ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް އަނެއްކާ ވެސް ވަރުގަދަ މުޒާހަރާތަކެއް

ކޮލަންބޯ (08 ޖޫން 2023): ސްރީލަންކާގެ ޔުނިވާސިޓީތަކާއި ކޮލެޖްތަކުގެ ދަރިވަރުން ވެރިރަށް ކޮލަމްބޯގެ މަގުތަކުގައި އަނެއްކާ ވެސް މުޒާހަރާ ކުރަން ފަށައިފިއެވެ. މި މުޒާހަރާތަކުގައި ދަރިވަރުން އެދެމުންދަނީ ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާއާ ގުޅިގެން އެގައުމުގެ ސަރުކާރާ ދެކޮޅަށް 2022 ވަނަ އަހަރު ކުރި މުޒާހަރާތަކައި ހައްޔަރުކޮށްފައިވާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ދަރިވަރުން މިނިވަންކުރުމަށެވެ. ދަރިވަރުން ވަނީ 2022 ވަނަ އަހަރުގެ މުޒާހަރާތަކުގައި ހައްޔަރުކުރި އާންމުންގެ ގިނަ ބަޔަކު މިހާރު މިނިވަންކޮށްފައި ވީނަމަވެސް ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ދަރިވަރުން މިނިވަން ނުކުރާތީއާ އަދި ބައެއް ދަރިވަރުންނާ ދެކޮޅަށް ސިޔާސީ ދައުވާތައް ކުރަން ސަރުކާރުން އުޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ފެންނަ ގޮތުގައި ސްރީލަންކާގެ ސަރުކާރު އޮތީ މުޒާހަރާ ކުރާ ދަރިވަރުންގެ އެދުންތަކަށް އިޖާބަ ދޭގޮތަކަށް ނޫނެވެ. ފުލުހުން ގެންދަނީ ބާރުގެ ބޭނުންކޮށްގެން ދަރިވަރުންގެ މުޒާހަރާތައް ރޫޅާލުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ކަރުނަގޭހާއި ހައިޕްރެޝަރު ފެންވަނީ މުޒާހަރާކުރާ ދަރިވަރުންނާ ދެކޮޅަށް ބޭނުންކޮށްފައެވެ. ސްރީލަންކާގެ ގިނަ ނޫސްތަކުން ވަނީ ފުލުހުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އާދަޔާ ޚިލާފަށް ބާރުގެ ބޭނުން ކުރާކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާފައެވެ. ދަރިވަރުން ސުލްހަވެރި މުޒާހަރާތަކެއް ކުރާއިރު ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލުމަށް މަސައްކަތްކުރުމުގެ ބޭނުމަކީ ދަރިވަރުންގެ އަޑު ކަނޑުވައިލުން ކަމަށް ވެސް ސްރީލަންކާގެ ބައެއް ނޫސްތަކުން ވަނީ ސިފަކޮށްފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ދިގުމުއްދަތަކަށް ސްރީލަންކާ ބަންދުކޮށްފައި އޮތުމުގެ ސަބަބުންނާއި އެނޫންވެސް މައްސަލަތަކާ ގުޅިގެން ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ވަރުގަދަ ކާރިސާގައި މުޅި ގައުމު އިނދަޖެހި ރައްޔިތުން ބަނޑަށްޖެހި ބޭހާއި ކާބޯތަކެއްޗާއި ހަކަތަ ވަރަށް ބޮޑަށް ހުސްވުމާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައިމަހު ސްރީލަންކާގެ ރައްޔިތުންވަނީ ގޮތް ހުސްވެގެން ރުޅިވެރިކަމާއެކު މަގުތަކަށް ނުކުމެ ސަރުކާރާ އަދި އޭރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އާ ދެކޮޅަށް އުތުރިއަރައިގެންގައެވެ. މި އުތުރިއަރައިގަތުމުގައި ރައްޔިތުންގެ އެތަށް ހާސް ބަޔަކުވަނީ ޕާލަމެންޓް ހިސާރުކޮށް ރިޔާސީ ގަނޑުވަރާއި ރިޔާސީ އޮފީހަށް ވަދެގަނެ އެދެތަން އެ މީހުންގެ ކޮންޓްރޯލްގެ ދަށަށްގެންގޮސްފައެވެ. ރައްޔިތުންގެ އުތުރި އެރުމާއެކު ގޮތަބަޔަ ވަނީ ސިފައިންގެ ހިމާޔަތުގައި އަސްކަރީ މަރުކަޒަކަށް ވަޑައިގެން އެތާގައި ހުންނެވުމަށް ފަހު ގައުމުން ފިއްލަވާފައެވެ. ސްރީލަންކާއިން ފިއްލަވައިގެން ގޮތަބަޔަ އާއި އޭނާގެ އަނބިކަނބަލުން ފުރަތަމަ ވަޑައިގަތީ ދިވެހި ރާއްޖެއަށެވެ. ރާއްޖޭގައި އެއް ދުވަހު ހުންނެވުމަށްފަހު އޭނާ ވަޑައިގެންނެވީ ސިންގަޕޫރަށެވެ. ގޮތަބަޔަ މަގާމުން އިސްތިއުފާ ދެއްވީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ. ސިންގަޕޫރުގައި މަހެއްހާ ދުވަހު ހުންނެވުމަށްފަހު 90 ދުވަހުގެ ވިސާއެއްގައި ދެން ގޮތަބަޔަ ވަޑައިގަތީ ތައިލެންޑްގެ ވެރިރަށް ބެންކޮކަށެވެ. ގޮތަބަޔަ ސްރީލަންކާއަށް އެނބުރި ވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަދުވަހުގެ ރޭގައި ބެންކޮކުންނެވެ. އެއަށްފަހު އޭނާގެ މާބޮޑު ޚަބަރެއް ނުވެއެވެ. ގޮތަބަޔަ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް ކަމާ ހަވާލުވެވަޑައިގެންފައިވަނީ ބޮޑުވަޒީރުކަމުގައި އޭރު ހުންނެވި ރަނިލް ވިކްރަމަސިންހައެވެ. ރަނިލް ސްރީލަންކާގެ ރައީސް ކަމަށް އިންތިޚާބުކުރީ ރައްޔިތުންގެ ވޯޓަކުން ނޫނެވެ. ސްރީލަންކާގެ ޕާލަމެންޓުންނެވެ. މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދަރިވަރުންނާއި އެނޫން މީހުން މިނިވަން ކުރުމަށް އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާ ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލް އާއި އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ ހިޔުމަން ރައިޓްސް ވޮޗް އިން ވެސް ވަނީ ސްރީލަންކާގެ މިހާރުގެ ސަރުކާރަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ