އޭއައި އަށް ކްރިޕްޓޯ ވިޔަފާރިކުރެވޭ ވޮލެޓެއް ކޮއިންބޭސްއިން ތައާރަފުކޮށްފި

އެމެރިކާގެ މަޝްހޫރު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ޕްލެޓްފޯމެއް ކަމަށްވާ "ކޮއިންބޭސް" އިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އޭޖެންޓުންނަށް އަމިއްލައަށް ކްރިޕްޓޯ މުއާމަލާތްތައް ހިންގޭނެ ފަދަ "އޭޖެންޓިކް ވޮލެޓް" ގެ ނަމުގައި އައު ވަސީލަތެއް ތައާރަފުކޮށްފިއެވެ. ކޮއިންބޭސް އިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައެވެ. މިއީ އަމިއްލަ އިޚްތިޔާރުގައި މަސައްކަތްކުރާ ނުވަތަ "އޭޖެންޓިކް އޭއައި" ގެ ދާއިރާ ފުޅާވަމުން އަންނަ ދަނޑިވަޅެއްގައި ކޮއިންބޭސް އިން އެޅި މުހިންމު ފިޔަވަޅެކެވެ. މީގެ ކުރިން އޭއައި ސިސްޓަމްތަކަށް ހަމައެކަނި މާކެޓް އެނަލައިޒްކޮށް ލަފާދެވުނު ނަމަވެސް، އިންސާނުންގެ ބެލުމުގެ ދަށުން މެނުވީ އަސްލު ފައިސާ ބޭނުންކޮށްގެން މުއާމަލާތް ނުހިންގެއެވެ. ނަމަވެސް ކޮއިންބޭސް އިން ބުނާ ގޮތުގައި މިއައު ވޮލެޓާއެކު މިކަމަށް ހައްލެއް ލިބި، އޭއައި އޭޖެންޓުންނަށް އަމިއްލައަށް ރައްކާތެރިކަމާއެކު މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކޮއިންބޭސްގެ ޑިވެލޮޕާ ޕްލެޓްފޯމުގައި ހާމަކޮށްފައިވާ ގޮތުގައި، މިއީ އިންސާނުންނަށްވުރެ ބޮޑަށް އޭއައި އޭޖެންޓުންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ފުރަތަމަ ވޮލެޓް ނިޒާމެވެ. މި ޓެކްނޮލޮޖީ ބިނާކޮށްފައިވަނީ އެ ކުންފުނީގެ "އޭޖެންޓްކިޓް" އިންފްރާސްޓްރަކްޗާގެ މައްޗަށެވެ. މީގެ މައިގަނޑު ބޭނުމަކީ އޭއައި އޭޖެންޓުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް، ކުރިއާލައި ތައްޔާރުކޮށްފައިވާ ވޮލެޓްތަކެއް ފޯރުކޮށްދިނުމެވެ. މި ވޮލެޓުގެ އެހީގައި އޭއައި އޭޖެންޓުންނަށް ޔޫއެސްޑީސީ ފަދަ އެސެޓްތައް ރައްކާކުރުމާއި، ފައިސާ ފޮނުވުމާއި، ޓޯކަން ޓްރޭޑްކުރުމާއި އަދި އިންވެސްޓްމަންޓްތަކުން ފައިދާ ހޯދުން ފަދަ ކަންކަން، ޕްރައިވެޓް ކީތަކަށް ސީދާ އެކްސެސް ނުވެ ކުރެވޭނެއެވެ. މީގެ އިތުރުން މުއާމަލާތްތަކުގެ ޓެކްނިކަލް ކަންކަމާ ޑިވެލޮޕަރުން އުޅެން ނުޖެހި، އޭއައިގެ މަސައްކަތްތައް ފުޅާކުރުމަށް އެހީވެދޭނެ ހުނަރުތައް ހިމެނޭ ލައިބްރަރީއެއްވެސް މި ނިޒާމުގައި ހިމެނެއެވެ. https://sun.mv/217442 ސެކިއުރިޓީއަށް ބަލާއިރު، ކޮއިންބޭސް އިން ބުނަނީ މިއީ "ނަން-ކަސްޓޯޑިއަލް" ވޮލެޓުތަކެއް ކަމަށާއި، ވޮލެޓުގެ ޕްރައިވެޓް ކީތައް ރައްކާކުރެވިފައި ހުންނާނީ ކޮއިންބޭސްގެ ރައްކާތެރި އިންފްރާސްޓްރަކްޗާ ތެރޭގައި ކަމަށެވެ. މީގެ އިތުރުން، އޭއައި އިން ކުރާ ޚަރަދުތަކަށް ވަކި ލިމިޓެއް ކަނޑައެޅުމާއި، މުއާމަލާތްތަކުގެ ސައިޒު ކޮންޓްރޯލް ކުރުމާއި، ރިސްކު ހުރި މުއާމަލާތްތައް ދެނެގަތުމުގެ ބާރު ޑިވެލޮޕަރުންނަށް ލިބިގެންދާނެއެވެ. މި ނިޒާމު ހިންގުމަށް ބޭނުންކުރަނީ މެޝިން-ޓު-މެޝިން ޕޭމަންޓްތަކަށް ޚާއްސަ "އެކްސް402" ޕްރޮޓޮކޯލެވެ. އަދި މުއާމަލާތްތައް ހިނގާނީ ކޮއިންބޭސްގެ ލޭޔާ-2 ނެޓްވޯކް ކަމަށްވާ "ބޭސް" ގައި ކަމަށްވުމުން، "ގޭސް ފީ" ނުވަތަ ޓްރާންސެކްޝަން ފީއަކާ ނުލައި މުއާމަލާތްތައް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ. ކޮއިންބޭސް އިން ދެކޭގޮތުގައި މުސްތަގުބަލުގައި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން، އޭއައިތަކަށް އަމިއްލައަށް މާކެޓް ދިރާސާކޮށް ވިޔަފާރީގެ ޕޮޒިޝަންތައް ބަދަލުކުރުމާއި، އެހެނިހެން ޑޭޓާ ނުވަތަ ކޮމްޕިއުޓިން ޚިދުމަތްތައް ގަތުމަށް އޮޓަމެޓިކުން ފައިސާ ދެއްކުން ފަދަ ކަންކަން ކުރެވޭނެއެވެ. މި އިންފްރާސްޓްރަކްޗާ ފުރަތަމަ ފަށާއިރު "ބޭސް" ނެޓްވޯކުގައި މަސައްކަތް ކުރިނަމަވެސް، ކުރިމަގުގައި އެހެން ބްލޮކްޗެއިންތަކަށް ފުޅާކުރުމުގެ ވިސްނުން ހުރިކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ