ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރުން ބޮޑު ހީލަތްތެރި ރޭވުމެއްގެ ދަށުން ކުރާ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ދެކޮޅު ހެދުމަށް ފާސްކޮށްފަ އެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ މިއީ ރައްޔިތުންނަށް އޮޅުވާލައިގެން ބޮޑު ހީލަތްތެރި ރޭވުމެއްގެ ދަށުން ކުރާ ކަމެއް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލިބިފައިވާ ބަސް ބުނުމުގެ ހުރިހާ މަގުތަކެއް ބަންދުކުރަން ކަމަށެވެ.
"ރައްޔިތުންގެ ފަރާތުން ބަސް ބުނުމުގެ ދެ ފުރުސަތެއް އެއް ފުރުސަތަކަށް އެއްކޮށްލަނީ. ފަސް އަހަރު ތެރޭގައި ބަހެއް ބުނުމަށް ފަހު ރައްޔިތުން ތިބެން ޖެހޭނީ އަނގަ ބަންދުކޮށްގެން." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އިންތިޚާބުތައް އެއްކޮށްލުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގަދަކަމުން މަޖިލީހުން އިދިކޮޅު މެމްބަރުން ނެރެ، އުކާލުމަށް ފަހު ކަމަށާއި އެ މަރުހަލާ ކުރިއަށް ދިޔަ ގޮތަށް އެކަނި ބެލިޔަސް މިކަމުގައި ހުރީ އޮޅުވާލުންތައްކަން އެނގޭ ކަމަށެވެ. އަދި އެމްޑީޕީ އަކީ ރައްޔިތުންނަށް ބަސްބުނަން ލިބޭ ފުރުސަތުތައް ހަނިކުރަން ދެކޮޅު ހަދާ އަދި ޑިމޮކްރަސީ އާއި ހެޔޮ ވެރިކަމަށް ތާއީދު ކުރާ ޕާޓީއެއް ކަމަށްވެސް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލުމަކީ ބޮޑު ހީލަތްތެރި ރޭވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ