ކަނޑަށް ވެއްޓި ގެއްލި، ހޯދަން އުޅެ ނުފެނިފައިވާ މީހަކު މަރުވެފައިވާކަމަށް ބަލައި، ޣައިބަށް ކަށު ނަމާދު ކުރުމާމެދުގޮތް ނިންމާނީ ގާޒީ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވީ މާލެއަށް ދަތުރުކުރަނިކޮށް ރޯވި ހޮޅުދޫ ބޯޓުން މި މަހުގެ ދެވަނަ ދުވަހުގެ ރޭ ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް އޭނާގެ އުފަން ރަށް، ލ. މާވަށުގައި މިއަދު ޣައިބަށް ކަށުނަމާދުކުރަން ނިންމުމާ ގުޅިގެންނެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މިފަދަ ހާލަތުގައި އެ މީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅަން ޖެހޭނީ ގާޒީއަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީކަން ހިނގައި ދިޔަގޮތް ބަލައި، އޭނާ މަރުވެއްޖެކަން ގާޒީ ކަނޑައަޅައިފި ނަމަ އެ މީހެއްގެ މައްޗަށް ކަށުނަމާދު ކުރުން ހުއްދަވާނެ ކަމަށެވެ.
މިފަދަ މައްސަލަތަކުގައި ގާޒީގެ ހުކުމެއް އޮންނަންޖެހެނީ މަރަކީ ޝަރުއީ ގޮތުން ވަރަށް ގިނަ ކަންކަން ގުޅިފައިވާ ކަމަކަށް ވާތީ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ ތެރޭގައި ކައިވެނި، ވާރުތަ އަދި އިއްދައިގެ މައްސަލަތައް ހިމެނެއެވެ.
ބައެއް އިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ގެއްލިފައިވާ މީހަކާމެދު ހުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުންނެވެ.
ނަމަވެސް މިނިސްޓަރ ޝަހީމް ފާހަގަކުރެއްވި ގޮތުގައި ކަނޑަށް ވެއްޓި ގެއްލިފައިވާ މީހަކު މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭނަމަ، ހަތަރު އަހަރު ހަމަނުވިޔަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެއެވެ.
ގާޒީ މިފަދަ މައްސަލަތަކުގައި ގޮތެއް ނިންމަވާނީ ގެއްލުނު ހާލަތާއި، ހޯދުމަށް ކުރެވުނު މަސައްކަތްތަކާއި، މައްސަލައިގެ އެންމެހާ ކަންކަން ރަނގަޅަށް ދިރާސާ ކުރެއްވުމަށްފަހުގައި ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
މާވަށު ކައުންސިލުން އިއްޔެ ނެރުނު ދެންނެވުމުގައި ވާ ގޮތުން، 25 އަހަރުގެ މުޝްފިގުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހުގައެވެ.
އަދި އެ ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ގެއްލުނު މީހެއްގެ މައްޗަށް ކަށުނަމާދު ކުރުމާމެދު ގޮތް ނިންމާނީ ގާޒީ: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ