އެފްއޭ ކަޕުގެ އެންމެފަހުގެ ޗެމްޕިއަން އަދި ދިވެހި ލީގުގެ ވެސް އެންމެފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަޓުވާލުމަށްފަހު، މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ބުރު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މުޙައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބުރުން، ހޮނިހިރު ދުވަހުގެރޭ ގަލޮޅު ދަނޑުގައި، އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގެ ފަހު މެޗުގައި މާޒިޔާގެ މައްޗަށް ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.
މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ވަރަށް ވާދަވެރި، ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
އެހެންނަމަވެސް ދެވަނަ ހާފު ފެށިއިރު، މާޒިޔާއިން ގެނައި ދެ ބަދަލާއެކު އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެ، ހަމަލާތައް ވަރުގަދަވާން ފެށިއެވެ. މާޒިޔާއިން ދެވަނަ ހާފު ފެށީ ހަމްޒާ މުޙައްމަދުއާއި އިބްރާޙީމް އައިސަމް ކުޅެން އަރުވައިގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ މާޒިޔާއިންނެވެ. ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމުން ކާމިޔާބުކުރީ، އޭރިއާ ތެރެއިން މާޒިޔާގެ ހަމްޒާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވެސް ހަމްޒާއެވެ.
މެޗުގައި މާޒިޔާއިން ދެވަނަ ލަނޑުޖެހީ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން ތަރި، ޒުވާން ގައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާނެވެ.
ދެލަނޑުގެ ލީޑެއްގައި އޮވެ ވަރަށް އުއްމީދުގައި މާޒިޔާއިން ކުޅެމުން ދަނިކޮށް، އޮޑިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
އެގޮތުން ފުރަތަމަ ލަނޑު، 70 ވަނަ މިނެޓުގައި ގާސިމް ތޯއިފް ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު، އޭގެ ދެ މިނެޓުފަހުން ކާމިޔާބުކޮށްދިނީ ނިއަންގް ޑިއާނޭއެވެ.
މި ނަތީޖާއާއެކު މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ބުރުން ކުރިހޯދީ 5-6 އިންނެވެ.
ބުރުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަލާއުއްދީނާއި އަހްމަދު އަބްދުﷲ ގެ އިތުރުން އަބްދުﷲ ޔާމީނާއި ހަޑްސަން ޑިއާޒް އަދި ޑިއާނޭއާއި ނައިސަމްއެވެ. އެ ޓީމުން ޕެނަލްޓީ ނާކާމިޔާބުވީ ހަމްދާނާއި ޝަމްވީލަށެވެ.
މާޒިޔާއިން އިލާން، އައިހަމް، ހަމްޒާ އަދި ހައިޝަމް އާއި އައިސަމް ޕެނަލްޓީ ކާމިޔާބުކުރިއިރު ޕެނަލްޓީ ނާކާމިޔާބުވީ ސިފާއުއާއި ލުއިސް ޕަބްލޯ އަދި ކެޕްޓަން ސަމޫޙު އަށެވެ.
މި މޮޅާއެކު ބުރުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދިއިރު ސެމީގައި ބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ޓީސީން ސެމީއަށް ދަތުރުކުރީ ކުއާޓަރ ފައިނަލުގައި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ.
މި ދެ ޓީމުގެ ކުރިމަތިލުން ފެނިގެންދާ ސެމީގެ ދެވަނަ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެރެއެވެ. އެ ދުވަހު ހަވީރު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ބްލޫ ސްޕޯޓްސް ކުލަބެވެ.
ޗެމްޕިޔަން މާޒިޔާ ކަޓުވާލައި، ބުރު ސެމީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ