އިންޑިއާ ރައްޔިތުން އިންތިހާބަށްފަހު ނަތީޖާގެ އިންތިޒާރުގައި

އިންޑިއާގައި ހަފްތާތަކަށް ދިގުދެމިގެންދިޔަ އާންމު އިންތިހާބުގެ ނަތީޖާ މިއަދު އިއުލާންކުރާނެ އެވެ. އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ތާވަލުކޮށްފައި އޮތް ގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ ވޯޓު ގުނުން މިހާރު ކުރިއަށް ދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި އިންތިހާބުގެ ސަބަބުން އިންޑިއާގެ ސަރުކާރު ބަދަލެއް ނުވާނެ އެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އޮތް ތާއީދު އެއަށް ވުރެ ބޮޑު ކަމަަށް ހިޔާލު ހޯދުމުގެ ވޯޓުތަކުންވެސް އޮތީ ދައްކާފަ އެވެ.
އިންޑިއާގައި ހަތް މަރުހަލާއަކަށް ބަހާލައިގެން ބޭއްވި އާންމު އިންތިހާބުގައި ވޯޓުލުމުގެ ފުރަތަމަ މަރުހަލާ އޮތީ އޭޕްރީލް 19 ގައެވެ. އެއަށްފަހު އޭޕްރީލް 26 ގައި ދެވަނަ މަރުހަލާ، މެއި 7، މެއި 13، މެއި 20، މެއި 25 އަދި ހަތްވަނަ މަރުހަލާ ޖޫން އެކެއްގައި ވަނީ ނިންމާފަ އެވެ.
އިންތިހާބުގެ ނަތީޖާ އަންދާޒާކުރާ ނޫސް އޭޖެންސީތައް ބުނާ ގޮތުން ވޯޓު ގުނަން ފަށާތާ ދެތިން ގަޑިއިރު ތެރޭގައި ރަސްމީ ނަތީޖާ އެނގެން ފަށާނެ އެވެ. މިއީ ދުނިޔޭގައި މިފަދައިން ބޭއްވިފައި އޮތް އިންތިހާބުތަކުގައި ވެސް ކަންހިނގާފައިވާ ގޮތެވެ.
އިންޑިއާގެ މި އިންތިހާބަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ -- ލޯކް ސަބާގައި ހުރި 543 ގޮނޑި ހޯދާނެ ބަޔަކު ކަނޑައެޅުމަށް ބޭއްވި އިންތިހާބެކެވެ.
ސަރުކާރު ހިންގާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކޯލިޝަނުން ބުނާ ގޮތުން 370 ގޮނޑި އެ ކޯލިޝަނުން ހޯދާނެ އެވެ. އިދިކޮޅު އިއްތިހާދުން 295 ގޮނޑި ހޯދާނެ ކަމަށް އޮތީ ބުނެފަ އެވެ.
ލޯކް ސަބާގެ ޖުމުލަ ގޮނޑީގެ އަދަދަކީ 543 އެވެ. އަޣުލަބިއްޔަތަކީ 272 އެވެ. އިންތިހާބު ކާމިޔާބު ވާނީ އަޣުލަބިއްޔަތު ލިބޭ އިއްތިހާދަކަށެވެ.
އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން 968 މިލިއަން މީހުން ވޯޓުލާން ރަޖިސްޓްރީ ކުރި އެވެ. އެކަމަކު ވޯޓުލާފައި ވަނީ 642 މިލިއަން މީހުންނެވެ.
އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތިންވަނަ ދައުރެއް ކަށަވަރު ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ނަމަވެސް މިއީ ބަދަލުވެދާނެ ނަތީޖާއެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކާ ހިލާފަށް އިންތިހާބުތަކުގައި ނަތީޖާ ނުކުމެފައި ހުރި ކަމަށް މިފަދަ ކިތަންމެ އިންތިހާބަކުން ވަނީ ތަޖުރިބާކުރެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ