ޕެނަލްޓީގައި މާސޭ ބަލިކޮށް ޕީއެސްޖީން ފްރެންްޗް ސުޕަ ކަޕް އުފުލާލައިފި ޕެނަލްޓީގައި މާސޭ ބަލިކޮށް ޕީއެސްޖީން ފްރެންްޗް ސުޕަ ކަޕް އުފުލާލައިފި

ކުވެއިތު ސިޓީ (ޖެނުއަރީ 9) - ޕެނަލްޓީގައި 4-1 އިން މާސޭގެ މައްޗަށް ކުރިހޯދައި، ޕީއެސްޖީން 14 ވަނަ ފަހަރަށް ފްރެންޗް ސުޕަ ކަޕްގެ ތަށި އުފުލާލައިފި އެވެ.
ޕީއެސްޖީ އަކީ ފްރެންޗް ސުޕަ ކަޕް (ޓްރޮފީސް ޑި ޗެމްޕިއަންސް)ގެ އެންމެ ކާމިޔާބު ޓީމެވެ. މިދިޔަ 13 އަހަރުގެ ތެރެއިން 12 ފަހަރު ޕީއެސްޖީން ވަނީ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރު ޕީއެސްޖީން ލީގާއި ކަޕް ކާމިޔާބު ކުރުމުން ސުޕަ ކަޕްގައި ކުޅުނީ ލީގުގެ ދެ ވަނަ މާސޭއާ އެވެ.
ކުވެއިތުގެ ޖާބިރު އަލް އަހުމަދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޕީއެސްޖީން ވަނީ 13 ވަނަ މިނިޓްގައި ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ފަހުން ހޯދި އޮސްމާން ޑެމްބެލޭގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، މެޗުގެ 76 ވަނަ މިނިޓްގައި މާސޭގެ މޭސަން ގްރީންވުޑް ޕެނަލްޓީ އަކުން އެއްވަރުކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް، ޕީއެސްޖީގެ ވިލިއަން ޕަޗޯ އަތުން ބައިކޮޅަށް ވަން ލަނޑުން މާސޭ އިން ނަތީޖާ އަނބުރާލައި، މި މެޗުން މޮޅުވުމާ ގާތަށް ޖެހިލި އެވެ.
ޕީއެސްޖީން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް ވަނަ މިނިޓްގަ އެވެ. މިއީ، ބްރެޑްލީ ބާކޮލާ ދިން ބޯޅައަކުން ގޮންޒާލޯ ރާމޯސް ޖެހި ގޯލެކެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޕީއެސްޖީގެ ކީޕަރު ލޫކަސް ޗެވަލިއޭ ވަނީ މާސޭގެ މެޓް އޯ'ރައިލީ އާއި ހާމެދު ޓްރައޯރޭގެ ޕެނަލްޓީތައް މަތަކޮށްފަ އެވެ. މާސޭ އިން ޕެނަލްޓީ ވައްދާލީ އާމިރު މުރީލޯ އެވެ. ޕީއެސްޖީން ވިޓީނިއާ، ރާމޯސް، ނޫނޯ މެންޑޭޒް އަދި ޑެޒެއާ ޑޫއޭ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ