ވެރިކަން ނުލިބުމުން ރައީސާއި ނައިބު ރައީސް އަޒުލުކުރަން އުޅުމަކީ ހަޑިހުތުރުކަމެއް: ގާސިމް

އެމްޑީޕީއަށް ވެރިކަން ގެއްލުމުން ރައްޔިތުން އިންތިޚާބު ކުރި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން މަސައްކަތް ކުރުމަކީ ހަޑިހުތުރު އަމަލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ސިފަ ކުރައްވަފައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް އާއި ނައިބު ރައީސް އަޒުލު ކުރާނެ އުސޫލު ބަޔާން ކުރާ މަޖިލީހުގެ ގަވާއިދުގެ މާއްދާތަކަށް ބަދަލު ގެންނަން ހުށަހަޅާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިފައި އޮތަތީ އެ މޭރުމުން އަމަލު ކުރެއްވުމަކީ ވަރަށް 'ހަޑިހުތުރު' އަމަލެއް ކަމަށެވެ.
އަދި ރައީސް އާއި ނައިބު ރައީސް އަޒުލު ކުރުމާ ގުޅޭ ގަވާއިދަކީ މީގެކުރިންވެސް އިސްލާހުކޮށްފައިވާ މާއްދާތަކެއް ކަން ފާހަގަކުރައްވައި ގާސިމް ވަނީ ރައީސް އާއި ނައިބު ރައީސް އަޒުލު ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ކެބިނެޓައް ރުހުން ދިނުމުގެ މަސައްކަތް އަވަސް ކުރެއްވުމަށް ގޮވާލާފައެވެ.
ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ މިއަދަށް އެޖެންޑާ ކުރި ނަމަވެސް، މިނިސްޓްރީތަކުގެ މެންޑޭޓު ހުށަނާޅާކަމަށް ބުނެ ރިޔާސަތުން ވަނީ ކޮމިޓީ ރިޕޯޓު އަނބުރާ ފޮނުވާލާފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ގާސިމް ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ގޮވާލާފައެވެ.
ރައީސާއި ނައިބު ރައީސް އަޒުލުކުރުމާ ގުޅޭ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް ބަދަލު ގެންނަށް މަޖިލީހުގެ އާންމު ކޮމިޓީއަށް އިސްލާހުތަކެއް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުތައް ފާސްވެއްޖެ ނަމަ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީއަށް އެކަނިވެސް ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނެއެވެ.
ނަމަވެސް، އެ އިސްލާހު ހުށަހެޅުއްވީ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރުމުގެ ނިޔަތެއް އޮވެގެން ނޫން ކަމަށް އާޒިމް މީގެކުރިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ