ބ. ހިތާދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިމަހުގެ 7 ވަނަ ދުވަހު ނިންމާލެވިފައިވާ ކަމަށެވެ.
މި މަޝްރޫޢަކީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ. އެމްޓީސީސީން ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތާއެކު ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ.
މި މަސައްކަތުގެ ދަށުން އެމްޓީސީސީން ވަނީ، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖަހައި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ އިތުރުން 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި ބަނދަރުގެ 350 މީޓަރުގެ އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެކުންފުނިން މައުލޫމާތު ދެއްވައެވެ.
އެމްޓީސީސީން ވަނީ، ބަނދަރު ސަރަޙައްދުގައި ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، އުޅަނދުފަހަރު އެރުވުމަށް ރޭމްޕެއްގެ އިތުރުން ކޮންކްރީޓް ޕްލެޓްފޯރމެއްވެސް ގާއިމުކޮށްފައެވެ. އަދި ބަނދަރުގެ ރައްކާތެރި ކަމަށްޓަކައި ނެރު ބައްތިއާއި ބަނދަރުމަތީގައި ލައިޓްޖެހުމުގެ މަސައްކަތްވެސް އެއްކޮށް ނިންމާފައެވެ.
ބ. ހިތާދޫ ބަނދަރުގެ މި މަޝްރޫޢަކީ، ދައުލަތުގެ ބަޖެޓުން 17.7 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދިޔަ ބިޔަ މަޝްރޫޢެކެވެ.
މިކަމާއި ގުޅިގެން ބ.ހިތާދޫ ކައުސިލްގެ ރައީސް އަބްދުލް އަޒީޒު މުހަންމަދު ވިދާޅުވީ، ބަނދަރުގެ މަސައްކަތް ނިމުމަކީ އެރަށަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
" އަޅުގަނޑުމެންގެ މި ބަނދަރަކީ ވަރަށް ގިނަދުވަސްތަކެއް ވަންދެން ބޭރުތޮށި ނެތި ގާތްގަނޑަކަށް 30 އަކަށް އަހަރު ވީ ބަނދަރެއް. މި ގޮތަށް މި ބަނދަރު ނިމިގެން ދިޔުމަކީ އަޅުގަނޑުމެންގެ އޮޑިދޯނި ފަހަރަށް ރައްކާތެރި ކަމާއެކުގައި ޖެޓީ ބޭނުން ކުރެވޭނެ ގޮތް މި ވެގެން ދިޔައީ". އަބްދުލް އަޒީޒް ވިދާޅުވިއެވެ.
އެމްޓީސީސީން ހިތާދޫގެ ބަނދަރުގެ މަސައްކަތް ނިންމާލާފައިވާއިރު، އެކުންފުނިން މިހާރުވަނީ އެރަށުގެ 15 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. މިކަމަށް ބޭނުންވާ ސާމާނު މިދިޔަ މަހުގެ 27 ވަނަ ދުވަހު އެރަށަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ކުރަމުން ދަނީ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ވަށައިގެން ފަޅުތެރޭގައި ބައުންޑް ވޯލް ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވައެވެ.
މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ޙަވާލު ކޮށްފައިވަނީ، 137 މިލިޔަން ރުފިޔާއަށެވެ.
ހިތާދޫ ބަނދަރު ހެދުމުގެ މަސައްކަތް ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ