މާލޭގެ ބަނދަރުގައި އަޅާފައި ހުރި އޮޑިދޯނިފަހަރުގައި ތިބި މީހުންނަށް އިދިކޮޅު އެމްޑީޕީން މިމަހުގެ 31 ގައި ބާއްވަން ތައްޔާރުވަމުންދާ ބޮޑު ހަރަކާތަށް ދައުވަތު ދިނުމަށް މިއަދު ދިޔުމުން، ނޯތު ހާބަރުގައި ތިބި އެމްޕީއެލްގެ ސެކިއުރިޓީން އެކަމަށް ހުރަސްއަޅައިފި އެވެ.
އެމްޑީޕީގެ ލީޑަޝިޕާއި އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އިތުރުން އާންމު ބައެއް މެންބަރުން ވެސް ހިމެނޭހެން ބޮޑު ޓީމެއް މިއަދު މާރުކޭޓު ސަރަހައްދާއި ބަނދަރު މައްޗަށް ނުކުތީ ހަވީރު އެވެ. އެމްޕީއެލްގެ ސެކިއުރިޓީން އެމްޑީޕީގެ ޓިމަށް ހުރަސް އެޅީ މާރުކޭޓު ސަރަހައްދުގައި ހިނގުމަށްފަހު ނޯތު ހާބަރަށް ވަނުމުންނެވެ.
"އަޅުގަނޑުމެން އެތަނުގެ އެކި ބޯޓުތަކަށް އަރައި އަޅުގަނޑުމެންގެ އިވެންޓް ޕްރޮމޯޓު ކުރަމުންދިޔައިރު އެތަނުގެ [ނޯތު ހާބަރުގެ] ދެ ސްޓާފަކު އަައިސް ބުނީ މިތާ ބޮޑެތި މީހުން ބުންޏޭ މިތަނުގައި ސިޔާސީ މަސައްކަތެއް ނުކުރެވޭނެޔޭ، ނުކުންނާށޭ، ދެން އަޅުގަނޑުމެން ބުނިން ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިދޭ ހައްގެކޭ މިއީ، ސިޔާސީ މަސައްކަތް މިތަނުގައި ކުރެވޭނެޔޭ، ދެން ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅެއް އޮތް ކަމަށްވަންޏާ އަޅާށޭ،" އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޯތު ހާބަރަކީ އެމްޕީއެލުން ބަލަހައްޓަމުންދާ ސަރަހައްދަކަށްވީ ނަމަވެސް އެތަނަކީ އާންމުންނަށް ހުޅުވާލައިފައި އޮންނަ ތަނަކަށް ވާތީ އެތަނަށް ވަދެ ނުކުމެ އުޅުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އޮންނާނެ ކަމަށެވެ. އަދި އެތަނުގައި ސިޔާސީ ހަރަކާތް ވެސް ހިންގުމަށް ހުރަހެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަން އެހެން އޮއްވައި ނޯތު ހާބަރުގައި ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ އެމްޕީއެލްގެ މުވައްޒަފުން ލައްވައި އެމްޑީޕީގެ ޓީމަށް ހުރަސްއެޅުމުން ދޭހަ ވަނީ މި ސަރުކާރުގެ ނުކުޅެދުންތެރިކަން ހުރި މިންވަރު ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"ވަރަށް ދެރަވަރު ބައެއްގެ ގޮތުގައި މި ފެންނަނީ އިނގޭތޯ؟ އެއްވެސް ކަހަލަ، ޑިމޮކްރެސީގެ އެއްވެސް ވިސްނުމެއް ވެސް ނެތް، ރައްޔިތުންގެ ބާރުވެރިކަމާ ދޭތެރޭގައި އެއްވެސް ވިސްނުމެއް ނެތް، އިދިކޮޅު ހަރަކާތެއް ބާއްވަންޏާ ބިރުގަނޭ، ތުރުތުރުލާ، އެ ކަމެއް ކުރިޔަ ނުދޭން މަސައްކަތް ކުރޭ، ދެން ހަމަ ހުރިހާ ގޮތަކުން ވެސް ނާގާބިލު ނޭއްގާނީ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަނީ،" ފައްޔާޒް ވިދާޅުވި އެވެ.
ނޯތު ހާބަރުގައި ހަރަކާތްތެރިވި އެމްޑީޕީގެ ޓީމަށް އެމްޕީއެލްގެ މުވައްޒަފުން ހުރަސްއަޅާފައިވާއިރު، ހުޅުމާލޭގައި އެ ޕާޓީން މިރޭ ބާއްވަން އުޅުނު ކަންމަތީ ޖަލްސާއަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ މިއަދު ހުރަސް އަޅައިފަ އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ނުދޭން އެޗްޑީސީން ނިންމައި އެކަން އަންގާފައިވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ސަރުކާރުން ކިތަންމެ ވަރަކަށް ސިޔާސީ ހަރަކާތްތައް ހިންގަން ހުރަސް އަޅަން އުޅުނު ނަމަވެސް ހުއްޓުމެއް ނެތި އެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ.
"އެހެންވީމާ ހުރަސް އެޅި ކަމުގައިވީ ނަމަވެސް އެ ހަރަކާތްތައް ކުރިއަށް ދާނެ، އަދި ހުރަސް އެޅި ވަރަކަށް އަޅުގަނޑުމެން އެ ދިފާއު ކުރަން ކުރަންޖެހުނު މަސައްކަތްތައް އިތުރަށް ކުރާނެ،" ފައްޔާޒް ވިދާޅުވި އެވެ.
ބޮޑު ހަރަކާތައް ދައުވަތު ދިނުމަށް ނޯތު ހާބަރަށް ދިޔަ އެމްޑީޕީގެ ޓީމަށް އެމްޕީއެލްގެ މުވައްޒަފުން ހުރަަސްއަޅައިފި ބޮޑު ހަރަކާތައް ދައުވަތު ދިނުމަށް ނޯތު ހާބަރަށް ދިޔަ އެމްޑީޕީގެ ޓީމަށް އެމްޕީއެލްގެ މުވައްޒަފުން ހުރަަސްއަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ