އެއް ދުވަހާ އެންމެ ގިނަ ރޮކެޓް ޖައްވަށް ފޮނުމުގެ ރެކޯޑް ޗައިނާއިން މުގުރާލައިފި
ޗައިނާގެ ސްޕޭސް ޕްރޮގްރާމުން ތާރީޚީ އައު ސަފުހާއެއް ލިޔެ، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ރޮކެޓް ފޮނުވާލުމުގެ ރެކޯޑް މުގުރާލައިފިއެވެ. އެގޮތުން އެންމެ 19 ގަޑިއިރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އެ ޤައުމުން ވަނީ "ލޯންގް މާޗް" މަރުކާގެ ތިން ރޮކެޓް ކާމިޔާބުކަމާއެކު ފަޒާގެ ތެރެއަށް ފޮނުވާލާފައެވެ. މިއީ ޗައިނާގެ ތާރީޚުގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ތަފާތު ތިން ލޯންޗް ސެންޓަރަކުން މިހާ ގިނަ މިޝަންތައް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި ކާމިޔާބު ލޯންޗުތަކާއެކު، ނިމެމުން މިދާ އަހަރުގެ ތެރޭގައި ޗައިނާއިން ކުރިއަށް ގެންގޮސްފައިވާ އޯބިޓަލް މިޝަންތަކުގެ ޖުމްލަ ޢަދަދު ވަނީ 83 އަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރު އެ ޤައުމުން ހިންގި 68 މިޝަނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ފަދަ ބޮޑު އިތުރުވުމެއް ކަމަށްވާއިރު، މިއިން ދައްކުވައިދެނީ ފަޒާގެ ރޭހުގައި ޗައިނާއިން ހޯދަމުންދާ ހަލުވި ކުރިއެރުމާއި، ސެޓެލައިޓް ނެޓްވޯކްތައް ފުޅާކުރުމަށް ދެމުންދާ ޚާއްސަ އަހަންމިއްޔަތުކަމެވެ. މި ރެކޯޑް ހެދުމުގެ ފެށުމެއްގެ ގޮތުން، ޓައިޔުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން ފުރަތަމަ ފޮނުވާލީ ލޯންގް މާޗް 6އޭ ގެ ރޮކެޓެކެވެ. މި ރޮކެޓުގައި ހިމެނެނީ ޗައިނާގެ "ގުއޯވަންގް" ނުވަތަ ނޭޝަނަލް ނެޓްވޯކްގެ ބްރޯޑްބޭންޑް އިންޓަނެޓް ސެޓެލައިޓްތަކެކެވެ. މިއީ އެމެރިކާގެ ސްޕޭސްއެކްސް ކުންފުނީގެ ސްޓާލިންކް އާއި ވާދަކުރުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ޗައިނާއިން ބިނާކުރަމުންދާ ބިޔަ މުވާސަލާތީ ވިއުގައެކެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ގޯބީ ޑެޒަޓްގައި ހުންނަ ޖިއުކުއާން ލޯންޗް ސެންޓަރުން ވަނީ ލޯންގް މާޗް 4ބީ ރޮކެޓެއް ފޮނުވާލާފައެވެ. މި ރޮކެޓުން އުފުލި "ޔާއޯގަން-47" އަކީ ރިމޯޓް ސެންސިން ސެޓެލައިޓެއް ކަމަށް ބުނި ނަމަވެސް، ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ދެކޭގޮތުގައި މިއީ އަސްކަރީ ބޭނުންތަކަށް ފޮޓޯއާއި މައުލޫމާތު އެއްކުރުމަށް ފޮނުވި ސިއްރު ޖާސޫސީ ސެޓެލައިޓެކެވެ. މިއީ ޗައިނާގެ ބިންތަކާއި ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށާއި ޤައުމީ ދިފާޢީ ބޭނުންތަކަށް މުހިންމު އާލާތެކެވެ. މި ސިލްސިލާގެ ތިންވަނަ އަދި ފަހު ލޯންޗު ހިންގާފައިވަނީ ސިޗުއާން ޕްރޮވިންސްގެ ޒިޗަންގް ސެޓެލައިޓް ލޯންޗް ސެންޓަރުންނެވެ. ލޯންގް މާރޗް 3ބީ މަރުކާގެ ރޮކެޓެއް ބޭނުންކޮށްގެން ފޮނުވާލި "ޓީޖޭއެސްޑަބްލިއު-22" އަކީ މުވާސަލާތީ އައު ޓެކްނޮލޮޖީތައް ޓެސްޓުކުރުމަށް ޚާއްސަ ސެޓެލައިޓެއް ކަމަށް ޗައިނާގެ ރަސްމީ އިދާރާތަކުން ހާމަކުރެއެވެ. މި ތިން ލޯންޗް ވެސް ހިންގާފައިވަނީ ޑިސެމްބަރު ނުވަ ވަނަ ދުވަހުގެ ވަގުތުތަކުގައެވެ. ޗައިނާ އެއެރޯސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން (ސީއޭއެސްސީ) އިން މި ކާމިޔާބީ ސިފަކޮށްފައިވަނީ ޤައުމީ ފެންވަރުގެ ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. ނަމަވެސް، ލޯންޗުތަކުގެ ޢަދަދަށް ބަލާއިރު އަދިވެސް އެމެރިކާ އުޅެނީ މާ ކުރީގައެވެ. އެގޮތުން ހަމައެކަނި އެމެރިކާގެ ސްޕޭސްއެކްސް ކުންފުނިން ވެސް މިހާރު ވަނީ އަހަރެއްގެ މައްޗަށް 150 އަށްވުރެ ގިނަ މިޝަން ހިންގުމުގެ ޤާބިލުކަން ހޯދާފައެވެ. އެހެންނަމަވެސް، ޗައިނާއިން މަސައްކަތް ކުރަމުންދަނީ މި ފަރަގު ކުޑަކޮށް، ޖައްވީ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ދެމިއޮތުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ