ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރިޔާއަށް ފްލެޓަށް އެދުން މިމަހުގެ 20ގައި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިޞްލާޙުކުރުމުގެ މަސައްކަތް ކުރައްވާކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ހާމަކުރެއްވީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފޯމް ހުށަހެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނީ ފޯމް ފުރުމަށް ދަތިވާ ފަރާތްތަކާއި 18 އަހަރު ފުރިފައިނުވާ ފަރާތްތަކުގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުންނެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގުރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ އެޕްރީލްމަހުގެ 1 ވަނަ ދުވަހުއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްޞަ ކެޓަގަރީން ފްލެޓަށް އެދި ހުށައަޅާ ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްގެ ގޮތުގައި ސާބިތުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށައެޅޭނެއެވެ.
އެ ވުޒާރާއިން މީގެ ކުރިން އާންމު ކުރި އުސޫލު އޮތްގޮތުން ޖެހެނީ ނުކުޅެދުންތެރިކަން ހުންނަ ބައިގައި ހަމައެކަނި ފާހަގައެއް ޖަހާށެވެ. ނަމަވެސް މިދިޔަ ފެބުރުވަރީ މަހު އެވުޒާރާއިން އުސޫލަށް ގެނައި ބަދަލުގައި ވަނީ، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑަކޮށްދީފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހަކަށެވެ.
މީގެއިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމުގޮތެއްގައި ގްރޭޓަރ މާލެ ސަރަހައްދަށް އަންނަން ޖެހިފައިވާތީ، ގްރޭޓަރ މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ ޖަަނަވަރީ މަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ