އަފްގާނިސްތާނުން ސުލްހަ ބޭނުންވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ތުރުކީގައި ހިނގަމުންދާ މަޝްވަރާތަކުން ކުރިއެރުން ނުލިބިއްޖެ ނަމަ ދެން އޮތް ގޮތަކީ ހުޅުވާލެވިފައިވާ ހަނގުރާމައެއް ކުރުން ކަމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ތުރުކީގެ އިސްތަންބޫލްގައި އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ އެ މަޝްވަރާތަކަކީ 2021 ވަނަ އަހަރު ތާލިބާނުން އަފުގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން ޕާކިސްތާނާއި އަފްގާނިސްތާނުން ހަމަނުޖެހުން ތަކުރާރުވިޔަ ނުދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މަރުހަލާ އެވެ.
އެ މަޝްވަރާތަކުގެ ބޭނުމަކީ ގަތަރުގެ ދޯހާގައި ދެ ފަރާތުން ހަނގުރާމަ ހުއްޓާލުމަށްވި އެއްބަސްވުން ދެމެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ހަވާޖާ މުހައްމަދު އާސިފް ވިދާޅުވީ ދޯހާގައި ދެ ފަރާތުންވި އެއްބަސްވުމަށް ފަހު، ފާއިތުވި ހަތަރު ފަސް ދުވަހުގެ ތެރޭގައި އެއްވެސް ހާދިސާއެއް ހިނގާފައި ނުވާ ކަމަށާއި ދެ ފަރާތުން ވެސް ސުލްހައިގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ދެ ފަރާތަށް ވެސް ސުލްހަ ގާއިމު ކުރުމުގެ ފުރުސަތު އެބައޮތް. ނަމަވެސް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ދެން އޮންނާނީ ފާޅުގައި ހަނގުރާމަ ކުރުން،" އޭނާ ވިދާޅުވި އެވެ.
ދެ ފަރާތުގެ ހަމަނުޖެހުންތައް ފެށުނީ، އަފްގާނިސްތާނުގެ މުގައްދަސް ތަންތަނުން ޕާކިސްތާނަށް ހަމަލާ ދޭން ފެށި ކަމަށް ޕާކިސްތާނުން ބުނުމުންނެވެ.
އެއަށް ފަހު ޕާކިސްތާނުން ވަނީ ބޯޑަރު ހުރަސްކޮށް ވައިގެ ހަމަލާތައް ދީފަ އެވެ. އެއާ އެކު، ދެ ފަރާތުން ވެސް ވަރުގަދަ ކުރިމަތިލުންތަކެއް ހިންގައި އެތައް ސަތޭކަ ބަޔަކު މަރުވެ، ބޯޑަރު ހުރަސްކުރާ ބޮޑެތި ތަންތަން ބަންދު ކުރި އެވެ.
ޕާކިސްތާނު ސިފައިންނަށް ހަމަލާދޭ ހަނގުރާމަވެރިންނަށް ކާބުލްގައި ހިމާޔަތް ދިން ކަމަށް އިސްލާމްއާބާދު އިން ތުހުމަތު ކުރެ އެވެ. ތާލިބާނުން ވަނީ ޕާކިސްތާނުގެ އަސްކަރީ އަމަލުތަކުގެ ސަބަބުން އަފްގާނިސްތާނުގެ އިސްތިގުލާލަށް އަރައިގަންނަ ކަމަށް ތުހުމަތުކޮށްފަ އެވެ.
ސުލްހަ އިހުތިޔާރު ނުކުރެވިއްޖެ ނަމަ އޮތީ އަފްގާނިސްތާނާ އެކު ހަނގުރާމަކުރުން: ޕާކިސްތާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ