މިދިއަ ހަފުތާގެ އާދިއްތަދުވަހު، ލޫވާ މިޔުޒިއަމް ހުޅުވިތާ މާ ގިނަ އިރެއްނުވެ، އެ ތަނުގެ އެޕޯލޯ ގެލެރީ ހުންނަ ބަޔަށް ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ދެ ވަގުން ވަނެވެ. އެތެރޭގައި އެ މީހުން ހޭދަކުރީ ގާތްގަނޑަކަށް ހަތަރު މިނިޓެވެ. އެތަނުން އެމީހުން ނުކުތީ 102 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ އަގުހުރި ގަހަނާ ހިފައިގެންނެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ ލޫވާ މިޔުޒިއަމަކީ ދުނިޔޭގައި އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ދާރުލްއާސާރެވެ. މިދިއަ އަހަރު 8.7 މިލިއަން މީހުން އެތަނަށް ޒިޔާރަތްކުރި އެވެ. ލޫވާގައި ދައްކަން ބަހައްޓާފައި ހުންނަ ކުރެހުންތަކާއި ގަހަނާ ކަހަލަ ތާރީހީ އުފެއްދުންތަކުގެ އަގު ވަރަށް ބޮޑެވެ.
އެޕޯލޯ ގެލެރީއަށް ވަގުން ވަނީ ބޭރުގައި ބެހެއްޓި ހަރުގަނޑަކުންނެވެ. ހަރުގަނޑު ހަރުކޮށްފައި ހުރީ ލޮރީއެއްގަ އެވެ. ފްރާންސްގެ އުސް އިމާރާތްތަކުގެ ބައެއް މަރާމާތުތަކަށް އެކަހަލަ ހަރުގަނޑު ބޭނުންކުރާތީ ބަލާ މީހުންނަށް އެއީ މާ ހާއްސަ ކަމަކަށް ނުވެ އެވެ.
ހަރުގަނޑުން ފައިބައިގެން ގޮސް ވަގުން އެރީ ބާރަށް ދުއްވާ ކުޑަކުޑަ ދެ ސްކޫޓަރަކަށެވެ. ފިލި ގޮތަށް ހަބަރެއް ނުވެ އެވެ. އޭގެ ހަފުތާއެއް ފަހުން މިއަދު ފްރާންސުން ބުނީ ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި ކަމަށެވެ.
މި ވައްކަން ދުނިޔޭގެ މީޑިއާތަކުގެ ބޮޑު ސުރުހީތަކުން އަދި ދުރަކަށް ނުދެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ފިލްމެއްގައި ފެންނަ ކަހަލަ ވައްކަމެކެވެ. ފަހުން ލޫވާގެ އިސް ވެރިން ބުނީ ވަގުން ވަން ދިމާލުގައި ސެކިއުރިޓީ ކެމެރާއެއް ނެތް ކަމަށެވެ. އެހެންކަމުން ދުނިޔޭގެ އެންމެ މަގުބޫލު، އެންމެ އަގުބޮޑު އުފެއްދުންތައް ހުރި ދާރުލްއާސާރުގެ ސަލާމަތީ ކަންކަން ދޯހަޅިކަން މިވަނީ އެނގިފަ އެވެ.
ވަގުން ގެންދަން އުޅުނު އެއްޗެހީގެ ތެރޭގައި ނަޕޯލިއަން 3ގެ އަނބިކަނބަލުންގެ ތާޖު ވެސް ހިމެނެ އެވެ. ނަމަވެސް ވަގުންގެ އަތުން އެ ވެއްޓުނީ އެވެ. ނުވަތަ އެއީ ވިއްކާލަން އުނދަގޫވެދާނެ އެއްޗަކަށް ވެދާނެތީ ދޫކޮށްލީ އެވެ. އެއަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރެވޭނެ ކަމަށް، ދާރުލްއާސާރުގެ ވެރިން ބުނެ އެވެ.
ވަގުންގެ އަތުގައި އަގުބޮޑު ހަތް ގަހަނާއެއް މިހާރު ވެސް ވާނެ އެވެ. އެއީ ފްރާންސްގައި ރަސްކަން އޮތް އިރު އެކި ރާނީން ބޭނުންކުރި ތަފާތު ގަހަނާ އެވެ. ޖަވާހިރާއި ރަނާއި ރިހީގެ އުފެއްދުންތަކެވެ.
ފްރާންސްގެ ފުލުހުން އޭގެ ތަފުސީލީ މައުލޫމާތުތަކެއް އަދި ނުދެ އެވެ. އެކަމަކު ބުނީ އެކަކު ހައްޔަރުކުރީ އަލްޖީރިޔާއަށް ފުރަން އުޅެނިކޮށް ކަމަށެވެ. އަނެކަކު ހައްޔަރުކުރީ މާލީއަށް ފުރަން އުޅެނިކޮށެވެ.
މި ވައްކަމުގައި ބައިވެރިވީ ކިތައް މީހުން ކަމެއް ވެސް އަދި ނޭނގެ އެވެ.
ވަގުން ބޭނުންކުރި އަންގި ފަދަ ބައެއް އެއްޗެހި ދާރުލްއާސާރު ތެރެއަށް ދޫކޮށްލި އެވެ. އެހެންކަމުން އެއިން ޑީއެންއޭ ހޯދައިގެން ވަގުންނާ ހަމައަށް ދެވިދާނެ ކަމަށް، ކުރިން ވެސް އޮތީ ބެލެވިފަ އެވެ.
މި ވައްކަމާ ގުޅިގެން ދާރުލްއާސާުރުގެ އަގުބޮޑު ގަހަނާތައް މިހާރު ވަނީ ސަލާމަތީ ގޮތުން ވަރުގަދަ ބޭންކަކަށް ބަދަލުކޮށްފަ އެވެ.
ގަހަނާއާ ބެހޭ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ވަގަށް ގެންދިޔަ އެއްޗެހީގައި ހިމެނޭ ޖަވާހިރުތައް މިހާރު ހުންނާނީ ކުދިކޮށްފަ އެވެ. އެ ވިއްކާލިޔަސް އެއީ ކޮން ތަނަކުން ހޯދި، ކޮން ބަޔަކާ ގުޅުން ހުރި ޖަވާހިރެއްކަން ނޭނގޭނެ ކަމަށް ވެސް ބުންޏެވެ.
ދުނިޔެ ހައިރާންކޮށްލި ވައްކަމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ