"އާއިލީ ހަވީރު"ގެ ނަމުގައި މާލޭ ސިޓީ ކައުންސިލުން ކުޑަކުދިންނަށް ހަވީރެއް

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "އާއިލީ ހަވީރުގެ" ނަމުގައި މާލޭ ސިޓީ ކައުންސިލުން ހަވީރެއް ބާއްވައިފިއެވެ.
މާލޭގައި ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ބާއްވާ ހަވީރަކީ ބޮޑަށް ކުޑަކުދިން ބޭރަށް ނިކުމެ ޢަމަލީ ގޮތުން ބައިވެރިވެވޭ ގޮތަށް ރާވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި މި ހަވީރުގެ އަމާޒަކީ ޢާއިލީ ގުޅުންތައް އިތުރުކޮށް ކުޑަކުދިން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ހިތްވަރުދިނުން ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މި ހަރަކާތަކީ ކުޑަކުދިންގެ ދުވަހާއި، މިމަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ މަންމައިންގެ ދުވަހާއި މިމަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ އާއިލާތަކާއި ބެހޭ ދުވަހާއި ގުޅުވައި 3 ދުވަސް އެއްކޮށް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް މާލެ ސިޓީކައުންސިލުން ވިދާޅުވެއެވެ.
މާލެ ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ހަވީރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ވަނީ ގެންގޮސްފައެވެ.
އެގޮތުން ކުދިންގެ ހުނަރު ދައްކާލުމާއި ފޮޓޯ ބޫތާއެކު ވާޗުއަލް ރިއަލިޓީ ދެ ހަރަކާތެއްގައި ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ.
މީގެ އިތުރުން ސޯލާ ސިސްޓަމް ބަލާލުމުގެ ފުރުސަތާއި ކަނޑުއަޑީގެ މަންޒަރުތައް ބަލާލުމުގެ ފުރުސަތުވެސް ކުދިންނަށް ވަނީ ދީފައެވެ. މި ވާޗުއަލް ރިއަލިޓީ ޕްރެޒެންޓޭޝަންތަކަކީ އާންމުކޮށް ރިސޯޓުތަކުގައި ބޭނުން ކުރާ ފަދަ ޕްރެޒެންޓޭޝަންތަކެއްކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެކި އުމުރުފުރާގެ ކުދިން ވަނީ ބައިވެރިވެ އެކުދިންގެ އާއިލާތަކާއެކު އުފާވެރި ވަގުތުކޮޅުތަކެއް ހޭދަކޮށްފައެވެ. ކުދިންވަނީ އެކުދިންގެ ޝުއޫރުތައް ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަތް ގެންދިޔަ ހަރަކާތްތައް ހަވީރު 4:00 އިން 6:00 ހަރަކާތްތައް ވަނީ ކުރިއަތް ގެންގޮސްފައެވެ. އަދި ރޭގަނޑު 8:00 އިން 10:00 ބޭންޑް އަދި ބޮޑުބެރު ހަރަކާތްތައް ކުރިއަށް ދާނެކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ