ވައިގެ މަގުން ދެކުނު ގުޅާލުމަކީ ބޮޑު ކުރިއެރުމެއް

ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލުމަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން ގައުމުގައި ހޭދަކުރާ މުއްދަތު އިތުރުކުރަން ލިބުނު ފުރުސަތެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އައްޑު އާއި ފުވައްމުލަކާއި ގދ. އަތޮޅާއި އަދި ގއ. އަތޮޅު ވައިގެ މަގުން ގުލައިލުން އިފުތިތާހު ކުރަން މޯލްޑިވިއަނުން އިއްޔެ ގަމުގައި ބޭއްވި ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތެއް ދިނުމުން، އެ ޚިދުމަތުން އެ މީހާގެ ހަޔާތަށް ފަސޭހަކަމެއް ގެނުވާނެ ކަމުގެ އިހުސާސް މިހާރު ތިއްބެވި ވެރިންނަށް ވާ ކަމަށާއި، އެއީ މި ސަރުކާރުގެ ތަފާތުކަން ކަމަށެވެ.
އިހްސާން ގައުމީ އެއާލައިނުން މި ފެށި ހިދުމަތަކީ އައްޑޫގައި ހުންނަ އައްޑޫ މީހާ އަށް ވެސް ފުވައްމުލަކުގައި ލިބެން އޮންނަ ޚިދުމަތެއް ހޯދުމަށް 20 ވަރަކަށް މިނެޓުން ދެވޭނޭ ކަމެއް ކަމަށެވެ. މިއީ ކަނޑުމަގުން ކުރާ ނަމަ ގިނަ ވަގުތުތަކެއް ނަގާ ކަމެއްކަން އޭނަ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ހަޔާތަށް ތަރައްގީއޭ މިކިޔާ އަސްލު އިހުސާސްގެނެވޭ ނިންމުމެއް މި ނިންމުމަކީ. އެ ވަރުގެ ޚިދުމަތެއް މިއަދު މި ފެށިގެން ދަނީ." ފޭދު އަށް ނިސްބަތްވާ މިނިސްޓަރު ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ޓޫރިޒަމަށް ބަލާއިރު، އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ ޓޫރިޒަމަށް ބަލާއިރު ވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި އޮންނަނީ، ޓޫރިސްޓިން ރާއްޖެ އައިސް މަޑުކުރާ މުއްދަތު އިތުރުނުވުން ކަމަށެވެެ. އަދި ގިނަ ފަހަރަށް ރާއްޖޭގައި ފަތުރުވެރީން ހޭދަކުރަނީ ގާތްގަނޑަކަށް ފަސް ދުވަސް ކަމަށް އޭނަ ވިދާޅުވި އެވެ.
"ފަސް ދިމާލެއްގައި އޮންނަ ފަސް ވައްތަރެއްގެ މަހެއް ބަލާފައި އަވީގަ ލެވިގެން މީހުންތައް ދަނީ. އެކަމު ކުރާނެ ބައިވަރު އެކްސްޕީރިއެންސް އެބަހުރި މިތަންތާގައި. އައްޑޫގެ ސަގާފަތް، އައްޑޫގެ ތާރީޚް، އައްޑޫގެ އެންވަޔަރަމެންޓުގައި ހުރި ޔުނީކް ފީޗާސްތައް އެކްސްޕީރިއެންސް ކުރަން ނަގާފާނެ ތިން ދުވަސް ވަރު ވެސް،" އޭނަ ވިދާޅުވި އެވެ. "ފުވައްމުލަކަށް ގޮސް އެ ތަނުގައި އޮތް ޚާއްސަ ޑައިވިން އެކްސްޕީރިއަންސް ކޮށްލަން އަނެއް ދެ ދުވަސް. އަދި ޖެހިގެންއޮތް ހުވަދޫ އަތޮޅުގެ ރަށްތަކުގެ ރީތިކަން ބަލައިލަން ހައެއްކަ ދުވަސް ވެސް ހޭދަ ކުރެވިދާނެ."
އެހެންވެ މިހާރު މި ލިބުނީ ޓޫރިސްޓުން ބެޑް ނައިޓްސް ނުވަތަ ރާއްޖޭގައި ހޭދަ ކުރާ މުއްދަތު އިތުރުކުރަން ފުރުސަތެއް ކަމަށް އިހުސާން ވިދާޅުވިއެވެ. އޭނަ ވިދާޅުވީ މިއީ ދެކުނުގައި ގުޅިފައިވާ ޓޫރިޒަމްގެ ނިޒާމެއް އުފެދުން ކަމަށާއި މީގެ ކުރިން މިގޮތަށް އަތޮޅުތައް ގުޅުވާލަން އުނދަގޫވުމުންނާއި އަގުބޮޑުވުމުން އެކަން ކުރަން ބޭނުން ނުވެ އޮތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ