ޓްރަމްޕް ދެކޭގޮތުގައި އީރާނުގެ ޝަރުތުތަކަށް ބޯލަނބަން ޖެހުމަކީ އެމެރިކާއަށް ލިބުނު "ކާމިޔާބީ"އެއް
އެމެރިކާއާއި އިސްރާއީލުން އީރާން އާ ދެކޮޅަށް ކުރިޔަށްގެންދާ އުދުވާނީ ހަނގުރާމަ ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލުމަށް އީރާން ހުށަހެޅި ޝަރުތުތައް އެމެރިކާ މިވަނީ ގަބޫލުކޮށްފައެވެ. އެމެރިކާ މިކަން ގަބޫލުކުރީ މަހެއްހާ ދުވަސް ވަންދެން މިކަމާ ދެކޮޅު ހެދުމަށްފަހުގައެވެ. ނަމަވެސް ވައިޓް ހައުސް އިން ވަނީ މިއީ ހަނގުރާމައިގައި އެމެރިކާ ހޯދި އާދަޔާ ޚިލާފު ކާމިޔާބީއެއް ކަމަށް ސިފަކޮށްފައެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އަދި ޓްރަމްޕްގެ ތަރުޖަމާނު ކެރޮލިން ލީވިޓް ބުނެފައިވަނީ ދެ ހަފުތާގެ މުއްދަތަކަށް ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕް ނިންމެވި ނިންމުމަކީ އީރާނުގެ ހުށަހެޅުމެއް ގަބޫލުކުރައްވައިގެން ޓްރަމްޕް ނިންމެވި ނިންމެވުމެއްކަމަށް ވިޔަސް މިއީ ޓްރަމްޕްގެ ހިކުމަތާއި ދުރުވިސްނުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި އެއީ އެމެރިކާގެ ބާރުގަދަ އަސްކަރިއްޔާއިން އީރާނުގެ މައްޗަށް ހޯދި އާދަޔާ ޚިލާފު ކާމިޔާބީއެއް ކަމުގައި ވަނީ ސިފަކޮށްފައެވެ. "މިއީ ބޮޑު ކާމިޔާބީއެއްކަމަށް ޓްރަމްޕް ދެކޭ" ކެރޮލިން ބުނެފައިވެއެވެ. ޓްރަމްޕްގެ ތަރުޖަމާނު ކެރޮލިން ބުނިގޮތުގައި އީރާނުގެ ވެރިކަން ބަދަލުކޮށް އެމެރިކާއަށް ބޯލަނބާ ވެރިކަމުގެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި އޮޕަރޭޝަން އެޕިކް ފިއުރީގެ ނަމުގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުނުކުރެވުނު ނަމަވެސް އީރާނުގެ އިސްވެރިންނާއި އިސްކޮމާންޑަރުންވަނީ މަރާލެވިފައެވެ. އީރާނުގެ ހަތިޔާރުގެ އިންޑަސްޓްރީއަށާއި ނިއުކްލިޔާ ގާބިލްކަމަށްވަނީ ގެއްލުންތަކެއް ދެވިފައެވެ. އެމެރިކާގެ ސިފައިންގެ ޓެކްނޮލޮޖީގެ ބާރާއި އެ މީހުންގެ ހިތްވަރާއި ހުނަރުވެރިކަމާއެކު އެންމެ 38 ދުވަހުގެ ތެރޭގައި މި މަގްސަދުތައް ހާސިލް ކުރެވުމަކީ އެމެރިކާ ސިފައިންނަށާއި ރައީސް ޓްރަމްޕަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ކެރޮލިން ވަނީ ސިފަކުރައްވާފައެވެ. ކެރޮލިން ބުނިގޮތުގައި ހުރުމުޒު ކަނޑުއޮޅި މިނިވަންކަމާއެކު ހުޅުވާގޮތަށް ދެ ހަފްތާ ވަންދެން ހަނގުރާމަ މެދުކަނޑާލަން އީރާން އެއްބަސްވީ އެމެރިކާ ދެކެ "ބިރުން" ނެވެ. އެމެރިކާއާއި އިސްރާއީލުން އީރާން އާ ދެކޮޅަށް ހަނގުރާމަ ފެށީ ހުރުމުޒު ކަނޑުއޮޅި ހުޅުވާކަށް ނޫނެވެ. ސަބަބަކީ ހުރުމުޒު ކަނޑުއޮޅިއަކީ ހަނގުރާމައިގެ ކުރިން ހުޅުވާފައި އޮތް ތަނަކަށްވާތީއެވެ. އީރާނުން މިކަނޑުއޮޅި ބަންދުކުރީ ހަނގުރާމައިގެ ތެރޭގައި އެމެރިކާއަށް ޕްރެޝަރުކުރުމަށެވެ. އަދި މުސްތަގްބަލްގައި އީރާނަށް ބޭނުންވާ ޖިއޮޕޮލިޓިކަލް މަގްސަދުތަކެއް ހާސިލް ކުރުމަށެވެ. ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އީރާން ނެގުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ އީރާނަށް ހާސިލް ކުރެވުނު އަގުނުކުރެވޭ ވަރުގެ އެސެޓެކެވެ. މިކަމަށް ޗެލެންޖް ކުރުމުގައި އެމެރިކާ ނުކުޅެދިފައިވާއިރު ދެން މިކަމުގައި އީރާނަށް ޗެލެންޖް ކުރެވޭނެ ގައުމެއްނެތެވެ. އީރާން ބަންދުކުރި މިކަނޑުއޮޅި ހުޅުވުމަށްޓަކައި އެސަރަހައްދަށް ގާތްވާންވެސް އެމެރިކާ ސިފައިންނަށް ކެރިފައެއް ނުވެއެވެ. ކަނޑުއޮޅި ހުޅުވުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރަން އެމެރިކާ މަސައްކަތް ކުރުމުން އިއްޔެ ޗައިނާއާއި ރަޝިއާ އިންވަނީ އެގަރާރާ ދެކޮޅަށް ވީޓޯގެ ބޭނުންކޮށް އެގަރާރު ސަލާމަތީ މަޖިލީހުން ބޭރުކޮށްލާފައެވެ. މިކަނޑުއޮޅި ހުޅުވުމުގައި އެމެރިކާ އަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ނާކާމިޔާބު ވުމުން ހުރުމުޒު ކަނޑުއޮޅީގެ މައްޗަށް އީރާން ގެ ބާރު ދެން ނުހިނގާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެމެރިކާ އީރާން އާ ދެކޮޅަށް ހަނގުރާމަ ފެށީ ގިނަ ވެގެން ހަފްތާއެއްގެ ތެރޭގައި އީރާނުގެ ވެރިކަން ބަދަލުކޮށް ގަލްފުގެ ގައުމުތައް ގޮތަށް އީރާނުގެ ވެރިކަމުގައިވެސް އެމެރިކާގެ ޕަޕެޓަކު ބެހެއްޓޭނެކަމުގެ އުންމީދުގައެވެ. މިކަން ޓްރަމްޕްގެ ވާހަކަތަކުން ވަރަށް ސާފުކޮށް އެނގުނެވެ. އެކަން ނުވުމުން ދެން އެމެރިކާއާއި އިސްރާއީލު ލަފާކުރީ ހަމަލާތަކުން ލިބޭ ގެއްލުންތައް ބޮޑުކަމުން ދުވަސްކޮޅެއްގެ ތެރޭގައި އީރާން އަމާންދޭނެކަމަށެވެ. އަމާން ދިނުމަށް އެދި ޓްރަމްޕާއި ނަތަންޔާހޫ އެތައް ފަހަރަކު ގޮވާލިއެވެ. ނަމަވެސް އެ މަގްސަދު ވެސް ހާސިލެއް ނުވިއެވެ. ދެން ލަފާކުރީ ހަނގުރާމަ ދިގުދަންމަލުމުން އީރާނު އަތުން ހަތިޔާރު ހުސްވާނެކަމުގައެވެ. އެކަންވެސް އެގޮތަކަށް ނުވިއެވެ. ދެން ދިނީ އީރާނުގެ ތެލާއި ގޭހާއި ކަރަންޓާއި ނަރުދަމާއާއި ބޯފެނުގެ ވިއުގަ ހަލާކުކޮށްލާނެ ކަމުގެ އިންޒާރެވެ. އީރާނުގެ އަށް ހާސް އަހަރުވީ ހަޒާރާތް ރެއަކާދުވާލުގެ ތެރެއިން ފުނޑާލައި ސްޓޯން އޭޖަށް އީރާން ވައްޓާލާނެކަމުގެ އިންޒާރެވެ. ރައްދުގައި އީރާން ދިނީ ގަލްފުގައިވާ އެމެރިކާގެ މަދަނީ އަސްކަރީ ހުރިހާ ތަނެއް ފުނޑާލާނެކަމުގެ އިންޒާރެވެ. މީގެއިތުރުން އިސްރާއީލުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުތައް ފުނޑާލާނެކަމުގެ އިންޒާރެވެ. އީރާނުގެ ހަމަލާތައް ދިފާއުކުރުމުގައި އިސްރާއީލުވަނީ ވަރަށް ބޮޑަށް ފެއިލްވެފައެވެ. އީރާނުގެ ރައްދު ހަމަލާތަކުގައި އިސްރާއީލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އިސްރާއީލުގެ ދިފާއާއި ޑިޓަރެންސްވަނީ ގެއްލިފައެވެ. އެހެންކަމުން އިސްރާއީލާއި ގަލްފު ސްޓޯން އޭޖަށް ފޮނުވާލުމަކީ ރައްދުގައި އީރާނަށްވެސް ކުރެވިދާނެކަމެއްކަން އެމެރިކާއާއި އިސްރާއީލަށް އެނގިގެން ދިޔައެވެ. މީގެއިތުރުން އިރާންވަނީ މިފަދަ ހާލަތެއްގައި ގަލްފުގައިވާ މުވާސަލާތީ ހުރިހާ ކޭބަލްތަކެއް (ސަބްމެރިން ކޭބަލްތަކެއް) ބުރިކޮށްލާނެކަމުގެ އިންޒާރުވެސް އެމެރިކާއަށް ދީފައެވެ. ގަލްފުގައިވާ ތެލުގެ މަރުކަޒުތައްވެސް ހަލާކުކޮށްލާނެކަމުގެ އިންޒާރު ދީފައެވެ. މިއާއެކު އީރާން ސްޓޯން އޭޖަށް ފޮނުވާލާފައި އިސްރާއީލާއި އެމެރިކާ އަދި ގަލްފުގެ ގައުމުތަކަށްވެސް ސަލާމަތުން ނޯވެވޭނެކަން އެމެރިކާއާއި އިސްރާއީލަށް ގަބޫލުކުރެވިގެން ދިޔުމަކީ އީރާނުގެ ޝަރުތުތަކާ އެއްގޮތަށް ސުލްހައިގެ މޭޒުދޮށަށް ދިޔުމަށާއި އެޝަރުތަކާ އެއްގޮތަށް ހަނގުރާމަ މެދުކަނޑާލަން އެމެރިކާއަށް މަޖުބޫރުވި ސަބަބުތައް ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ. ހަނގުރާމައިގާ އީރާން ދިން ރައްދު ހަމަލާތަކުގައި ގަލްފުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އެނޫން މަސްލަހަތު ތަކަށާއި އިސްރާއީލުގެ އެކި ތަންތަނަށް އީރާނުން ދިން ބޮޑެތި ގެއްލުންތަކަކީ ވެސް އީރާނުގެ ޝަރުތުތަކާ އެއްގޮތަށް ހަނގުރާމަ މެދުކަނޑާލަން އެމެރިކާއަށް މަޖުބޫރުވި ސަބަބުތަކެއްގެ ކަމަށް މުހައްލިލުން ވިދާޅުވެއެވެ. މީގެއިތުރުން އެމެރިކާގެ ރަހުމަތްތެރި ޔޫރަޕްގެ ގައުމުތައްވެސް އެމެރިކާ އާ ދުރަށް ދިޔުމާއި ދުނިޔޭގައި އެމެރިކާ އެކަހެރިވުމާއި އެމެރިކާގެ އެތެރޭގެ ޕްރެޝަރުތަކަކީވެސް އެމެރިކާގެ މި ނާކާމިޔާބީގެ ފަހަތުގައިވާ ސަބަބުތަކެވެ. އީރާން އާ ދެކޮޅަށް ކުއްލިއަކަށް ފެށި ހަނގުރާމައިގާ އެމެރިކާއާއި އިސްރާއީލަށް އަސްކަރީ ގޮތުން އީރާން ބައްޔެއް ނުކުރެވުނެވެ. އީރާނުގެ ނިއުކްލިޔާ ގާބިލްކަން ނައްތައެއް ނުލެވުނެވެ. އީރާނުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މަގުތަކަށްވެސް ނުނެރެވުނެވެ. އެމެރިކާ އެދޭގޮތަށް އީރާންގެ ވެރިކަންވެސް ބަދަލެއް ނުކުރެވުނެވެ. އީރާންގެ ރައްދު ހަމަލާތަކުން ސަލާމަތެއްވެސް ނުވެވުނެވެ. ކުރެވުނުހާވެސް ކަމަކީ އީރާނުގެ އިސް ބައެއް ވެރިން މެރުމާއި އާންމުން މެރުމެވެ. ދެން އީރާނުގެ އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ބޮންއަޅައި އޭގެ ބައެއްތަންތަން ހަލާކު ކުރެވުމެވެ. މިހުރިހާ ގެއްލުންތަކާއެކުވެސް އީރާނުގެ އަޒުމު ގުޑުވައެއް ނުލެވުނެވެ. އީރާން ގެ އެތެރެ ގަޑުބަޑު ކޮށެއް ނުލެވުނެވެ. ހަނގުރާމަ ދިގުދަންމައިގެން ލިބޭނެ އިތުރު މަންފާއެއް ނެތްކަން މިހިސާބުން އެމެރިކާއަށް އިހުސާސް ކުރެވެން ފެށިއެވެ. އަނެއްކޮޅުން ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއާއި އިސްރާއީލަށް ކުރެވޭނެ އިތުރު ކަމެއްނެތްކަމާއި އެކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ބޮޑުކަމަކީވެސް އީރާނުގެ ޝަރުތުތަކާ އެއްގޮތަށް ހަނގުރާމަ މެދުކަނޑާލައި އެޝަރުތުތަކާ އެއްގޮތަށް ސުލްހައިގެ ވާހަކަތައް ފެށުމަށް އެމެރިކާއަށް މަޖުބޫރުވި ސަބަބެކެވެ. އަނެއްކޮޅުން އީރާނަށް އެއްގަމު މަގުން އަރައި އީރާނުގައިވާ ފައްކާކުރި ޔޫރޭނިޔަމް ވަގަށް ނަގާނެކަމުގެ ބިރުވެސް އެމެރިކާ ދެއްކިއެވެ. މިކަންވެސް ކުރާކަށް ނުކެރުނެވެ. މިހުރިހާ ސަބަބުތަކާއެކު އީރާނުގެ ޝަރުތުތަކަށް ބޯލަނބަން އެމެރިކާއަށް މަޖުބޫރުވި ނަމަވެސް އަދިވެސް އެމެރިކާ ކެހިދީފާނެކަމާއި އެމެރިކާއަކީ މަކަރުވެރި ރެޖީމް އެއްކަމަށް އީރާނުން ބަލާނެއެވެ. ވާހަކަތައް ފެށިނަމަވެސް އީރާނުން އެމެރިކާއަށް އިތުބާރެއް ނުކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ