ލަންޑަން (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން 4-1 އިން އެސްޓަން ވިލާ ބަލިކޮށް އެ ޓީމުގެ މޮޅުވުމުގެ ރެކޯޑަށް ނިމުން ގެނައިއިރު، ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން އެއްވަރުވެއްޖެ އެވެ.
ޗެލްސީ ވަނީ ބޯންމައުތާ 2-2 އިން އެއްވަރުވެފަ އެވެ. ލީގު ތާވަލުގެ ފުލުގައި އޮތް ވުލްވްސްއާ ކުޅެގެން ޔުނައިޓެޑް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
މީގެ 24 ދުވަސް ކުރިން ވިލާ ވަނީ އަމިއްލަ ދަނޑުގައި އާސެނަލް ބަލިކޮށްފަ އެވެ. އަދި، ލީގު ތިން ވަނައިގައި އޮތް ވިލާ އިން ރޭގެ މެޗަށް އައިއިރު، ވަނީ އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް މޮޅުވެފަ އެވެ. އެކަމަކު، އާސެނަލުން ވަނީ ރޭ ވިލާ ބަލިކޮށް 19 މެޗުން 45 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 18 މެޗުން 40 ޕޮއިންޓް އަދި ތިން ވަނައިގައި އޮތް ވިލާ އަށް 19 މެޗުން 39 ޕޮއިންޓް ލިބިފައިވެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލުން ރޭގެ މެޗުގައި ހުރިހާ ލަނޑެއް ވެސް ޖެހިީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނިޓްގައި ގަބްރިއެލް މަގާާޅައެސްގެ ގޯލުން ލީޑުނެގިއިރު، އޭގެ ހަތަރު މިނިޓް ފަހުން މާޓިން ޒުބިމެންޑީ ވަނީ އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ. އަދި، 69 ވަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް އާސެނަލްގެ ތިން ވަނަ ލަނޑު ޖެހިއިރު، އޭގެ ނުވަ މިނިޓް ފަހުން، ގަބްރިއެލް ޖީސޫސް ވަނީ އާސެނަލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އަދި، މެޗުގެ އިތުރު ވަގުތުގައި ވިލާ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ އޮލީ ވަޓްކިންސް އެވެ.
ބޯންމައުތުން ޗެލްސީ ދަނޑުގައި ޑޭވިޑް ބްރޫކްސްގެ ގޯލުން ލީޑުނެގި އެވެ. އެކަމަކު، ކޯލް ޕާމާ ޕެނަލްޓީ އަކުން ޖެހި ގޯލުން ވަނީ އެއްވަރުކޮށްފަ އެެވެ. އަދި، އެންޒޯ ފެނާންޑޭޒްގެ ލަނޑުން ޗެލްސީން ލީޑުނެގިއިރު، ޖަސްޓިން ކްލައިވަޓް ވަނީ ބޯންމައުތަށް އެއްވަރުކޮށްދީފަ އެވެ.
އަނިޔާ އާއި ކުޅުންތެރިން ނެތުމުގެ މައްސަލަތަކާ އެކު ރޭގެ މެޗަށް ނުކުތް ޔުނައިޓެޑަށް ލީޑުނެގީ ޖޯޝުއާ ޒާކްޒީ ޖެހި ގޯލުންނެވެ. ވުލްވްސް އިން އެއްވަރުކުރީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަޑިސްލާވް ކްރެޖްޗީ ޖެހި ގޯލުންނެވެ. މި މެޗު އެއްވަރުވެގެން ނިމުނުއިރު، މިއީ އެންމެ ފަހުން ކުޅުނު 11 މެޗުން ބަލިވި ވުލްވްސް އަށް މި ފަހުން ލިބުނު ފުރަތަމަ ޕޮއިންޓެވެ.
ޗެލްސީން ލީގުގެ ފަސް ވަނައިގައި 19 މެޗުން 30 ޕޮއިންޓާ އެކު އޮތްއިރު، ޔުނައިޓެޑުން ހަ ވަނައިގައި އޮތީ ވެސް 19 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި ރޭ ބާންލީ އަތުން 3-1 އިން ނިއުކާސަލް ޔުނައިޓެޑް މޮޅުވިއިރު، ނޮޓިންހަމް ފޮރެސްޓް ދަނޑުގައި އެވަޓަން ވަނީ 2-0 އިން މޮޅުވެފަ އެވެ. އަދި، ވެސްޓް ހޭމް ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
އާސެނަލް އިން ވިލާގެ ރެކޯޑް ނިމުމަކަށް ގެނެސްފި، ޗެލްސީ އާއި ޔުނައިޓެޑަށް މޮޅެއްނުވެވުނު އާސެނަލް އިން ވިލާގެ ރެކޯޑް ނިމުމަކަށް ގެނެސްފި، ޗެލްސީ އާއި ޔުނައިޓެޑަށް މޮޅެއްނުވެވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ