ލަންޑަނުގެ ޓެކްސީތަކުގައި ރާއްޖެ އިޝްތިހާރު ކުރާ ކެމްޕޭނެއް ފަށައިފި

ވިޒިޓް މޯލްޑިވްސްއިން އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސެންޓްރަލް ލަންޑަން ސަރަހައްދުގައި ޚާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއް ފަށައިފިއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ކެމްޕޭން ކުރިއަށްގެންދިޔުމަށް ނިންމާފައި ވަނީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވެލް އެންޑް ޓްރޭޑް ފެއާ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިޔުޓީއެމް) ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެ ކުންފުނިން ބުނީ، ދެ މަހަށް ކުރިއަށްގެންދާ އެ ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ޗާލުކަން ލަންޑަނުގެ އެންމެ ހަލަބޮލި ސަރަހައްދުތަކުން ފެންނާނެ ކަމަށެވެ. އެ ކެމްޕޭނުގެ ދަށުން ޖުމްލަ 100 ޓެކްސީ އުޅަނދުގައި ރާއްޖޭގެ ނަމާއި ބްރޭންޑިންއާއި މަންޒަރުތައް ފެންނާނެ ގޮތަށް އިޝްތިހާރު ކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. "މި ކެމްޕޭނުގެ ބޭނުމަކީ ޑަބްލިޔުޓީއެމް ފެއާއަށް ޒިޔާރަތްކުރާ ލަގްޒަރީ މަންޒިލްތަކަށް ލޯބިކުރާ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން އަދި މީޑިއާތަކުގެ ސަމާލުކަން ރާއްޖެއަށް ލިބޭ މިންވަރު އިތުރުކުރުމެވެ." އެ ކުންފުނިން ބުންޏެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ކެމްޕޭނަށް ދިވެހި ފަސް ކުންފުންޏެއްގެ އެއްބާރުލުން ލިބޭ ކަމަށެވެ. އޭގެ ތެރޭގައި ކަނޑިންމަ މޯލްޑިވްސް، ޔުނިވާސަލް ރެސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް އަދި ބެރެނާއީ ކޮއްޓަފަރުގެ އިތުރުން ރިއު އެޓޯލްސް އެންޑް ރިއު ޕެލަސް މޯލްޑިވްސް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކެމްޕޭން ފަރުމާކޮށްފައިވަނީ ރާއްޖޭގެ މަގުބޫލުކަމާއި ފަތުރުވެރިކަމުގެ ޕްރިމިއަމް ޑެސްޓިނޭޝަނެއްގެ ލަގަބު ދެމެހެއްޓުމަށާއި ރާއްޖޭގައި ފަތުރުވެރިންނަށް ގިނަ ފުރުސަތުތަކެއް ހުރިކަން އަންގައިދިނުމަށް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. މީގެ ކުރިން ވެސް އިނގިރޭސިވިލާތުގައި ޓެކްސީތަކުގައި ރާއްޖެ އިޝްތިހާރުކޮށްފައިވާއިރު، އެހެން ބައެއް ގައުމުތަކުގައި ވެސް އެފަދަ ކެމްޕެއިންތައް ކުރިއަށްގެންގޮސްފައިވެއެވެ. ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. މި އަހަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނައީ އިނގިރޭސިވިލާތުގެ މީހުންނެއެވެ. އެގޮތުން އެ ގައުމުން 160،693 މީހުން ޒިޔާރަތްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ