ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން އެއް ދުވަހެއްގައި ބާއްވައިގެން ލިބޭނެ ޒައްރެއްގެ މިންވަރެއްގެ ގެއްލުމެއްގެ ވާހަކަވެސް އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދިވެހި ރައްޔިތުންނަށް ކިޔައިނުދެވޭނެ ކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ކޮންމެ އިންތިހާބެއްގައި ވެސް ވަރަށް ވިސްނުންތެރިކަމާއެކު ވޯޓުލާ ބައެއް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީއަށް އަށްވަނަ އިސްލާހު ގެނައި އިރު ދިވެހިރާއްޖޭގެ ހާލަތު އޮތީ ރިފަރެންޑަމުން ފެންނަ ނުފެންނަ ވޯޓުގައި އެއްވެސް ބަޔަކު ކެމްޕެއިން ކުރަންޖެހޭ ހާލަތެއްގައި ނޫން ކަމަށް ފަލާހު ވިދާޅުވިއެވެ. ނަމަވެސް އެކަމަށްޓަކައި ވާހަކަދައްކަން މިއަދު ޖެހިފައިވާ ކަމަށާއި ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ ދޮގު ވާހަތައް ފަތުރަމުން އަންނަ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ދެ އިންތިހާބު އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަމުން އަންނަ ފަރާތްތަކާ ދެކޮޅަށް ޓީވީ ލައިވެއްގައި ބަހުސް އަކަށް ދިއުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެކަމުން ދިވެހިރާއްޖޭގެ މުސްތަގުބަލަށް ލިބެން އޮތް ފައިދާ ސާބިތުކޮށްދެއްވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ގައުމަށް ހަމަޖެހުމާއި އަމާންކަން ލިބި، އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުންވެސް އެތައް ފައިދާއެއް ކުރާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މިކަމަށް ބިރުގަންނަނީ ކޮން ސަބަބަކާހުރެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވިދާޅުވެދެއްވާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީއަށް ސަލާމަތުގެ އައްސޭރިއަށް ދެންވެސް ދެވޭނީ ގައުމަށް ވަފާތެރިވެ، ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީގެން ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލަން އެމްޑީޕީން ކުރާ އެއްވެސް މަސައްކަތެއްގައި ދިވެހި ރައްޔިތުން ނުޖެހުމަށް ފަލާހު ވަނީ އެދިވަޑައިގެންފިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ލިބޭނެ ޒައްރެއްގެ މިންވަރެއްގެ ގެއްލުމެއް ވެސް އެމްޑީޕީއަށް ކިޔައި ނުދެވޭނެ: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ