އައިޔޫއެމްގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޔުނިވާސިޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް ރައީސްގެ ޝުކުރު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ޗާންސެލަރ ކަމުގެ މަގާމުން އިސްތިޢުފާ ދެއްވުމަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ހުށަހެޅުއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެބޭފުޅާއާ ބައްދަލުކުރައްވައި، ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޑރ. ޒާހިރު ޙުސައިނަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަރަށް އިޚުލާޞްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގަވައިދެއްވުމުގައްޔާއި، އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި މަދަރުސާތައް ބިނާކުރައްވައި، ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކަށް ރައީސް ތަޢުރީފު ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޒާހިރު ޙުސައިން ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީގައި ޚިދުމަތް ކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި ސަރުކާރުންވެސް އެ ފުރުސަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރަން ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރެއްވިއެވެ.
ޑރ. ޒާހިރު ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއަށް ޚާއްޞަ ސިޓީފުޅެއް އަރުވާފައެވެ. އެ ސިޓީފުޅުގައި، އިސްލާމީ ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގެ އިތުރުން، 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެޑިޔުކޭޝަން މިނިސްޓަރުކަމުގައި ހުންނަވައިގެން ރާއްޖޭގެ ތަޢުލީމީ މުޤައްރަރުތައް ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ބަދަލުކުރެއްވުމަށާއި، ޢަރަބި އިސްލާމީ ތަޢުލީމު ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ ޒާހިރަށް 2008 ވަނަ އަހަރު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވާއިރު، ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއަށް އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ