ހުރްމުޒް ބަންދުވުން: ދުނިޔޭގެ މުދާ އުފުލުމުގައި ބޮޑު ގޮންޖެހުމެއް

އިރާނާއި ދެކޮޅަށް ދިން އުދުވާނީ ހަމަލާއާއެކު މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ އަސަރު މުޅި ދުނިޔޭގެ އެކި ސިނާޢަތްތަކަށް ދަނީ ކުރަމުންނެވެ. އެންމެ ބޮޑު އަސަރެއް މިކުރަނީ ދުނިޔޭގެ ސަޕްލައިޗެއިން ނުވަތަ ކަނޑުމަގުން މުދާ އުފުލުމުގެ ސިނާޢަތަށެވެ.
މި ހަނގުރާމައާއި ދުނިޔޭގެ މުދާ އުފުލުމުގެ ސިނާޢަތާ ގުޅިފައިވާ މިންވަރު މިހާރު އެންމެންނަށްވެސް އިހުސާސްކުރެވެއެވެ. ހުރްމުޒް ކަނޑޮއޮޅި އަކީ މެދުއިރުމަތީގެ ޤައުމުތަކުގެ އިޤްތިޞާދުގެ ދިރުމެވެ. އިރާނާއި، އިރާޤާއި، ކުވެއިތު، ޤަތަރު އަދި ބަޙްރެއިން ފަދަ ޤައުމުތަކުގެ އިޤްތިޞާދު މި ކަނޑުއޮޅި ބޭނުން ނުކުރާ ނަމަ ހަލާކުވާނެއެވެ. ޤައުމުގެ އިޤްތިޞާދު ބިނާވާ ތެލާއި ގޭހާއި އޭގެ އުފެއްދުންތައް ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ދެމެހެއްޓެނިވި ގޮތަކަށް ބޭރު ކުރެވެން އޮތީ މިމަގުން ކަމަށްވުމެވެ. މި ނޫން ގޮތެއް މި ޤައުމުތައް ހޯދާފައި ނުވިތާ ހޯދުމުގެ ވިސްނުމެއްވެސް ގެންގުޅެފައި ނެތެވެ. ސައުދި އަރަބިއްޔާ އަދި ޔޫއޭއީއަށް ދިމާވަނީ މިފަދަ މައްސަލައެކެވެ. އެހެން ގޮތްތަކެއް އޮތް ނަމަވެސް އެއީ އެ ޤައުމުތަކަށްވެސް، ބުރަވެވެން އޮތް މަގެއް ނޫނެވެ.
އިރާނާއި ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ހުރްމުޒް ކަނޑުއޮޅިން ދުވާލެއްގެ މައްޗަށް 120-140 ދެމެދުގެ އަދަދަކަށް އާގު ބޯޓު ހުރަސްކުރެއެވެ. މި ބޯޓުތަކުގައި މެދުއިރުމަތީގެ ޤައުމުތަކުން ބޭރުކުރާ ތެލާއި ގޭހާ އޭގެ އެހެނިހެން އުފެއްދުންތައް ހިމެނޭއިރު، އެ ޤައުމުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުދާ އެތެރެކުރަމުންދިޔައީވެސް މި ކަނޑުއޮޅިންނެވެ.
ހުރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް މިވަގުތު އޮތީ އިރާނުގެ އަތްމަތީގައެވެ. މި ކަނޑުއޮޅި އަސްކަރީ ބާރު ބޭނުންކޮށްގެން ހުޅުވަން މަސައްކަތްކޮށްފި ނަމަ، އާގު ބޯޓުތަކަށް ކަނޑުއޮޅި އެއްކޮށް ބަނދުވާނެއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ތެލާއި ގޭސް އުފުލާ އާގު ބޯޓަކަށް އަރާ ކުޑަ ހަމަލާއަކުން ލިބޭ އިޤްތިޞާދީ އަދި މާލީ ގެއްލުން އިންތިހާ ބޮޑުވުމެވެ. އެކަމުގެ ހިރާސްތަކަށް ބަލާ، އަސްކަރީ އެހީއާއެކުވެސް އެއްވެސް ވިޔަފާރި ކުންފުޏަކުން އެ ދަތުރު ނުކުރާނެއެވެ. ހަނގުރާމައިގެ ސަބަބުން މިމަގުން ދަތުރުކުރާ ބޯޓުތަކަށް ދައްކާ އިންޝުއެރެންސް ޕްރިމިއަމް ވަނީ، މުދަލުގެ %0.2 އިން %2 ނުވަތަ %3 އުފުލިފައެވެ.
އދ. ވިޔަފާރިއާއި ތަރައްޤީއާ ބެހޭ އިދާރާގެ ތަފާސްހިސާބުތައް ބުނާ ގޮތުން، ހަނގުރާމަ ފެށުމާއި ޔަމަނުގެ ޙޫޘީން ބާބުލް މަންދަބް ކަނޑުއޮޅި ނުވަތަ ސުއޭޒް ކެނޭލްއަށް ވަނަ މަގު ބަނދުކުރުމާއި އިރާނުން ހުރްމުޒް ކަނޑުއޮޅި ބަނދުކުރުމުން ދުނިޔޭގެ ވިޔަފާރީގެ %12 އާއި %15 އާ ދެމެދުގެ ވިޔަފާރި މުދާ އުފުލާ ބޯޓުތައް މިހާރު ދަތުރުކުރަނީ އެފްރިކާ ވަށާލާފައެވެ. ދަތުރަށް ހޭދަވާ މުއްދަތު 2 ހަފުތާއަށް އިތުރުވެއެވެ. އަދި އިތުރު 1 މިލިޔަން ޑޮލަރު ތެލަށް އެކަނި ޚަރަދުވެއެވެ.
ދުނިޔޭގެ ބާޒާރުގައި ބޭނުންކުރާ %20 ތެޔޮ ބޭރުކުރަމުން އައީ އެކަނޑުއޮޅިން ކަމަށްވާއިރު %30 ގޭސްވެސް ބޭރުކުރަމުން އައީ އެ ކަނޑުއޮޅި ތެރެއިންނެވެ. ހުރުމްޒު ކަނޑުއޮޅި އަކީ ހަމައެކަނި ދުނިޔޭގެ ތެލާއި ގޭސް އުފުލާ މައި މަގެއް ނޫނެވެ. ދުނިޔޭގެ ދުނިޔޭގެ ގަސްކާނާގެ %30-%35 ބޭރުކުރަނީ މި ސަރަހައްދުންނެވެ. މީގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ބިރު އެބައޮތެވެ. އަދި ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ސަލްފަރގެ %50 ވަނީ މި ސަރަހައްދުގައި ތާށިވެފައެވެ.
މިއިން ކޮންމެ ބާވަތެއް ބާޒަރަށް ބޭރުނުވެ ހިފެހެއްޓުމަކީ، އަގުތައް އުފުލިގެންދާނެ ކަމެކެވެ. ތެލާއި ގޭހުގެ އަގު އުފުލުމަކީ ހަކަތައާއި އެއާ ގުޅިފައި ހުރި ދަތުރުފަތުރުގެ ސިނާޢަތްތަކަށް ލިބޭ ބޮޑު ގެއްލުމެކެވެ. ގަސްކާނާ އަގުބޮޑުވެގެން ދިއުމަކީ ކާބޯތަކެތީގެ އަގު އުފުލުމަށް މެދުވެރިވާނެ ކަމެެކެވެ. ސިނާޢީ މަސައްކަތަށް ބޭނުންވާ، ސަލްފަރ އަކީ ޓެކްނޮލޮޖީގެ އުފެއްދުންތަކަށް އެޅޭ ހުރަހެކެވެ.
މިއާއެކު އިރުމަތީ އޭޝިއާ އަދި އޭޝިއާ ސަރަހައްދުގެ ޤައުމުތަކުން މިހާރުވެސް ވަނީ ތެލާއި ގޭހުގެ ދަތިކަމަށް ފިޔަވަޅު އަޅަން ފަށާފައެވެ. ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ. ލަންކާގައި ތެޔޮ ލިމިޓްކޮށްގެންގެ ވިއްކަން ވަނީ ފަށާފައެވެ. ޕާކިސްތާނުގައި މަސައްކަތްކުރާ ދުވަސް 4 ދުވަހަށް ބަދަލުކޮށްފައިވެއެވެ. އިންޑިއާގައި ކައްކާ ގޭހަށް ޖެހި މުޒާހާރާތައް ދަނީ ކުރަމުންނެވެ. ޔޫރަޕުގެ ޤައުމުތަކުންވެސް ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރަން ދަނީ އިލްތިމާސްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ