލާންސް ނާންނަ ކަމަށާއި ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕަކަށް ލައިގެން ކަމަށެވެ.
ހާމިދަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާއިރު އޭނާ ހާލު ރަނގަޅުކަމަށް އާއިލާއިން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ