އެމްއާރްއެމަށް 10،000 ހަމަކޮށް ފައިސާ ހޯދާކަށް ނޫޅެން: ފާރިސް

ފާރިސް ވަނީ އެ ޕާޓީގައި މެންބަރުންގެ އަދަދު މަދު ކަމަށް ބުނެ އަމާޒުވާ ފާޑު ކިޔުންތަކާއި އެމްއާރްއެމަކީ އާއިލީ ޕާޓީއެއް ކަމަށް ބުނާތީ އެ ކަމަށްވެސް ރައްދު ދެއްވާފައެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް 10،000 މެންބަރުން ހަމަކޮށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ހޯދަން އެ ޕާޓީން މަސައްކަތް ނުކުރާނެ ކަމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅު ވެއްޖެ އެވެ.
ފާރިސް މިހެން ވިދާޅުވީ ކްލަބްހައުސް ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވެގެން އެ އަދަދު ހަމަކުރަން އެންމެ ގިނައިން ނޯޓިސް ދިން ޕާޓީއަކަށް މިހާރު އެމްއާރްއެމް ވެފައި ވެއެވެ.ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެ ޕާޓީއެއްގެ ނަން ބޭއްވުމަށް 3،000 މެންބަރުން އެ ޕާޓީއެއްގައި ހަމަވާން ޖެހެ އެވެ. އެ އަދަދު ހަމަ ނުވާނަމަ އެ ޕާޓީއަކަށް އެކަން އަންގާ ތިން މަސް ދުވަހުގެ ނޯޓިސް ދޭން ޖެހެ އެވެ. އެ މުއްދަތުގައި ގާނޫނީ އަދަދު ހަމަ ނުކުރެވިއްޖެނަމަ ދެން އޮންނާނީ އުވާލުުމުގެ މަރުހަލާ އެވެ. ދާދި ފަހުން ވަނީ ދެ ޕާޓީއެއް އުވާލާފަ އެވެ.ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ދުވަސްވީ ތަޖުރިބާ ބޮޑު ސިޔާސީ ޝަހުސިއްޔަތަކީ ފާރިސްގެ ބައްޕާފުޅު، ރައީސް މައުމޫނެވެ. މައުމޫން ޒައީމްކަން ކުރައްވާ ޕާޓީގައި މެންބަރުން މަދު ކަން ފާހަގަކޮށް ފާޑުކިޔުން އޮވެ އެވެ. އެކަމާއި ގުޅޭގޮތުން މީހަކު ސުވާލު ކުރުމުން ކްލަބް ހައުސް ޕްރޮގްރާމްގައި ފާރިސް ވިދާޅުވީ އެމްއާރްއެމް މަސައްކަތް ކުރަނީ 10،000 މެންބަރުން ހަމަކޮށް ދައުލަތުން ފައިސާ ހޯދަން ނޫން ކަމަށެވެ. އެ އަދަދަށް މެންބާޝިޕް ގެންގޮސް ދައުލަތުން ފައިސާ ހޯއްދަވަން ނޫޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.އަދި ވިދާޅުވީ ގާނޫނުގައި އޮތް އަދަދު ހަމަވުުމުން ނިމުނީ ކަމަށެވެ.
އެމްއާރްއެމަކީ ކުރީން ސިޔާސީ ހަރަކާތެވެ. އެ ހަރަކާތް 2018 ގައި ހިންގީ "މައުމޫން ރިފޯމް މޫވްމަންޓް" ގެ ނަމުގަ އެވެ. އެއީ ރައީސް މައުމޫން އިސްވެ އުފެއްދެވި ދެވަނަ ޕާޓީ "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް" އެމަނިކުފާނުގެ އަތްޕުޅުން ގެއްލުމުންނެވެ.ކޮއްކޯފުޅު، ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދެ ބޭފުޅުންގެ ގުޅުން ގޯސްވެ ޕާޓީ ކޮންޓްރޯލް ކުރެއްވުމުގެ ވާދަވެރި ކަމުގެ ތެރެއިން ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލީ ގިނަ ބޭފުޅުން އަދި އެންމެ ވަފާތެރި މެންބަރުން ޕީޕީއެމުން ވަކި ކުރެއްވީ އެވެ. އޭގެ ކުރީން "ދިވެހި ރައްޔިތުންގެ ޕާޓީ" ގެ ނަމުގައި މައުމޫން ޕާޓީއެއް ހެއްދެވި އެވެ. ޕީޕީއެމް އުފެއްދެވީ ޑީއާރުޕީ ދެބައިވެ ޕާޓީގެ ކޮންޓްރޯލް އަހްމަދު ތަސްމީން އަލީ ހޯއްދެވުމުންނެވެ. ޑީއާރުޕީ މިހާރު ވަނީ އުވާލާފަ އެވެ.އެމްއާރްއެމް އުފައްދަވާ ޕާޓީގެ އިންތިގާލީ ރައީސަކަށް ހުންނެވީ މައުމޫނެވެ. އިންތިގާލީ ދައުރަށް ފަހު މިހާރުގެ ރައީސަކީ ދަރިކަލުން ފާރިސް މައުމޫނެވެ. މައުމޫނަކީ ޕާޓީގެ މުޝްތަޝާރު އަދި ޒައީމެވެ. ޕާޓީގައި އިސްކޮށް ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެމްއާރްއެމް އަކީ މައުމޫންގެ އާއިލީ ޕާޓީއެއް ކަމަށް ބުނާތީ އެކަމަށް ވެސް ފާރިސް ރައްދު ދެއްވިއެވެ. ފާރިސް ވިދާޅުވީ އެ އެ ސުވާލު އުފެދުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަަމަވެސް ވިދާޅުވީ އެމްއާރްއެމްގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕާޓީގެ ދަފްތަރު ބައްލަވާލެއްވުމުން އެއީ ރަނގަޅު ހީއެއް ނޫންކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.އެމްއާރްއެމްގައި މައުމޫންގެ އާއިލީ ބޭފުޅުން ވަރަށް މަދު ކަމަށާ ޕާޓީގައި ބޮޑު ޕަސެންޓަކީ ޒުވާނުން ކަމަށެވެ. އަދި އެއީ ސިޔާސީ މައިދާނަށް މުޅީން އާ ޒުވާނުން ކަމަށް ވެސް ވިދާޅުވި އެވެ."ކުރީގައި ހިނގައިދިޔަ ކަމެއް އިއާދަކުރަން އުޅޭ ބައެއް ނޫން މިއީ،" އާއިލީ ވެރިކަމެއް އަލުން ކުރައްވަން މައުމޫން މަސައްކަތް ކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާ ފާރިސް ވިދާޅުވި އެވެ.އެ ޕްރޮގްރާމް އަޑުއެއްސެވުމަށް މައުމޫން ވެސް އިންނެވި އެވެ. ފާރިސް ވިދާޅުވީ ސިޔާސީ މަސައްކަތުގައި ދެމި ހުންނެވެނީ އޭނާއަށް ވެސް ކޮންމެވެސް ބައެއްގެ ތާއީދު އޮތުމުން ކަމަށެވެ. އަދި ތައުލީމާއި ކޮންމެވެސް ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާތީ އެވެ.ރައީސް މައުމޫނަކީ ގައުމު ދުށް އެންމެ ބޮޑު އެއް ހިދުމަތްތެރިޔާ ކަމަށާ ސިޔާސީ މަަސައްކަތުގައި އުޅުއްވާއިރުު އޭނާއަކީ މައުމޫންގެ ބޭފުޅަކަށް ވެވަޑައި ނުގެންނެވިނަމަ ވަރަށް ފަސޭހަވީސް ކަމަށް ބައެއް ފަހަރު ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ."މާ ފަސޭހަ ވީސްއޭ ހިދުމަތްތެރި ބޭފުޅެއްގެ ދަރިއަކަށް ނުވިނަމަ. އެހެން ހިތަށް އަރާ އަޅުގަނޑު ވެސް ބައެއް ފަހަރު،"ފާރިސް ވިދާޅުވީ މައުމޫންގެ ބޭފުޅަކަށް ވީތީ ތާއީދު ކުރެއްވުމަށް އަދި އޭނާ ދައްކަވާ ވާހަކަތައް އަޑުއެއްސެވުމަށް ދުވަހަކު ވެސް ބައެއްގެ / މީހެއްގެ ކައިރީގައި ވިދާޅުވެފައި ނުވާނެ ކަމަށާ ކުރިއަށް އޮތްތާ ވެސް އެފަދަ އެއްޗެއް ވިދާޅު ނުވާނެ ކަމަށެވެ. އަދި އެ ވިސްނުން ދޫކޮށްލައްވާ އޭނާ ދައްކަވާ ވާހަކަތައް ވެސް އަޑު އައްސަވާ މިނެކިރާލެއްވުމަށް އެދިވަޑައިގަތެވެ. އެ ވާހަކަތައް ރަނގަޅު ނަމަ ގަބޫލު ކުރެއްވުމާއި ރަނގަޅު ނޫން ނަމަ ދެން އަޑު ނޭއްސެވުމުގެ އިހްތިޔާރު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ