އިދިކޮޅުގައި ތިބެ ޔޯގާ ހުއްޓުވައި، މިހާރު އެ ދުވަސް ފާހަގަ ކުރުން ބަލައެއް ނުގަނެވޭ: އިލްމުވެރިންގެ ގުޅުން
ދެހާސް ބާވީސްވަނަ އަހަރު ސަރުކާރާ އިދިކޮޅުގައި ތިބި ބައެއް ފަރާތްތަކުން ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ހުއްޓުވުމަށްފަހު، މިއަދު އެ ދުވަސް ފާހަގަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން މިއަދު ބުނެފިއެވެ. ޖޫން 21، 2022ގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ހަރަކާތްތަކެއް ބާއްވަނިކޮށް ވަނީ ބޮޑު ހަމަނުޖެހުމެއް ހިންގައިފައެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ. ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި ބަޔަކު ގަލޮޅުދަނޑަށް ވަދެގަނެ، ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ. މި މައްސަލައިގައި ހައްޔަރުކުރިކުރި މީހުންގެ ތެރޭގައި ދީނީ އިލްމުވެރިންނާއި، އޭރު އިދިކޮޅުގައި ތިބި، މިހާރު ސަރުކާރަށް ނިސްބަތްވާ ބައެއް ސިޔާސީ ބޭފުޅުން ވެސް ހިމެނުނެވެ. https://sun.mv/207567 ކަން މިހެން އޮއްވައި، މި ސަރުކާރުގެ އެއްބާރުލުމާއެކު އިއްޔެ ޔޯގާ ދުވަސް ފާހަގަކުރުމުން އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިއަހަރުގެ ޔޯގާ ދުވަސް ފާހަގަކޮށްފައި ވަނީ ތާޖު މޯލްޑިވްސް ރިސޯޓުގައެވެ. އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޔޯގާގެ އަމަލުތަކަކީ ޝިރުކުގެ އަމަލުތަކެއްކަން ބަޔާންކޮށް ރާއްޖޭގެ 104 ދީނީ އިލްމުވެރިން ހިމެނޭހެން، އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މީގެ ކުރީން ވެސް އެ ކަމުގެ ނުރައްކާތެރިކަމާއި ހުކުމް ބަޔާންކޮށްދީފަައި ވާކަމަށެވެ. ދެހާސް ބާވީސްވަނަ އަހަރު ޔޯގާ ދުވަސް ފާހަގަ ކުރިއިރު ހިނގައިދިޔަ ކަންކަމުގެ ސަބަބުން ޔޯގާއަކީ ދީނީ އެއްބައިވަންތަކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއްކަން، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށްއެ ބަޔާނުގައި ވެއެވެ. "ހަމަ އެއާއެކު ޔޯގާގެ އަމަލު ހުއްޓުވުމަށް ޓަކައި އެ ދުވަހު އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި، މިހާރު ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މަސައްކަތް ކުރައްވާފައިވާކަން ފެންނަން ވެސް އެބަ އޮތެވެ." އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ޔޯގާ ދުވަސް ފާހަގަކުރިއިރު، ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ސަރުކާރުގެ ކުޅިވަރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކު ބައިވެރިވުން ވެސް އެ ޖަމިއްޔާއިން ކުށްވެރިކުރިއެވެ. "އެހެނީ މީހެއްގެ ލޭ އޮހޮރުވާލުން ފަދަ ކަމެއްގައި އެ ފަދަ މަގާމެއްގައި ހުރި މީހަކު ބައިވެރިވެއްޖެނަމަ، އެ މީހަކަށް ސަރުކާރުގެ ފަރާތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމީ ކަށަވަރު ކަމެކެވެ. އެހެން ކަމަށްވާއިރު، މާތް ﷲއަށް ޝިރުކު ކުރުމަކީ މި ބިންމަތީގައި ކުރެވޭ އެންމެ ބޮޑުވެގެންވާ ނުބައިކަން ކަމުގައި ކަށަވަރުކުރާ ހާލު، އެ ފަދަ ކަންކަމަށް އަރައިގަންނަ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ އައުލާކަން މުސްލިމުންގެ ހައިސިއްޔަތުން މާ ބޮޑުވެގެންވެއެވެ" އެ ބަޔާނުގައި ވެއެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ޔޯގާ ދުވަސް ފާހަގަކުރުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ އިމުގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއްގައި ޝިރުކުގެ އަމަލުތައް ހިންގުމަށް ފުރުސަތު ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދައުލަތުގެ އިސް ފަރާތްތަކުގެ އިތުރުން ސަލާމަތީ ބާރުތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ. އަިދ ޝިރުކުގެ އެންމެހައި އަމަލުތަކުން މި ގައުމު ތާހިރުކޮށް، އެ ގޮތުގެ މަތީގައި ދެމެހެއްޓުމުގައި ރައްޔިތުންގެ ދައުރު ފުރިހަމައަށް އަދާކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ. https://sun.mv/167158 މިދިޔަ ސަރުކާރުގައި ޔޯގާ ދުވަސް ފާހަގަކުރަނިކޮށް އެ ކަމަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގިއިރު، އެ ކަމަކީ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރަމުންދާ ކަމެއް ކަމަށް ކުރީ ސަރުކާރުން ވަނީ ބުނެފައެވެ. ޔޯގާ ދުވަހަކީ އެމްޑީޕީ އާއި ޕީޕީއެމްގެ ވެރިކަމުގައި ވެސް ފާހަގަކޮށްފައިވާ ދުވަހެއް ކަމުން އޭރު އެ ކަން ގޯސްވެގެން އުޅުނީ ސިޔާސީ ބޭނުމެއްގައި ވަކި ބަޔަކަށް އޮޅުވާލައިގެން ގެއްލުން ދިނުމުގެ ނިޔަތުގައި ކަމަށް ވެސް ކުރީ ސަރުކާރުން އޭރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ