ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ސިއްހީ ދާއިރާގެ 57 މަޝްރޫއުގެ ތެރެއިން 34 މަޝްރޫއު ވަނީ ހުއްޓިފައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ސިއްހީ ދާއިރާ އިން ހަވާލުކޮށްފައިވާ 57 މަޝްރޫއުގެ ތެރެއިން، ނުހިނގާ 34 މަޝްރޫއުއެއް ހިމެނޭ ކަމަށް ހެލްތު މިނިސްޓަރު ހަލީލު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަލީލު ވިދާޅުވީ، ސިއްހީ ދާއިރާ އިން ހަވާލުކޮށްފައިވާ 57 މަޝްރޫއުގެ ތެރެއިން، 34 މަޝްރޫއު ހުއްޓިފައިވާ ކަމަށެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުރެވުނު މަސައްކަތްތަކުގެ އަލީގައި، މިނިސްޓަރު ވިދާޅުވި ގޮތުގައި، އޭގެތެރެއިން 20 މަޝްރޫއުއެއްގެ މަސައްކަތް ފެށުނެވެ.
”އެހެންނަމަވެސް ކަން ދިމާކުރި ގޮތުން 14 ޕްރޮޖެކްޓެއް އެއްގޮތަކަށް ވެސް ފެށޭ ގޮތެއް ނުވޭ.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހެލްތު ދާއިރާގެ ޕީއެސްއައިޕީ މަޝްރޫއުއަށް ބަޖެޓުގައި ވަނީ، ދަރަންޏަށް ކެނޑުމަށްފަހު 200 މިލިއަނެއްހައި ރުފިޔާ ކަމުގައިވާއިރު، ކުރީ ސަރުކާރުން ސިއްހީ ދާއިރާ އިން ހަވާލު ކުރި މަޝްރޫއުތަކަށް 600 މިލިއަން ރުފިޔާ އަރާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިއީ އެމްޑީޕީން އޭރު ގައުމު ހިންގަން އުޅުނު ގޮތުގެ މިސާލެއް ކަމަށެވެ.
ރައީސް މުއިއްޒު ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވަނީ، ގައުމު ދަރަނީގެ ހާލަތުން ސަލާމަތްކޮށް، ކަންކަން ރަނގަޅު ކުރުމަށް ކަމަށާއި، އެމަނިކުފާނުގެ އެ ބަސްފުޅާ އަމަލުފުޅު ދިމާ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ