ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެނީ، ޢަރަބި، އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށް: ރައީސް

ރާއްޖޭގެ ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވަނީ، ޢަރަބި، އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ ދެ އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ރައީސް މުޢިއްޒު ވަނީ ސަޢުދީ ޢަރަބިއްޔާއަކީ ރާއްޖެއާއި އެންމެ ގާތް ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ސަޢުދީން ރާއްޖެއަށް ދެއްވާ އަހަންމިއްޔަތުގެ ތެރެއިން މައްކާ ރޫޓް އިނިޝިއޭޓިވް ހަމަޖެހިގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ރާއްޖެއަށް މި ފުރުޞަތު ލިބިގެންދިޔައީ ސަޢުދީ ރަސްގެފަނާއި ވަލީއަޙުދު ރާއްޖެއަށް ދެއްވާ ޚާއްސަ އިސްކަމުގެ ތެރެއިންކަމަށެވެ. އެކަމަށްޓަކައި، ސަޢުދީ ސަރުކާރަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޚާރިޖީ ގުޅުމުގެ ތެރެއިން އެންމެ މުހިންމު އިސްކަމެއް ދެނީ ޢަރަބި އިސްލާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމަށް ކަމަށެވެ. އެގޮތުން ސަޢުދީ ޢަރަބިއްޔާއަކީ ރާއްޖެއާ އެންމެ ގާތް ޤައުމުކަން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
"ޚާރިޖީ ގުޅުމުގެ ތެރެއިން އެންމެ މުހިންމު އިސްކަމެއް އަޅުގަނޑުމެން މިދެނީ ޢަރަބި އިސްލާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމަށް. ޚާއްސަކޮށް އަޅުގަނޑުމެންނާ އެންމެ ގާތް ޤައުމަކީ ސަޢުދީ ޢަރަބިއްޔާ. ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާ އެކީގައި އޮތް ގުޅުމުގެ ތެރެއިން ސަޢުދީ ރަސްގެފާނު އަދި ވަލީ އަޙުދު ދިވެހި ރައްޔިތުންނަށް ދެއްވާ އިސްކަމުގެ ތެރެއިން މައްކާ ރޫޓް އިނިޝިއޭޓިވްވެސް ހަމަޖެހިގެން ދިޔައީ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ސަބަބުން މިދިޔަ ޙައްޖުގައި ރާއްޖޭގެ ހައްޖާޖީންނަށް ވަރަށް ގިނަ ފަސޭހަތައް ލިބިގެންދިޔަކަމަށާއި، އަދި އިރާދަކުރެއްވީތީ ދެން އަންނަ އަހަރުތަކުގައިވެސް އެގޮތަށް ފަސޭހަތައް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވަނީ ސަޢުދީ ރަސްގެފާނާއި ވަލީއަހުދަށް ދިވެހި ރައްޔިތުންގެ ފަރާތުން ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ