އެފްއެސްއެމްގެ ދެ ބޯޓެއްގެ ހުރިހާ ކްރޫއިން ވަޒީފާއިން ވަކިކޮށްފި އެފްއެސްއެމްގެ ދެ ބޯޓެއްގެ ހުރިހާ ކްރޫއިން ވަޒީފާއިން ވަކިކޮށްފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިއްކާ ތެލުން ވައްކަންކުރި ދެ ބޯޓެއްގެ ހުރިހާ ކްރޫއިން ވަޒީފާއިން ވަކިކޮށްފި އެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން އިއްޔެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވީ އެ ކުންފުނިން ވިއްކާ ތެލުން ވައްކަންކުރާ މައްސަލައިގައި މިހާތަނަށް ދެ ބޯޓެއްގެ ކްރޫއިން އެއްކޮށް ވަކިކޮށްފައިވާ ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެން ވާނީ ދެ ބޯޓެއްގެ ކްރޫއިން އެކީގައި ވަޒީފާއިން ވަކިކޮށްފައި. އެހެންވީމަ އެކްޝަން ނަގާނަން ހަމަ ގައިމުވެސް މިހާރު،" އޭނާ ވިދާޅުވި އެވެ.
އާޝާން ވިދާޅުވީ އެފްއެސްއެމް އިން ވިއްކާ ތެލުން ވައްކަން ކުރަން މުވައްޒަފުންނަށް ފުރުސަތު ލިބުނީ މިހާ ދުވަހު އެކަމަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅި އޮތުމުން ކަމަށެވެ.
ނަމަވެސް ކުންފުނީގެ އޮޕަރޭޝަނަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއި މުވައްޒަފުންނަށް އަޅާ ފިޔަވަޅުތަކާއެކު ކުރިން އޮތް ގޮތަށް ދޫކޮށްލައިގެން ތިބެން މެނޭޖްމަންޓުން ބޭނުން ނުވާނެކަން މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއޮތް ހުރިހާ ދުވަހު އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެކަށީގެންވާ ފިޔަވަޅު ނޭޅި އޮތީމައޭ މިހާ ގޯސްކޮށް މިކަންކަން ގޮސްފައި އޮތީ. އެހެންވީމަ ހަމަ ގައިމުވެސް މިހާރު މުވައްޒަފުންނަށް ނޫނީ ކްރޫއިންނަށް ޔަގީންކަން އޮންނާނެ އަޅުގަނޑުމެން މެނޭޖްމަންޓުން މީތި ދޫކޮށެއް ނުލާނެކަން،" އޭނާ ވިދާޅުވި އެވެ.
އާޝާން ވިދާޅުވީ އެފްއެސްއެމްގެ އޮޕަރޭޝަނަށް ގެނެސްފައިވާ ބަދަލުތަކުގެ ދަށުން ބޮޑެތި ކަސްޓަމަރުންގެ ރިކުއެސްޓްތަކާއި ތެޔޮ ފޯރުކޮށްދޭ މިންވަރު މޮނިޓާކޮށް، ފުލުހުންނަށް ފޯރުކޮށްދޭން ޖެހޭ އިންޓެލިޖެންސް ވެސް ފޯރުކޮށްދެމުންދާ ކަމަށެވެ.
މީގެއިތުރުން ކަސްޓަމަރުންގެ ބޯޓުތަކުގައި ތިބޭ ކްރޫއިން ވެސް ކޮންމެ ތިން މަހަކުން ރޮޓޭޓް ކުރަން އެދިފައިވާ ކަމަށާއި އެގޮތަަށް އެފްއެސްއެމް އިން ވެސް އަމަލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްއެސްއެމް އިން ވިއްކާ ތެލުން މުވައްޒަފުން ކުރާ ވައްކަންތައް ހުއްޓުވަން 21 ބާޖެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. އެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ