ރައީސް މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާއެކު އަންނަ ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގައި ދިނުމަށް އެދި، މާފްނަނު މެދު ދާއިރާގެ ރައްޔިތުންނަށް، އެ ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) މެސެޖު ކުރެއްވުމުން، މުއިއްޒު އެކަމާ ކޯފާ އިސްކުރައްވައި، މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރު ކަމުން އަސްމާ ވަކިކޮށްފި އެވެ.
އޭގެ އިތުރުން، އަންނަ ހަފުތާގައި އަސްމާ އިނގިރޭސި ވިލާތަށް ކުރައްވަން ނިންމާފައި އޮތް މަޖިލީހުގެ ދަތުރެއް ވެސް މުއިއްޒު އަންގަވައިގެން ވަނީ ކެންސަލްކޮށްފި އެވެ.
އަސްމާއަށް އަށް މި ފިޔަވަޅުތައް އެޅިކަން އޭނާގެ އަރިސް ބައެއް ބޭފުޅުން އަދަދު ނޫހަށް ކަށަވަރުކޮށް ދިނެވެ.
މި ނޫހާ ވާހަކަ ދެއްކި މީހުން ވިދާޅުވީ ރައްޔިތުންގެ ވީހާވެސް ގިނަ ހިޔާލެއް މުއިއްޒުގެ އަރިހަށް ގެންދިޔުމުގެ މަގުސަދުގައި އަސްމާ ކުރެއްވި ކަމަކާމެދު އާންމު ރައްޔިތުންގެ މެދުގައި ބަހުސް އުފެދުމުން، އެކަމާ ކޯފާ އިސްކުރައްވައި ފިޔަވަޅު އެޅުއްވީ އިންސާފުން ނޫން ކަމަށެވެ.
"މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޣައްރިރު ކަމުން، ޔޫކޭ-މޯލްޑިވްސް ފްރެންޑުޝިޕްގެ ގްރޫޕްގެ ޗެއާގެ މަގާމުން އަސްމައްތަ ވަނީ ވަކިކޮށްފައި. އަދި މާދަމާ ނޫން އަނެއް ދުވަހު އިނގިރޭސި ވިލާތަށް ކުރައްވަން ނިންމާފައި އޮތް ދަތުރު ވެސް ކެންސަލްކޮށްފި،" މި ނޫހާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.
ފޮނުވި މެސެޖުގެ ސަބަބުން މުއިއްޒު އަސްމާ ދެކެ އިންތިހާއަށް ހިތްހަމަޖެހިވަޑައިނުގެންނެވި ކަމަށާއި އެހެންވެ ދާއިރާގެ ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދުމަށް ސީދާ މުއިއްޒު އެންގެވި ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުންޏެވެ.
"މިއީ ވަރަށް ދެރަވަރު. އަސްމައްތަ ކުރެއްވި މެސެޖަކީ މިވަރުގެ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް ނޫން. އަދި ރައީސް މުއިއްޒު އެވަރަށް ކޯފާ ވެސް އިސްކުރައްވަންޖެހޭ ކަމެއް ނޫން،" ޕީއެންސީގެ ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވާ މީހަކު ބުންޏެވެ.
"މުއިއްޒުގެ މާމާފުޅާ އެއް އުމުރެއްގެ ބޭފުޅެއް އަސްމާއްތައަކީ. އެކަމަކު މިވަރުގެ ކުޑަ ކަމެއްގައި އެއްވެސް އިހުތިރާމެއް ނެތި އަސްމައްތަ ފަލީހަތްކޮށްލީ، ފިޔަވަޅު އެޅީ."
މިކަމާ ގުޅޭ ގޮތުން އަސްމާގެ ބަހެއް ނުލިބުނެވެ.
ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވީ ރައީސް އެވަރަށް ކޯފާ އިސްކުރެއްވީ އަސްމާގެ މެސެޖުގެ ސަބަބުން އެ މަނިކުފާނު ބޮލުގައި ބަދުނާމެއް އެޅިއްޖެ ކަމަށް ގަބޫލު ކުރެއްވިގެން ކަމަށެވެ.
މުއިއްޒު މާލޭގެ އެކި ދާއިރާތަކުގެ ރައްޔިތުންނާ ވަކިވަކިން ބާއްވާ ބައްދަލުވުންތަކުގައި ސުވާލުކުރާ މީހުން ދުރާލައި ނޯޓުކުރަން އުޅޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކަން ދޮގުކުރައްވާ ވިދާޅުވީ މިނިވަންކަމާއެކު ބައްދަލުވުންތަކުގައި ހިޔާލު ފާޅު ކުރެވޭނެ ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސްގެ ބައްދަލުވުންތަކުގައި މިނިވަންކަމާއެކު ހިޔާލު ފާޅު ކުރެވޭނެ ކަމަށެވެ. އަދި ކުރީ ބައިގައި ސުވާލު ހުށަހަޅަންޖެހޭނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްމާ ވެސް މިއަދު ވިދާޅުވީ މާފަންނު ރައްޔިތުންނާ މުހައްމަދު މުއިއްޒު ބައްދަލުކުރައްވާއިރު ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު އާންމުންނަށް ލިބޭނެ ކަމަށެވެ. މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މުއިއްޒު ބާއްވަވާ ބައްދަލުވުން އޮންނާނީ ޑިސެމްބަރު 4، ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ތާޖުއްދީން ސްކޫލުގަ އެވެ.
އެންމެ ފަހުން ބައްދަލު ކުރެއްވީ މައްޗަންގޮޅީ ރައްޔިތުންނާއެވެ. އެ ބައްދަލުވުމުގައި މުއިއްޒަށް ފާޑުކިޔުމާއި، ޖަވާބު ނުދެއްވުނު ގިނަ ސުވާލުތަކެއް ރައްޔިތުން ކުރި އެވެ.
މުއިއްޒުގެ ރުޅިވެރިކަން އަސްމާއަށް؛ ކޮމިޓީތަކުން ވަކިކޮށް، ޔޫކޭގެ ދަތުރު ވެސް ކެންސަލް ކޮށްފި މުއިއްޒުގެ ރުޅިވެރިކަން އަސްމާއަށް؛ ކޮމިޓީތަކުން ވަކިކޮށް، ޔޫކޭގެ ދަތުރު ވެސް ކެންސަލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ