ކުށެއް ކުރެވުމަކީ މައްސަލައެއް ނޫނެވެ. ކިތަންމެ ރަނގަޅު މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. އެންމެ ހެޔޮލަފާ މީހުންނަށްވެސް ކުށް ކުރެވެއެވެ. ވީމާ ކުށެއް ކުރެވިއްޖެނަމަ ލަދުގަނެ ކުށް ނުކުރާކަމަށް ހަދަން މަސައްކަތް އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެއިރުން އެމީހަކަށް ލިބޭނެ ދެރަ މާބޮޑުވާނެއެވެ.
އަމިއްލަ ނަފްސަށާއި ޢާއިލާއަށް އަދި މަތިން ފެށިގެން ތިރިއަށް އަދި ވަށައިގެންވާ ހަތަރުފަރާތަށް ބެލިނަމަވެސް ކަންކަން އިޞްލާޙް ނުވެގެން މިއުޅެންޖެހޭ ސަބަބަކީ ކުރެވޭ ކުށަށް އިޢްތިރާފް ނުވުމެވެ. ކިތަންމެ ބޮޑު ކުށެއް ކުރެވުނު ނަމަވެސް އެހެން މީހެއްގެ ބޮލުގައި އެކުށް އަޅުވަން މަސައްކަތްކުރުމެވެ. މއީ އބިލީހުގެ ފައުޅުކަން ބޮޑުވެގެންވާ ސިފައެކެވެ.
އިބިލީހަށާއި މަލާއިކަތުންނަށް ﷲ ތަޢާލާ އަމުރުފުޅު ކުރެއްވެވީ އާދަމްގެފާނަށް ސަޖިދަ ކުރުމަށެވެ. މަލާއިކަތުން ސަޖިދަކުރެއްވީއެވެ. އިބިލީސް ސަޖިދަ ނުކޮށް ބޮޑާވެގަތީއެވެ. އެބޮޑު ކުށް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުރެ ކުރުމަށްފަހު ދެން މަސައްކަތްކުރީ ﷲ ތަޢާލާ ކުށްވެރިކުރުމަށެވެ.
އިބިލީހުގެ ކުރިމަތީގައި އިބިލީސް އަލިފާނުން ހައްދަވާފައި، އާދަމްގެފާނު މަށީން ހައްދަވާފައި އާދަމްގެފާނަށް ސަޖިދަކުރަން އިބިލީހަށް ﷲ ތަޢާލާ އެންގެވި އެންގެވުމަކީ ﷲ ތަޢާލާ ކުރެއްވެވި ކުށެކެވެ. އިބިލީސް ސަޖިދަ ނުކުރީ އެސަބަބަށްޓަކައެވެ.
މިފަދަ ނުބައިކަން ބޮޑު ވިސްނުން އިބިލީސް ގެންގުޅުނުއިރު ﷲ ތަޢާލާއީ އެންމެހައި އުނިސިފަތަކުން ހުސްޠޯހިރުވަންތަ ކަލާނގެކަން އިބިލީހަށް ރަނގަޅަށް އެނގެއެވެ. ނުއެނގެނީއެއް ނޫނެވެ! ގޮތްދޫނުކުރީއެވެ. ތިމާއަށް ކުރެވުނު ކުށުގެ ބޮޑުކަން އެނގޭއިރުވެސް ތިމާހުރީ ޙައްޤުގައިކަން ބަޔާންކުރަން ބޭނުންވީއެވެ.
ކުށެއް ކުރެވުމުން އެކަން ޤަބޫލުނުކޮށް އެހެން މީހުން ކުށްވެރިކުރަން ބަހަނާތައް ދައްކާ މީހުން އެޢަމަލުކުރަނީ އެދުވަހު އިބިލީސް ޢަމަލުކުރި ގޮތަށެވެ. ހަމައެއާއިއެކު ކުށެއް ކުރެވުމުން އެކަން ޤަބޫލުކޮށް ތައުބާވުމަށް އަވަސްވެގަތުމީ އާދަމްގެފާނުގެ ދެކަނބަލުން ޢަމލުފުޅުކުރެއްވެވި ގޮތެވެ.
ދެން ބަލައިލަންވީ ނަތީޖާއަށެވެ! އާދަމްގެފާނުގެ ދެކަނބަލުންގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައި އެދެކަނބަލުންނަށް ސުވަރުގެ އަލުން ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އަދި އިބިލީހަށް އޮތީ ދާއިމަށް ނަރަކައިގެ ގަދަފަދަ ޢަޛާބުގައި ދެމިއޮތުން ކަމަށްވެސް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ.
ޙަޤީޤަތަކީ އިބިލީސް ކުރީ ވެސް ކުށެކެވެ. އަދި އާދަމްގެފާނާއި ޙައްވާގެފާނަށްވެސް ކުރެއްވެވުނީ ވެސް ހަމަ ކުށެކެވެ. ތަފާތަކީ ކުށަށް އިޢްތިރާފްވެ މާފަށް އެދުމާއި ކުށް ޤަބޫލުނުކުރުމުގެ ތަފާތެވެ!
މީސްތަކުންނޭވެ! ފާފައަކަށްވާނީ ހަމައެކަނި ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަން ކުރުމެއް ނޫނެވެ. ދެމަފިރިން އެކަކު އަނެކަކަށް ކުރާ ކުށަކީވެސް އެކަމެއްގެ ނިޞްބަތުން ހަމަ ފާފައެކެވެ. އެހެނީ ދެމީހުން އެކަކު އަނެކަކަށް ތެދުވެރިވެ އޯގާތެރި، އިޚްލާޞްތެރި ވަފާތެރި ދިރިއުޅުމެއް އުޅެން މާތް ﷲ ގެ ނަންފުޅުގައި ވީވަޢުދު ކޮބައިހެއްޔެވެ؟ މިދައްކަނީ ކައިވެނީގެ މަޖިލީހުގައި ވީވަޢުދުގެ ވާހަކައެވެ!
ވީމާ ދެމަފރިންކުރެ ކޮންމެ މީހަކަށް ނަމަވެސް އަދި ދެމަފިރިންނަށް ނަމަވެސް ކުށެއް ކުރެވިއްޖެ ނަމަ އަވަހަށް ކުށް ޤަބޫލުކުރާށެވެ! މާފަށް އެދޭށެވެ! ނޫންނަމަ އެވަދެވެނީ އިބިލީހުގެ ބައަށެވެ! ދުޢާއަކީ ކުރެވޭ ކުށް ޤަބޫލުކޮށް މާފަށް އެދުމުގެ ހިތްވަރާއި ސާބިތުކަން ﷲ ތަޢާލާ ދެއްވެވުމެވެ! އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކުށެއް ކުރެވުނީމާ އެކަން ޤަބޫލުނުކުރާ މީހުން އެ ލިބިގަންނަނީ އިބިލީހުގެ ސިފަ! އެއީ ދުނިޔޭގަވެސް ނާކާމިޔާބާ ކުރިމަތިލާންޖެހޭ ސަބަބު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ