ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލް ދަށަށް ބަދަލުނުވެ އޮތީ، އެ ކައުންސިލުން އެ ހިދުމަތްތަކާ ހަވާލުނުވެގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދެމުން ދަނީ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ވެސް އޮންނަ އެޗްޑީސީއިންނެވެ. އެ ކަން މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރަން ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވަކާލާތު ވެސް ކުރެއްވި އެވެ.
މާލޭ ސިޓީ ކައުންސިލަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ ބާރު ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ވެސް މެއެވެ. އެ ވައުދާ އެއްގޮތަށް، އެ ހިދުމަތް ބަދަލުކުރަން 31 ޑިސެމްބަރު 2023ގައި އެމަނިކުފާނު އެންގެވި އެވެ.
އެކަމަކު އޭގެ ފަހުން ދެ އަހަރު ވީއިރު ވެސް ހުޅުމާލެ އަދިވެސް ބަލަހައްޓަމުން އަންނަނީ އެޗްޑީސީންނެވެ.
ބުނީ ކީކޭ؟ - ހުޅުމާލެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ އެކަން ކުރަން ބޭނުންވާ ހުރިހާ ކަމެއް ކަމާ ބެހޭ މިނިސްޓްރީތަކުން ހަމަޖައްސާފައިވާ ކަމަށެވެ. އެކަމާ ބެހޭ ގޮތުން ކެބިނެޓުން ވެސް ނިންމުންތަކެއް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އެކަަމަކު ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ވެސް އެކަން ނުވެ އޮތީ، އެ ޒިންމާތަކާ ހަވާލުވާން މާލޭ ސިޓީ ކައުންސިލުން ތައްޔާރުނުވާތީ ކަމަށެވެ.
"ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން އެއްބަހެއް ނުވި. ނުވީމާ އެޗްޑީސީން މިހާރު ވަގުތީ ގޮތުން އަދިވެސް އެ ބަލަހައްޓަނީ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދުކުރަނީ މާ ގިނަ ދުވަސްތަކެއް ނުވެ [މާލެ] ސިޓީ ކައުންސިލުން އެ ނިންމުން ބަދަލުކޮށް އަނެއްކާވެސް ހަވާލުވެލައްވާނެ ކަމަށް. އަޅުގަނޑު މިހުރީ ވައުދު ފުއްދަން ތައްޔާރަށް."
ފާހަގަކޮށްލެވޭ ކަމެއް - ހުޅުމާލޭގެ މުނިސިޕަލް ކަންކަން އެޗްޑީސީގެ ޒިންމާއިން ވަކިކުރަން ރައީސް ބޭނުންފުޅުވަނީ އެއީ މާލޭގެ އަވަށެއް ކަމަށް ވެފައި، އެޗްޑީސީން އެ އަވަށް ހިންގަމުން ދަނީ ރައްޔިތުން އެދޭ ގޮތަށް ނޫން ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައިވެ އެެވެ. އޭރު ރައީސް ވިދާޅުވީ ހުޅުމާލެއަކީ މާލޭގެ ބައެއް ކަމަށް ގާނޫނުގައި ލިޔެފައި އޮތުމުން ކުންފުންޏެއްގެ ދަށުން އެ އަވަށް ހިންގަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ މާލޭ ސިޓީ ކައުންސިލުން ހަވާލެއް ނުވި: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ