މިހާރު އޮތީ މިނިވަން މުއައްސަސާތަކާއި ގާނޫނުތައް ބޭނުންކޮށްގެން ނޫސްވެރިންނަށް ބިރުދެއްކުމުގެ ސަގާފަތެއް: ފައްޔާޒު

މި ގައުމުން މިހާރު ފެންނަމުންދަނީ މިނިވަން މުއައްސަސާތަކާއި ގާނޫނުތައް ބޭނުންކޮށްގެން ނޫސްވެރިންނަށް ބިރުދެއްކުމުގެ ސަގާފަތެއް އަށަގަނެފައި އޮތް ތަން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖޭގެ ނޫސްވެރިކަން 2008 ގެ ކުރީކޮޅުގައި އޮތް ހާލަތަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު އައިފަހުން ނޫސްވެރިކަމުގެ މިނިވަންކަން ކުރީގެ ހާލަތަށް ވެއްޓިފައިވާ ކަމަށެވެ. ދިވެހިރާއްޖެއިން ހޯދާފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފަހަތަށް ގޮސްފައިވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "ރާއްޖޭގެ ނޫސްވެރިކަމުހެ މިނިވަންކަން 2008 ގެ ކުރީކޮޅުގައި އޮތް ހާލަތަށް ވަނީ ގޮސްފަ. ދިވެހިރާއްޖެއިން ހޯދާފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކުރީގެ ހާލަތަށް ފަހަތަށް ގޮސްފައިވުމަކީ ބޮޑު ކަންބޮޑުވުމެއް،" ފައްޔާޒު ވިދާޅުވިއެވެ. https://x.com/faya_i/status/2050791983451377931 ސަރުކާރުން ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ބިލާއި، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނަކީ ސަރުކާރާ ދެކޮޅު ހިޔާލުތައް މަނާކުރުމަށާއި މިނިވަން ނޫސްވެރިންނަށް ބިރުދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާ ހަތިޔާރެއްގެ ގޮތުގައި ފައްޔާޒު ވަނީ ސިފަކުރައްވާފައެވެ. މިފަދަ ގާނޫނުތަކުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ކޮރަޕްޝަނާއި ސަރުކާރުގެ ނާގާބިލުކަމާ ދެކޮޅަށް އަޑުއުފުލާ ނޫސްވެރިންނަށް މެދުނުކެނޑި އިންޒާރުތަކާއި ފުރައްސާރަ ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި، ދައުލަތުގެ ފަރާތުން ކުރިމަތިވާ މިފަދަ އަނިޔާވެރިކަމުން ނޫސްވެރިން ރައްކާތެރިކުރަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މީޑިއާ ކޮންޓްރޯލް ބިލް އުވާލައި، އަމިއްލައަށް ރެގިއުލޭޓްކުރާ މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު ދިނުމަށް އޭނާ ވަނީ ގޮވާލާފައެވެ. ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހަމައެކަނި ކަރުދާހުގައި އޮތް ލިޔުމަކަށް ނުހަދައި، އެއީ އަމަލީ ގޮތުން ފެންނަ ހަގީގަތަކަށް ހަދަންޖެހޭ ކަމަށް ފައްޔާޒު ބަޔާންކުރެއްވިއެވެ. އެއްވެސް ނޫސްވެރިއަކަށް ދައުލަތުން އިންޒާރު ލިބިގެން ނުވާނެ ކަމަށާއި، އަދި އެއްވެސް ނޫސް އިދާރާއެއް ބަންދުކޮށްފާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައި މަސައްކަތް ކުރަން ޖެހިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ ދައުލަތް ޒިންމާދާރުކުރުވުމަށް އޮތް ހަމައެކަނި މަގު ކަމަށެވެ. އަދި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާ އެކުވެސް ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާ ނޫސްވެރިންނާއެކު ދެމިތިބިކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ