ދުނިޔޭގެ އެންމެ ނޭފަތްދިގު މީހާ މަރުވެއްޖެ

އެންމެ ނޭފަތްދިގު މީހާގެ ދުނިޔޭގެ ރެކޯޑް އޮތް ތުރުކީގެ މެހްމެޓް އޮޒްޔޫރެކް، 74 އަހަރުގައި މަރުވެއްޖެ އެވެ.
މެހްމަޓްގެ ނޭފަތުގައި 3.46 އިންޗި ހުއްޓެވެ. އެވްރެޖް ފިރިހެނެއްގެ ނޭފަތަށް ވުރެ މެހްމަޓްގެ ނޭފަތް އިންޗިއަކަށް ވުރެ ދިގެވެ.
ލަންޑަން ފޭޝިއަލް ޕްލާސްޓިކްސް ސާޖަރީން ހާމަކޮށްފައިވާ މައުލޫމާތު ބުނާ ގޮތުން އެވްރެޖްކޮށް ފިރިހެނެއްގެ ނޭފަތުގައި ހުންނަނީ 2.2 އިންޗި އެވެ.
މެހްމަޓްގެ އެކުވެރިން ބުނާ ގޮތުގައި އޭނާގެ ދިގު ނޭފަތާ މެދު މެހްމަޓް ވަރަށް ފަޚުރުވެރިވެ އެވެ.
އޭނާގެ ނޭފަތް ދިގުކަމުން އާދަޔާޚިލާފަށް ވަސް ދުވުމުގެ ބާރު ލިބިފައިވާ ކަމަށްވެސް މެހްމަޓް ބުނާ ކަމަށް އެކުވެރިން ބުނެފައި ވެއެވެ.
ތުރުކީގެ މީޑިއާއިން ބުނެފައިވާ ގޮތުގައި މިދިޔަ ހަފުތާގައި މެހެމަޓް މަރުވީ ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން ތައްޔާރުވަމުން ދަނިކޮށް ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެންނެވެ.
އޭނާގެ ދިގު ނޭފަތުގެ މިން އެޅުމަށްފަހު ގިނިސް ވޯލްޑް ރެކޯޑްސް ފުރަތަމަ ފަހަރަށް އޭނާއަށް ދީފައިވަނީ ލޮސް އެންޖަލިސްގައި 2001 ގައެވެ. އޭގެ ފަހުން 2010ގައި އިޓަލީގައި އަނެއްކާ އޭނާގެ ނޭފަތުގެ މިން އަޅައި ރެކޯޑް އާކޮށްދީފައި ވެއެވެ.
މެހްމަޓް ވަރަށް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އޭނާއަށް ލިބިފައިވާ ދިގު ނޭފަތަކީ އާއިލީ ގޮތުން ވާރުތަވެފައިވާ އެއްޗެއް ކަމަށް އޭނާ ގަބޫލު ކުރެ އެވެ. ނަމަވެސް އޭނާގެ ބައްޕަގެ ވެސް އަދި އަމިއްލަ ދަރިންގެ ވެސް ނޭފަތް ދިގު ނޫންކަމަށް މެހްމަޓް ބުންޏެވެ.
މެހްމަޓްގެ ސްކޫލް ދައުރުގައި އޭނާއަށް ކުދިން ބުލީކުރާ ސަބަބަކަށް އޭނާގެ ނޭފަތް ވިޔަސް އޭނާ އަބަދުވެސް ނޭފަތާ މެދު ފަޚުރުވެރިވާ ކަމަށްވެސް މެހްމަޓް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ