ކުރިއަށް އޮތް ފަސް ދުވަހުވެސް ވައި ނުސާފުވާނެ، މާލެއަށް ދުރު ފެންނާނީ އެންމެ 3 ކިލޯމީޓަރަށް: މެޓް

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައި ނުސާފުވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ. އައިކިއުއެއާއިން ދައްކާ ގޮތުގައި، މިއަދު މާލޭގެ ވައިގެ ކޮލިޓީ މިހާރު އުޅެނީ 111 ގައެވެ. އަދި މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އުޅެނީ ކޮންމެ ކިއުބިކް މީޓަރަކަށް 39.8 މައިކްރޯގްރާމުގައެވެ. އެއީ ސިއްހަތާ ބެހޭ ޖަމިއްޔާއިން ކަނޑައަޅާފައިވާ ވަރަށް ވުރެ، ވައިގައި ހިރަފުސް އަށް ގުނަ އިތުރު އަދަދެކެވެ. މެޓުން 'ސަން'އަށް މިއަދު ބުނީ، ކުރިއަށް އޮތް ފަސް ދުވަހުވެސް މާލޭގެ ވައި ނުސާފުވުން އެއް މިންގަނޑެއްގައި ހިފަހައްޓާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުން ދުރު ފެންނާނީ ތިން ކިލޯމީޓަރަށް ކަމަށް މެޓުން ބުންޏެވެ. އެ އިދާރާއިން ބުނީ، އައްޑުއާއި ފުވައްމުލަކު ފިޔަވައި ދެކުނުގެ އެހެން ރަށްރަށުގައި ވައި ނުސާފު ކަމަށެވެ. މާލޭގެ ވައިގެ ކޮލިޓީ 111ގައި މިހާރު އުޅޭއިރު، އެއީ ނުރައްކަލުގެ އޮރެންޖު ސަމާލެވެ. އަދި 101އާއި 150އާ ދެމެދު ވައިގެ ކޮލިޓީ ހުންނަނަމަ، ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ނޭވާލާ ނިޒާމުގައި މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް، އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ. https://sun.mv/216587 އެހެންވެ، ނާޒުކު ހާލަތުއިވާ ފަރާތްތައް ބޭރަށް ނުކުތުމުގެ ކުރިން މާސްކު އެޅުމަށާއި، ނުސާފު ވައި ވަނަ ނުދިނުމަށްޓަކައި ދޮރުތައް ލައްޕައިފައި ބެހެއްޓުމަށާއި، ނާޒުކު ހާލަތުގައިވާ ފަރާތްތައް ކުޅިވަރުކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލަން އެ އިދާރާއިން އިލްތިމާސްކުރެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާގެ ކުރީކޮޅު ވައި ސާފު ކަމަށް އޭރު ދެއްކިއެވެ. މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރު ކަމަށް ވާތީ، އާންމު ގޮތެއްގައި އާއިލާތަކުން އެކި ސަރަހައްދުތަކަށް ދަތުރުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ