ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ، އެ މައްސަލަ ކުރިއަށްދާއިރު ރިޔާސަތުގައި ނައިބުރައީސް އީވާ އަބްދުﷲ ނެތަސް ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ކުރިއަށް ގެންދަން ކުރި މަސައްކަތް ނާކާމިޔާބުވެ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާތީއެވެ.
ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށް 49 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީން އެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެއަށް ފަހު 14 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވެ، އެ މައްސަލަ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ ފަރާތް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ހުށަހަޅުއްވާފައިވާތީ، އެ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ.
އެއަށްފަހު އެ ޖަލްސާ އެޖެންޑާ ކުރި ކޮންމެ ދުވަހަކުވެސް އީވާ ސަލާމް ހުށަހަޅުއްވާފައި ވާތީ، އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ގޮތެއް ނިންމުމުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްއަށް ހާޒިރުވެވަޑައިނުގެންނެވޭ ހިނދެއްގައި މަޖިލީހުގެ ގަވާއިދުގެ 44ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމްވާނެ ކަމަށް ކަނޑައަޅައިދެއްވުމަށް އެދިއެވެ.
މި މައްސަލައިގެ އެންމެފުރަތަމަ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައީ މި މަހުގެ ހަވަނަ ދުވަހުއެވެ.
މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާއިރު، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ އިދާރާ އިން ކުރިއަށް ގެންގޮސްފައި ނުވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ...
ސުޕްރީމް ކޯޓުން ނިންމީ އީވާ ނެތަސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ