ނެދަލޭންޑްސްގެ ސުޕްރީމް ކޯޓުން އިސްރާއީލުގެ އެކްސްޕޯޓްތަކާ ގުޅޭ ތަޙުޤީޤެއް ކުރުމަށް އަމުރުކޮށްފި

ނެދަލޭންޑްސްގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް އަލުން މުރާޖަޢާ ކުރުމަށް އަމުރުކޮށްފިއެވެ.
ކޯޓުން ވަނީ ފާއިތުވި އަހަރު ދަށު ކޯޓަކުން އެފް-35 ހަނގުރާމަ ޖެޓް މަތިންދާބޯޓުގެ ބައިތައް އެކްސްޕޯޓް ކުރުން މަނާކުރުމަށް ނެރުނު އަމުރު ދަމަހައްޓާފައި ނުވިޔަސް، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް މި ޖެޓް ބައިތައް ބޭނުންކުރެވިދާނެ ރިސްކެއް އޮތްތޯ ސަރުކާރުން ވަޒަންކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައެވެ.
"މިނިސްޓަރު އެކްސްޕޯޓް ލައިސަންސްއާ ގުޅޭގޮތުން އައު ނިންމުމެއް ނުނިންމާހާ ހިނދަކު، މިހާރުގެ ލައިސަންސް ދެމިއޮންނާނެ، އަދި އިސްރާއީލަށް އެފް-35ގެ ބައިތައް އެކްސްޕޯޓް ކުރުމަކީ ހުއްދަ ކަމެއް ނޫން،" ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މާޓިޖްން ޕޮލަކް ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ދަ ހޭގްގެ އިސްތިއުނާފު ކޯޓުން ވަނީ އިސްރާއީލަށް ޖެޓް ބައިތައް އެކްސްޕޯޓް ކުރުން ހުއްޓާލުމަށް ސަރުކާރަށް އަމުރުކޮށްފައެވެ. މިގޮތަށް އަމުރުކުރީ ޣައްޒާގައި ބައިނަލްއަޤްވާމީ އިންސާނިއްޔަތު ޤާނޫނާ ޚިލާފު ބޮޑެތި ޢަމަލުތައް ހިންގުމަށް އިސްރާއީލުގެ އެފް-35 ޖެޓްތައް ބޭނުންކުރެވޭ ކަމުގެ ސާފު ހެކި ހުރި ކަމަށް ކަނޑައަޅައިފައެވެ.
ހުކުރު ދުވަހު ނެރުނު ޙުކުމުގައި އެ އަމުރު ބާޠިލުކޮށް، އެކްސްޕޯޓް ލައިސަންސް މުރާޖަޢާ ކުރާއިރު ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވެދާނެ ކަންކަމަށް ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 66,288 މީހުން ޝަހީދުވެ، 169,165 މީހުން ޒަޚަމްވެފައިވެއެވެ. އަދި އެތައް ހާސް މީހުންނެއް ވަނީ ވެއްޔާއި އަޅިތަކުގެ ދަށުގައި ވަޅުލެވިފައިކަމަށް ޤަބޫލުކުރެވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ